Support Us

ވައިކަރަދޫގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ހުޅުވަނީ

ހދ. ވައިކަރަދޫގައި އަންނަ އަހަރުގެ ކުރީކޮޅު ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް އަޅުއްވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މިކަމުގެ ޔަޤީންކަން ދެއްވީ ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ވައިކަރަދޫއަށް ވަޑައިގެން، ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަށުގައި ކީރިތި ޤުރުއާނާބެހޭ މަރުކަޒުގެ ގޮތްޕެއް ޤާއިމުކޮށްދިނުމަށް ވައިކަރަދޫ ކައުންސިލުންވެސް އެދިފައިވާކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ އެ ރަށުގައި ޤުރުއާނަށް ލޯބިކުރާ، އަދި ރީތިކޮށް ޤުރުއާން ކިޔަވާ ޤާރީން ގިނަކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވައިކަރަދޫ ބަނދަރު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށް އެމް.ޓީ.ސީ.ސީ އާއެކު ވަނީ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ. އަދި، ބަނދަރުގެ މަސައްކަތް ނިމިގެންދާނީ، މޫދަށް އެރޭނެ ސަރަހައްދަކާ އެކު، މިހާރު ބަނދަރުގައި ހުރި ހުރިހާ މައްސަލަތަކެއް ހައްލުކޮށް، ރައްޔިތުން އެދޭގޮތަށް ކަމުގެ ޔަޤީންކަން އެ މަނިކުފާނު ރައްޔިތުންނަށް ދެއްވިއެވެ.

ކޮންމެހެން ހައްލުހޯއްދަވަންޖެހޭ ކަންކަމަށް ޢިޝާރާތްކުރައްވަމުން އެމަނިކުފާނު ވަނީ، އެރަށު ސްކޫލްގެ 12 ކްލާސްރޫމްގެ މަސައްކަތް ނުނިމި ގިނަ އަހަރުތަކެއް ހޭދެވެފައިވާކަން ފާހަގަކުރައްވައި، މިއަހަރު އެ މަސައްކަތް އެއްކޮށް ނިންމަވައި، އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށޭއިރު ކްލާސްރޫމް ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަންދެއްވާފައެވެ.

ވައިކަރަދޫ އިންޖީނުގެއާއި ކަރަންޓްގެ ޙާލަތަށް މިހާރުން މިހާރަށް ހައްލުބޭނުންވާކަން ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެންމެ އިސްކަމެއް ދެއްވައިގެން އިންޖީނުގެ ބަދަލުކުރަންޖެހޭ ރަށެއްގެ ގޮތުގައި ވައިކަރަދޫ އިންޖީނުގެ ބަދަލުކުރުމުގެ މަސައްކަތް މިއަހަރު ނިންމަވައިދެއްވާނެ ކަމަށެވެ.

ވައިކަރަދޫގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ މީހުން ގިނަ ނަމަވެސް، މުދާފެރީ ދަތުރުކުރުމަށް އޮންނަ ރޫޓްގެ ސަބަބުން ދަނޑުވެރިންނަށް އެކަމުގެ ގެއްލުންވަމުންދާތީ، އެކަން ހައްލުކުރެއްވުމުގެ ގޮތުން މުދާފެރީ އެރަށުން ފުރާގޮތަށް ހަމަޖައްސަވައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން މިއަހަރާއި އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން، ވައިކަރަދޫގެ ތަރައްޤީއަށް އެކި ދާއިރާތަކުން، ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *