Support Us

ޗައިނާގެ ރައީސްގެ ދެކަނބަލުން ދެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައިފި

ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ޕަންގ ލީއުޔަން، އިންތިޒާމުކުރެއްވި ރަސްމީ ޖާފަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

މި ޚާއްޞަ ޖާފަތް ބޭއްވެވީ ޓިއަންޖިން މެއިޖިއަންގ ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރުގައެވެ. މި ޖާފަތަކީ، ޗައިނާގެ ޓިއަންޖިންގައި ކުރިއަށްދާ ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސް.ސީ.އޯ) ސަމިޓުގައި ބައިވެރިވެވަޑައިގަންނަވާ ޤައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކާއި މަލްޓިލެޓެރަލް އެޖެންސީތަކުގެ އިސްވެރިންގެ ޝަރަފުގައި އިންތިޒާމުކުރައްވާފައިވާ ޖާފަތެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރައްވާ މި ދަތުރުފުޅަކީ ރައީސް ޝީ ޖިންޕިންގެ ދަޢުވަތަކަށް، އެސް.ސީ.އޯ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިއީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރެއްވުމަށްފަހު އެމަނިކުފާނު ޗައިނާއަށް ކުރައްވާ ދެވަނަ ދަތުރުފުޅެވެ.

އެސް.ސީ.އޯ އަކީ 2001 ވަނަ އަހަރު އުފެދުނު، ޔޫރޭޝިއާ ސަރަޙައްދުގައި ސިޔާސީ، އިޤްތިޞާދީ އަދި ސަލާމަތީ އެއްބާރުލުން ކުރިއެރުވުމަށް މަސައްކަތްކުރާ މުހިންމު ސަރަޙައްދީ ޖަމުޢިއްޔާއެކެވެ. މި ޖަމުޢިއްޔާއިން މެމްބަރު އަދި ބައިވެރިންގެ ގޮތުގައި ހިމެނޭ ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި މުހިންމު އިސްތިރާޖީ ކަންކަމުގައި އެހީތެރިވެދީ އެއްބާރުލުންދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *