ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ވިޔަފާރި ކުންފުނި ކަމަށްވާ އެމެޒޯންގެ ފައުންޑަރު، އަދި ދުނިޔޭގެ ތިން ވަނައަށް އެންމެ މުއްސަނދި މަހުޖަނު ކަމަށްވާ ޖެފް ބޭޒޯސް، އޭނާގެ މަންމަ ޖެކީ ބޭޒޯސް މި މަހު ނިޔާވުމާ ގުޅިގެން މާމެލާމެލީގެ ހަމްދަރުދީއެއް ބޭނުން ނުވާ ކަމަށް ޖެފްގެ އާއިލާއިން ބުނެފިއެވެ.
"މަންމަ މިއަދު (14 އޯގަސްޓް 2025) ގައި ނިޔާވީ އޭނާ ދެކެ ލޯބިވާ އެތައް ބައެއްގެ ހާޒިރުގައި. މަންމަގެ އެންމެ ފަހު ވަގުތުކޮޅުގައި ވެސް އަހަރެމެންގެ ލޯބި އޭނާއަށް އިހުސާސް ކުރެވުނުކަން އަހަރެންނަށް އެނގޭ،" އުމުރުން 78 އަހަރުގައި ޖެކީ ނިޔާވި ދުވަހު އުމުރުން 61 އަހަރުގެ ޖެފް އިންސްޓަގްރާމްގައި ބުނެފައިވެއެވެ.
މިލްކިއްޔާތުގައި 215 ބިލިއަން ޑޮލަރު (ތިން ޓްރިލިއަން ނުވަތަ 3،000 ބިލިއަން) ހުރި ޖެފްގެ އާއިލާގެ ފައުންޑޭޝަނުން މިހާރު ބުނަނީ "މާ ދިނުމުގެ ބަދަލުގައި އެދެނީ ހިލޭސާބަހަށް މަސައްކަތް ކުރާ ފަރާތްތަކަށް ހައިރާތު ކުރުމަށާއި ސީދާސާދާ ކުދިކުދި ހެޔޮ ކަންތައްތައް މީހުންނަށް ފޯރުކޮށްދިނުމަށެ"ވެ.
ޖެކީ ނިޔާވީ އެމެރިކާގެ ފްލޮރިޑާ ސްޓޭޓްގެ ވެރިރަށް ޓެލަހަސީގައި ހުންނަ ގޭގައި އަމާންކަމާއެކުއެވެ. އޭނާ ދިޔައީ "ލުއީ ބޮޑީ ޑެމެންޝާ" (އެލް.ބީ.ޑީ) ނަމަކަށް ކިޔާ، ސިކުނޑީގެ ހިނގުމަށް ނޭދެވޭ އަސަރު ކުރުން ކުރިއަށްދާ ހާލަތަކާ، ދިގު މުއްދަތެއްގައި ހަނގުރާމަކޮށްފައެވެ.

އެލް.ބީ.ޑީ ޖެހުމުން ޕްރޮޓީން މާއްދާ އާދަޔާ ހިލާފަށް ސިކުނޑީގެ ތެރޭގައި އަށަގަނެ، މީހާގެ ވިސްނުން ހިންގުމާއި ހަރަކާތްތެރިކަމާއި އުޅުމުގެ ވައްޓަފާޅި އަދި މޫޑަށް ބަދަލު ގެނުވައެވެ.
އެލް.ބީ.ޑީގެ އާއްމު އަލާމާތްތަކުގެ ތެރޭގައި "ހެލޫސިނޭޓް" ކުރުން ނުވަތަ މާހައުލުގައި ނެތް އެއްޗެހި ފެނުން، މީހާ ކަންތައްތަކަށް ސަމާލުކަން ދޭ ގޮތް އެކި ފަހަރު އެކި ގޮތަށް އެނބުރުން، "ޕާކިންސަންސް ޑިސީސް" ފަދަ ހަށިގަނޑު ތުރުތުރުލައި ހާލަތާ އެއްގޮތަށް މީހާގެ ހަރަކާތްތެރިކަން ގެންގުޅެން އުނދަގޫވުން، އަދި ނިދި ހަލާކުވުން ހިމެނެއެވެ.
ހިތަށް އަސަރުކޮށްފައިވާ އިންސްޓަގްރާމްގެ ޕޯސްޓްގައި ޖެފް ވަނީ އެހެން މީހުން ދެކެ، ހަނގުރާމައެއް ކާމިޔާބު ކުރާ ޒާތުގެ މިންވަރަކަށް ޖެކީ ދެއްކި ދެގޮތެއް ނުވާ ލޯތްބަށް ޝަރަފު އަރުވައިފައެވެ.
"އޭނާ ވަނީ އެހެން މީހުންގެ ފަރާތުން އެއްވެސް ކަމަކަށް އެދުނު ވަރަށް ވުރެ މާބޮޑަށް އެހެން މީހުންނަށް އަބަދުވެސް ކަންތައްތައް ކޮށްދީފައި،" ޖެފް އިތުރަށް ބުނެފައިވެއެވެ.

ޖެފްގެ އާއިލީ ފައުންޑޭޝަނުން ޖެކީ ހަނދާންކޮށްފައިވަނީ ކޮންމެ މީހެއް އަދި ކޮންމެ ކަމެއް ވެސް އިތުރަށް ތަރައްގީކުރުމަށްޓަކައި ފަރުވާތެރިކަން ބަހައްޓައި އަދި ހިތްވަރު ދޭ "ނާޗަރިން ފޯސް" ނުވަތަ "ބެލެނިވެރި ބާރެއް"ގެ ގޮތުގައެވެ. އެ ގޮތުން އެ ފައުންޑޭޝަންގެ ދެވަނަ ހިއްސާދާރުކަން ކުރުމާއި އެ ފައުންޑޭޝަންގެ އަމާޒުތައް ބައްޓަން ކުރުމުގައި ދެއްކި ފުން ހަމްދަރުދީ އާއި އެހެން މީހުންގެ ކެކުޅުންތަކަށް ހުރި ކަންބޮޑުވުމާއި އަދި އެ ވޭންތައް ހަމައަކަށް އަޅުވައިދިނުމަށް ބެހެއްޓި ވަރުގަދަ ލޯބި ފާހަގަ ކުރިއެވެ.
އާދައިގެ ހިދުމަތްތަކަށާއި ކުރިއަރައިފައިވާ "މަސްނޫއީ ވިސްނުން" ނުވަތަ "އާޓިފިޝަލް އިންޓެލިޖެންސް" (އޭ.އައި) އަދި "މެޝިން ލާނިން ޓޫލްސް"އަށް ބޭނުންވާ، އޮންލައިންކޮށް ޑޭޓާ ނުވަތަ މައުލޫމާތު ރައްކާކޮށްފައި ބެހެއްޓުމަށް "ކްލައުޑް ޕަވާހައުސް"ގެ ހިދުމަތް ވެސް ދޭ، އެންމެ ކުރީގައި އޮތީ ޖެފްގެ އެމެޒޯންއެވެ.
އެ ކުންފުނިން މި ވަގުތު ބޭނުން ކުރަމުންދާ ޝިއާރަކީ "ސްޕެންޑް ލެސް، ސްމައިލް މޯ"އެވެ. މާނައީ، "މަދުން ހޭދަކުރާށެވެ، ހިނިތުންވުން އިތުރުކުރާށެވެ." ކުންފުނީގެ ސުލޫކީ އިހްސާސްތައް މުވައްޒަފުންނަށް ދޭހަކޮށްދޭން އެމެޒޯންއިން ބޭނުން ކުރަނީ "ވޯކް ހާޑް، ހޭވް ފަން، މޭކް ހިސްޓްރީ"އެވެ. މާނައީ، "ގަދައަޅާ މަސައްކަަތްކުރާށެވެ، މަޖާ ކުރާށެވެ، ތާރީހު ބިނާކުރާށެވެ،"އެވެ.
އެމެޒޯންއިން އާއްމު ގޮތެއްގައި ކުންފުނި މާކެޓް ކުރަނީ ކޮންމެ މުދަލަކާއި ހިދުމަތެއް ފޯރުކޮށްދެވިދާނެކަން ހާމަކޮށްދިނުމަށް "އެވްރީތިން ފްރޮމް 'އޭ' ޓު 'ޒެޑް'"ގެ ޝިޔާރެވެ. އިނގިރޭސި ބަހުގެ ފުރަތަމަ އަކުުރު ކަމަށްވާ 'އޭ' އިން ފެށިގެން ފަހު އަކުރު ކަމަށްވާ 'ޒެޑް' ނުވަތަ ބައެއް މީހުން ކިޔާ ގޮތުން 'ޒީ' ފަހަތަށް ލައިގެން "އެވްރީތިން ފްރޮމް"އިން ދޭހަކޮށްދެނީ ކޮންމެ އަކުރަކުން ފެށޭ، ނުވަތަ އެހެން ގޮތަކަށް ބުނާ ނަމަ، ކޮންމެ މުދަލެއް އަދި ހިދުމަތެއް ވެސް ފޯރުކޮށްދެވިދާނެ ކަމަށެވެ.
މި މަހުގެ ފަހުކޮޅަށް އެޅިއިރު އެ ކުންފުނީގެ އަގަކީ 2.47 ޓްރިލިއަން ޑޮަލަރު (38 ޓްރިލިއަން ނުވަތަ 38،000 ބިލިއަން ރުފިޔާ)އެވެ.



advertisment