Support Us

ތާރީޚުގެ ތެރެއިން ފޮތް: ލިޔެކިޔުމުގެ ތަރައްޤީ

ލިޔަންކިޔަން އެނގޭ ފަރުދުންތަކެއް ބިނާކުރުވުމަކީ އިންސާނުންގެ ވިސްނުމާއި ޙަޟާރަތު ކުރިއެރުވުމަށް މަގުފަހިކޮށްދިން މުހިންމުކަމެކެވެ. ލިޔެކިޔުމުގެ ޒަރީޢާއިން، އެއް ޖީލުން އަނެއް ޖީލަށް މަޢުލޫމާތު ރައްކާކުރުމާއި، ފޯރުކޮށްދިނުމާއި، ޢިލްމު ފެތުރުމާއި، އާ ޚިޔާލުތައް ހިއްސާކުރުމުގެ ދޮރު ހުޅުވިގެން ދިޔައެވެ.

އިންސާނީ ތާރީހުގައި ތަހުޒީބާ ކުރިއެރުންތައް ހާސިލުވެފައި ވަނީ މިގޮތުން ލިޔެކިޔުމުން ފޯރުކޮށްދޭ އިލްމުގެ ޒަރީއާއިންނެވެ. ނަމަވެސް ވަރަށް ފަހާ ޖެހެންދެން ލިޔެކިޔުމުގެ އިލްމަކީ އުނގެނުމަކީ ކޮންމެ މީހަކަށް ލިބިފައިވާ ހައްގެއް ނޫނެވެ. ރާއްޖޭގައިވެސް މިދިޔަ ގަރުނުގެ މެދަކާ ހަމައަށް ޖެހެން ދެންވެސް ލިޔެކިޔަން ނޭގޭ މީހުން ވަރަށް ބައިވަރު ތިއްބެވެ. މީގެ މައިގަނޑު އެއް ސަބަބަކީ ލިޔެކިޔުމަށް ގެންގުޅޭ އާލާތްތަކު ގެ އަގުބޮޑުކަމާ އެކަމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުން، ޒަރޫރީ ބޭނުންތައް ފުއްދުމުގެ މައްޗަށް ލިޔަންކިޔަން އުނގެނުމަށް އެހާ ބޮޑު އަހައްމިއްޔަތެއް ނުދެވުނީމައި ކަމަށް ވެދާނެއެވެ.

ނަމަވެސް މައުލޫމާތުގެ ހަޒާނާ މުއްސަނދިކުރުމަކީ އެންމެ ކުރިންސުރެވެސް އިންސާނީ ކުރިއެރުމަށް މުހިންމުކަމެއް ކަމުގައި ގިނަ ބަޔަކު ވަނީ ގަބޫލުކޮށްފައެވެ. އެހެން ކަމުން އެންމެ ކުރިން ފެށިގެންވެސް އިންސާނުން މަޢުލޫމާތު ރައްކާކޮށް، އެއް ޖީލުން އަނެއް ޖީލަށް ފޯރުކޮށްދިނުމަށް އެކި ގޮތްގޮތް ބޭނުންކޮށްފައިވެއެވެ. މިއަދުގެ ބާޒާރުގައި ފޮތާއި، ދެލި، އަދި ކަރުދާސް އަގުހެޔޮ ކަމާއެކުގައި ލިބެން ހުއްޓަސް މިހިސާބަށް އަންނަން ވަރަށް ގިނަ ޒަމާންތަކެއް ނެގިއެވެ. އަހަރުމެންނަށް ފޮތްތައް މިހާރު ފެންނަ ސިފައަށް ވާސިލުވާންވެސް ވަރަށް ގިނަ މަރުހަލާތައް ކަނޑަތުކުރަން ޖެހުނެވެ.

ކުރީ ޒަމާނުގައި، މަޢުލޫމާތު ރައްކާކުރުމަށް ބޭނުންކުރި އާލާތްތަކަށް ކީ މެނުސްކްރިޕްޓެވެ.

މީގެ ތެރެއިން އެއް ބާވަތަކީ ސްކްރޯލް ނުވަތަ އޮޅާލެވޭ ދިގު ކަރުދާހެވެ. މިސްރުގައި ޕެޕިރަސް ގަހުގެ ދަނޑި ނޮޅައިގެން އެތެރޭގައިވާ ބައިން މި ބޯ ކަރުދާސް އުފެއްދިއެވެ.

ރޯމުގައި ޖަނަވާރުގެ ހަން ބޭނުންކުރި އިރު، އެންމެ ގަދީމީ ގުރުއާން ވެސް ލިޔެގެން ގެންގުޅުނީ ވަކަރާއި ޖަމަލު ކަށި ފަދަ އާލާތްތަކުގައެވެ.

ދިވެހިރާއްޖޭގައި ލޯ ފަތްކޮޅުތައް ބޭނުންކުރިއެވެ.

ޗައިނާގައި ވަރަށް އިހުއްސުރެން ގަސްގަހުގެ ފައިބަރުން ކަރުދާސް އުފެއްދިއެވެ.

ރޯމުން އީޖާދުކުރި ކޯޑެކްސްއަކީ ދެ ކަވަރުގެ ދޭތެރޭގައި ލިޔެފައިވާ މެނުސްކްރިޕްޓް ރައްކާކުރާ ނިޒާމެކެވެ. މިއީ މިއަދުގެ ފޮތްތަކާ ހަމައަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

ޗައިނާގައި، 200ވަނަ ގަރުނުގައި ވުޑްބްލޮކް ޕްރިންޓިން އީޖާދުކުރިއެވެ. މިއީ ގަހުގެ ވަކަރުގައި ލިޔެ، ދެލި އުނގުޅައިގެން ކަރުދާހުގައި ޕްރިންޓްކުރާ ގޮތެކެވެ. މި މަރުހަލާއަށް ވަގުތު ނެގިޔަސް، އަތުން ލިޔެގެން ލިޔެކިޔުން ނަކަލުކުރުމަށް ވުރެ ފަސޭހަ މަރުހަލާއެކެވެ. މިހެންވުމުން މަޢުލޫމާތު ރައްކާކުރުމާއި ފެތުރުން ފަސޭހަވެގެން ދިޔައެވެ.

ފަނަރަ ވަނަ ޤަރުނުގައި ޖޮހަންސް ގުޓެންބަރގް ޕްރިންޓިން ޕްރެސް އީޖާދުކުރުމާއެކު، ވަކިވަކި އަކުރުތައް ބޭނުންކޮށްގެން ޕްރިންޓްކުރުމުގެ ޓެކްނޮލޮޖީ ތަޢާރަފުވިއެވެ. މިއާއެކު ފޮތް އުފެއްދުމުގެ ދާއިރާގައި އިންޤިލާބީ ބަދަލެއް އައެވެ.

ނަވާރަ ވަނަ ޤަރުނުގައި ކަރަންޓު އީޖާދުވެ، އޮޓޮމެޓިކް ޕްރިންޓިން މެޝިންތަކާއި، ގަސްގަހުގެ ވަކަރުގެ މަދުން ކަރުދާސް އުފައްދާ މެޝިންތައް އީޖާދުވުމާއެކު، ފޮތް އުފެއްދުމުގެ މަސައްކަތް އިތުރަށް ހަލުވިވެ، އަގުހެޔޮވެގެން ދިޔައެވެ. މީގެ ސަބަބުން ޢާންމު ރައްޔިތުންނަށްވެސް ފޮތްތައް ލިބޭ މިންވަރު އިތުރުވިއެވެ. އަދި ލިޔަންކިޔަން ދަސްކުރުން ފުޅާވެ މީހުންނަށް ފޮތްތައް ބޭނުންކޮށްގެން މައުލޫމާތު ހޯދުމުގެ ޝައުގު އިތުރުވެގެން ދިޔައެވެ. ފޮތްކިޔަން ބޭނުންކުރާ ލައިބްރަރީތައް އާންމުވެގެން ދިޔައެވެ.

މިއަދު ހޯދިފައިވާ ޓެކްނޮލޮޖީގެ އެހީގައި، މަޢުލޫމާތު ހޯދުމާއި، ރައްކާކުރުމާއި، ފެތުރުން ވަނީ ކުރީގެ އެއްވެސް ޒަމާނަކާ އަޅާނުބެލެވޭހާ ފަސޭހަވެފައެވެ. އިންޓަނެޓްގެ ޒަރީޢާއިން، ދުނިޔޭގެ އެންމެ ދުރު ކަންކޮޅުތަކުގައި ތިބި މީހުންނަށްވެސް، އެއް ސިކުންތުން އަނެއް ސިކުންތަށް މަޢުލޫމާތު ބަދަލުކުރެވެއެވެ. މީގެ ސަބަބުން، ތަޢުލީމާއި ޢިލްމީ ދިރާސާތަކުގެ ދާއިރާގައި ކުރިން ނުދެކޭ ފަދަ ކުރިއެރުންތަކެއް ވަނީ ހާސިލުކުރެވިފައެވެ.

އެހެން ނަމަވެސް، މި ހުރިހާ ކުރިއެރުމަކާއެކުވެސް، ޗާޕުކޮށްފައިވާ ފޮތްތަކުގެ އަގު އަދިވެސް ވަނީ ދެމެހެއްޓިފައެވެ. ގިނަ ބަޔަކު އަދިވެސް އަތުން ހިފައިގެން ކިޔާ ފޮތްތަކަށް އިސްކަންދެއެވެ. ފޮތް ފެއަރއެއް މިހާރުވެސް ބާއްވައިފިއްޔާ އެތަނަށް ފޮތް ގަންނަން މީހުން ވަދެ ފުރާލައެވެ.

ކުރިމަގުގައި، އާޓިފިޝަލް އިންޓެލިޖެންސާއި އޮގްމެންޓެޑް ރިއަލިޓީ ފަދަ ޓެކްނޮލޮޖީތަކުގެ ތަރައްޤީއާއެކު، ލިޔެކިޔުމާއި މަޢުލޫމާތު ހިއްސާކުރުމުގެ ދާއިރާގައި އިތުރު އީޖާދުތަކާއި ކުރިއެރުންތައް ފެންނާނެ ކަމަށް ލަފާކުރެވެއެވެ. ނަމަވެސް، މި ހުރިހާ ކުރިއެރުމަކާއެކުވެސް، ފޮތްތަކާއި ލިޔެކިޔުކިޔުމުގެ އަސްލު މަޤްޞަދަކީ މަޢުލޫމާތު ރައްކާކުރުމާއި، ފެތުރުމާއި، ޢިލްމު އުނގެނުމާއި، އިންސާނީ ވިސްނުން ތަރައްޤީކުރުންކަން ހަނދާންކޮށްލުން ވަރަށް މުހިންމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *