ހުޅުމާލޭގައި ކަފިހިހުރަސްމަތިން މަގުހުރަސްކުރި މީހެއްގެ ގައިގައި ކާރުން ޖެހި ކަށިމަތި ބިނދުމުންވެސް ކާރު މަޑުނުކޮށް ދިޔަ ޑްރައިވަރު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ހުޅުމާލެ ފޭސް ދޭއްގެ އެމްއޭސީއެލް ޓަވަރު ކައިރިން މަގު ހުރަސްކުރި 63 އަހަރުގެ މީހެއްގެ ގައިގައި ކާރުންޖެހި ކަށިމަތި ބިނދުނު މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ ކަމަށެވެ. މި އެކްސިޑެންޓުގައި އަނިޔާވި މީހާއަށް ފަރުވާދެމުންދަނީ އައިޖީއެމް ހޮސްޕިޓަލުގައެވެ.
"މި މައްސަލައާ ގުޅިގެން، ސީސީޓީވީ ފުޓޭޖު ބަލައި އެ ކާރު ހޯދައި ކާރު ދުއްވި މީހާ، ޏ. ފުވައްމުލައް، ދަޑިމަގު، ނައިސް، ޚާލިދު ޢަބްދުﷲ ޢަލީ، 57، ވަނީ ހައްޔަރުކޮށްފައެވެ. މީނާ ހައްޔަރުކޮށްފައިވަނީ މި ސެޕްޓެންބަރު މަހުގެ 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުންނެވެ." ފުލުހުންގެ ބަޔާނެއްގައި ވެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment