Support Us

މުލަކުގެ މަސްވެރިކަމުގެ ތަރައްގީގެ ޕްލޭން ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރައްވައިފި

މ. މުލަކުގައި ވަށާޖެހޭ ގޮތެއްގައި މަސްވެރިކަން ފުޅާކުރުމަށް ފައްޓަވައިފައިވާ އަދި ހިންގެވުމަށް ރާއްވަވައިފައިވާ މަސައްކަތްތަކުގެ އަދާހަމަ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ރަށުގެ ރައްޔިތުންނާ ހިއްސާކުރައްވައިފިއެވެ.

އެމަނިކުފާނު މި މައުލޫމާތުތައް ހިއްސާކުރައްވާފައިވަނީ، ހަތަރު އަތޮޅަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މުލަކު ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.

އެގޮތުން މިރޭ ސޮއިކުރި، 30 ޓަނުގެ އައިސްޕްލާންޓެއް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން، މިހާރު ކުރިއަށްދާ ކޯލްޑް ސްޓޯރޭޖް ޤާއިމުކުރުމުގެ މަޝްރޫޢާއި، އަންނަ ޖަނަވަރީ މަހު އެ ރަށުގައި ފެށުމަށް ހަމަޖެހިފައިވާ ފިއުލް ސްކިޑްގެ މަސައްކަތާއެކު ރަށުގެ މަސްވެރިކަމަށް ކުރިއެރުން ލިބިގެންދާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، މަސްވެރިކަމުގެ ސިނާޢަތް އޮތީ ވަރަށް ބޮޑަށް ވަޅުޖެހިފައި ކަމަށާއި، އެހެންނަމަވެސް، މަސްވެރިންނަށް ދޭންޖެހޭ ފައިސާދިނުމުގެ ދެމެހެއްޓެނިވި ނިޒާމެއް ކަނޑައަޅުއްވައި، ބިނާރާއި ވަޞީލަތްތައް ޤާއިމުކުރައްވައިގެން، އެ ސިނާޢަތް ނަގާ ކޮޅަށްޖެހުމަށް މި ސަރުކާރުން އިސްކަންދެއްވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަށުގެ ތަރައްޤީއަށް ތާވަލުކުރެވިފައިވާ އެހެނިހެން މަސައްކަތްތަކަށް އިޝާރާތްކުރައްވަމުން، މި އަހަރު ތެރޭ، 50 ހައުސިން ޔުނިޓުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަން އެމަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި ބާރު ދުވެލީގައި ބަނދަރުގެ މަސައްކަތް ނިންމައި، ރަށްގިރުމުގެ މައްސަލައަށްވެސް ޙައްލު ހޯއްދަވައިދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މާދަމާ ޢަމަލީ މަސައްކަތް ފެށުމަށް ނިންމަވާފައިވާ ސިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތަށް އިޝާރާތްކުރައްވަމުން، އެއީ ސަރަޙައްދީ ފެންވަރެއްގައި ލުއިފަސޭހަތަކެއް ލިބިގެންދާނޭ މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މަގުހެދުމުގެ މަޝްރޫޢާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރުގެ މަޝްރޫޢު، ގިނަވެގެން ހަތަރު މަސް ދުވަހުގެ ތެރޭގައި ނިމޭނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

އަންނަ އަހަރުގެ މާރިޗުގެ ކުރިން ރަށުގެ އިރުމަތީ ޖެޓީގެ ޢަމަލީ މަސައްކަތް ފައްޓަވައި، ދިރާސީ އާ އަހަރަށް ސްކޫލްގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވާނޭ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފުލުހުންނަށް ވެހިކަލެއް ނުލިބި 14 ވަރަކަށް އަހަރު ވެފައިވާ މައްސަލައަށް އަންނަ އޮކްޓޯބަރު މަހު، ނިމުމެއް ގެނެސްދެއްވާނޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *