މީގެ 60 އަހަރު ކުރިން ދިވެހިރާއްޖެ އދ.ގެ މެމްބަރު ޤައުމަކަށް ވުން އެއީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދިވެހިރާއްޖެ އދ.ގެ މެންބަރަކަށްވިތާ 60 އަހަރު ފުރުމުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ފޮނުއްވި މެސެޖުގައި މީގެ 60 އަހަރުކުރިން ދިވެހިރާއްޖެ އދ.ގެ މެމްބަރު ޤައުމަކަށް ވުން އެއީ، ރާއްޖެއަށް ލިބުނު އުއްމީދަކާއި އަޒުމެއްކަން ފާހަގަކުރައްވައި އެއީ، ބައިނަލްއަޤްވާމީ ގޮތުން އެކި ޤައުމުތަކާ ގުޅުން ބަދަހިކުރުމަށް ލިބުނު ބާރެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މުނާސަބަތަކީ ތާރީޚީ ނިންމުމެއްގެ އިތުރުން، ރާއްޖެއާއި އދ.އާ ދެމެދު އޮންނަ ގުޅުން ބަދަހިވެގެންދާ ކަމެއް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ދިވެހިރާއްޖެއިން އދ.ގައި އަދާކުރާ ރޯލް ފާހަގަކުރައްވައި، އދ. އަކީ ރާއްޖޭގެ ތަރައްޤީގައި މުހިންމު ރޯލެއް އަދާކޮށްފައިވާ ބައިވެރިއެއްކަން ފާހަގަކުރެއްވިއެވެ. ޚާއްޞަ ގޮތެއްގައި ޞިއްޙީ ދާއިރާގެ ކުރިއެރުމާއި، ތަޢުލީމީ ދާއިރާގެ އިތުރުން ގަވަނަންސް އާއި އިންސާނީ ހައްގުތަކުގެ ދާއިރާއިން ލިބިފައިވާ ކުރިއެރުން ފާހަގަކުރެއްވިއެވެ.
ދިވެހިރާއްޖެއިން އދ.ގައި ބައިވެރިވުމަކީ ދުނިޔޭގެ ކުދި ޤައުމުތަކަށްވެސް ލިބުނު އުއްމީދެއް ކަމުގައި ރައީސް ސިފަކުރެއްވިއެވެ.
"އަޅުގަނޑުމެން ދައްކައިފައި މިވަނީ، އެންމެ ކުދި ގައުމުތަކަށްވެސް ސުލްހައާއި އިންސާފާއި ދެމެހެއްޓެނިވި ތަރައްޤީއަށް ޙިއްޞާ ކޮށްދެވޭނެކަން،" އެމަނިކުފާނުގެ މެސެޖުގައި ވިދާޅުވި އެވެ.
މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން ދިވެރިރާއްޖެއިން އދ.ގައި ދައްކައިފައިވާ ހަރުދަނާ ލީޑަޝިޕަށް އަލިއަޅުއްވާލައްވައި، ތަރައްޤީވަމުން އަންނަ ޤައުމުތަކާއި ކުދި ޖަޒީރާ ޤައުމުތަކުގެ އަޑު އުފުލުމަށް ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވައި، އަންނަން އޮތް ޖީލުތަކަށް ދުނިޔެ ހިމާޔަތްކޮށް ރައްކާތެރި ކުރުމަށް އެމަނިކުފާނު ގޮވާލެއްވި އެވެ.
އަދި މުޅި ދުނިޔެއަށް ދިމާވެފައިވާ އެކިއެކި ގޮންޖެހުންތަކުން އަރައިގަތުމަށް އދ. އާއި އެހެން ޖަމާޢަތްތަކުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އޭގެ ހެއްކެއްގެ ގޮތުން، މިހާރު ފަލަސްތީނުގެ ޣައްޒާގައި ހިނގަމުންދާ އަނިޔާވެރިކަން ފާހަގަކުރައްވައި އެކަމުން އަރައިގަތުމަށް ޤައުމުތަކުން ގުޅިގެން ގޮތެއް ނިންމުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައި ވަނީ، ހުރިހާ ޤައުމުތަކުން ގުޅިގެން އިންސާފުވެރި، ހުރިހާ ފަރާތެއްގެ ޝާމިލްވުން ހިމެނޭ، އަދި ދެމެހެއްޓެނިވި ދުނިޔެއެއް ބިނާކުރުމަށް ރާއްޖެއިން އަބަދުވެސް އެއްބާރުލުން ދޭނެކަން ކަށަވަރުކޮށްދެއްވަމުންނެވެ.



advertisment