ޤައުމީ މުނާސަބަތުން ވަތަން ގުގުމާލައޭ މި ޝުއޫރުގައި
ޤައުމަށްޓަކައި ޤުރުބާން ވުމަށް ދިވެހިން ތިބީ ތައްޔާރުގާ
ޝައުޤާ އެކީ އެއްބައިވެ ތިބެ ކުރިޔަށް ހިނގާ! ޤައުމަށްޓަކައި
ކަނޑުގައިވިދާ ފެހިމުތްތަކެއް ތަޞްވީރުވާ ނަލަ ރަށްތަކާ
ކަނޑުރޯދި އޭގާ އެކުލެވޭ މުއްސަނދިވިފުން މަސްކަނޑުތަކާ
އަޑުމަޑު ހިމޭން މާޙައުލުގާ ފިނިހޫނުހެޔޮ މޫސުން ތަކާ
ކަނޑައެޅި ދިވެހި މިލްކިއްޔަތަށް ލިބިފައިވެޔޭ ޤައުމަށްޓަކައި
އުނގެނޭ މިގިނަ އުނގެނުންތަކާ އެދުރުންގެ މާތް ޚިދުމަތްތަކާ
އެނގެމުން މިދާ ގިނަކަންކަމާ މަންފާ ލިބޭހާ ކަންތަކާ
ހިނގަމުންމިދާ ޙަރަކާތްތަކާ ހުނަރާއި ފަންނުގެ ރޮނގުތަކާ
ރަނގަޅަށްބަލައި ބޭނުންކުރަން ޖެހެޔޭ އަބަދު ޤައުމަށްޓަކައި
ދިނާ ބަހާއި ޘަޤާފަތާ ބަޠަލުންގެ މާޒީ ޚިދުމަތާ
ހީނަރުނުކޮށް ދިރުވައިއެއިން ލިބިދޭ ތަފާތުވި ޢިބުރަތަށް
ފީނައިއެއިން ބައްޓަންކުރަން ކުރިމަގު ދަރިންގެ ސަލާމަތަށް
ޖާނާ ހިތަށް ކާނާ ދެމުން ދާންވީ، އެއިން ޤައުމަށްޓަކައި
