ސުޝާންތްގެ މަރުގެ މައްސަލައިގައި، ރިއާ ޗަކްރަބަތީ ހައްޔަރުކުރިތާ އެއް ދުވަސް ފަހުން އޭނާ މުމްބާއީގެ ބައިސޫލާ ޖަލަށް މިއަދު ހެނދުނު ބަދަލުކޮށްފިއެވެ. ރިއާ ޖަލަށް ލާފައި ވަނީ 14 ދުވަހަށެވެ.
ވީޑިއޯ މެދުވެރިކޮށް ރޭ ބޭއްވި އަޑުއެހުމުގައި ރިއާގެ ބެއިލްއަށް މެޖިސްޓްރޭޓް ވަނީ ދެކޮޅުހަދައިފައެވެ.
އުމުރުން 28 އަހަރުގެ ރިއާ ރޭ ހޭދަކުރީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯގެ އޮފީހުގައެވެ. އަދި ބެއިލްގެ އަޑުއެހުން ހަމަޖައްސާފައި ވަނީ މާދަމާއަށެވެ.
ބައިސޫލާ ޖަލަކީ މުމްބާއީގައި ހުރި ހަމައެކަނި އަންހެނުންގެ ޖަލެވެ. މި ޖަލުގައި ޝީނާ ބޯރާގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި އިންދިރާނީ މުކަރްޖީއާއި، އެކްޓިވިސްޓް ސުދާ ބަރްދްވާޖް ފަދަ ހައި ޕްރޮފައިލް ކުށްވެރިން ބައިތިއްބާފައިވެއެވެ.
ރިއާ ހައްޔަރު ކުރީ ސުޝާންތަށް ޑްރަގް ފޯރުކޮށްދިން ކަމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި 10 އަހަރުގެ ޖަލު ހުކުމެއް ރިއާއަށް އަތުވެދާނެ ކަމަށް ބެލެވެއެވެ.