Support Us

މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ޒަރޫރީ ކަމެއް: ރައީސުލްޖުމްހޫރިއްޔާ

ރާއްޖޭގެ ރަށްރަށް ބެހިފައިވާގޮތުން، ހދ. މަކުނުދުއަކީ ވަކިން އެކަހެރިކޮށް، ދަތުރުފަތުރު ކުރުމުގައި އުނދަގޫ ހިސާބެއްގައި އޮންނަ ރަށެއް ކަމަށްވާތީ އެ ރަށުގައި އެއާޕޯޓެއް ގާއިމްކުރުމަކީ ޒަރޫރީ ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު މަކުނުދޫއަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ބޭއްވެވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ މަނިކުފާނު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްޤީގެ ސިޔާސަތުގެ ދަށުން މަކުނުދޫގައި އެއާޕޯޓެއް ގާއިމްކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެވެ. އެކަމުގެ ސަބަބުން ރަށުގެ ދަތުރުފަތުރާއި އިޤްތިޞާދަށް އަންނާނެ ކުރިއެރުން ފާހަކުރައްވައި، އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް ވެގެންދާނީ ރަށުގެ އިޤްތިސާދީ ކުރިއެރުން އެހެން ހަރުފަތަކަށް ގެންދިއުމަށް ހުޅުވޭ މުހިންމު ދޮރާއްޓަކަށްކަމަށެވެ.

މަކުނުދޫގެ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއްގައި މިއަދުގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި މަކުނުދޫ ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އިތުރުން މަކުނުދޫ މަގުހެދުމުގެ އެއްބަސްވުމުގައިވެސް ވަނީ ސޮއިކުރައްވާފައެވެ.

މި މަޝްރޫޢުތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަކުނުދޫގައި 1800 މީޓަރުގެ ރަންވޭއެއް ހެދުމާއި، އެއާޕޯޓްގެ އިންފްރާސްޓްރަކްޗަރ އިތުރުކުރުމަށާއި ރަށުގެ ގެދޮރުއެޅުމާއި އެހެނިހެން ބޭނުންތަކަށް ބޭނުންވާވަރަށް ބިންހިއްކުމުގެ މަސައްކަތް އެމްޓީސީސީން ކުރިއަށް ގެންދަވާނެކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރަށުގެ ބޭނުމަށް ބާވީސް ހެކްޓަރުގެ ބިންހިއްކުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މަކުނުދޫ އެއާޕޯޓް އޮޕަރޭޓް ކުރުމުގެ މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ ލިމިޓެޑާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މަކުނުދޫގެ ޞިއްހީ ހިދުމަތް ފުޅާކުރުމަށް ކުރިއަށް ގެންދަވާ މަޝްރޫއަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ރަށުގެ ޞިއްހީ މަރުކަޒު ތަރައްޤީ ކުރަނީ އެންމެ މަތީލެވެލް ކަމަށްވާ، ލެވެލް ހަތަރެއްގެ ޞިއްހީ މަރުކަޒެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން ޖާގައާއި ވަސީލަތްތައް އިތުރުވެގެންދާއިރު، އަންހެނުންގެ ޚާއްޞަ ޑޮކްޓަރަކާއި، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރަކާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރެއްގެ އިތުރުން އެކްސްރޭގެ ޚިދުމަތާއި ޑަޔަލިސިސްގެ ޚިދުމަތް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދު މަކުނުދޫގައި އަމަލީ މަސައްކަތް ފެށި އަދި ސޮއިކުރެވުނު ކޮންމެ މަޝްރޫޢަކީވެސް ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ މަޝްރޫޢެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މަކުނުދޫ މަގުހެދުމުގެ މަޝްރޫޢުގައި ސޮއިކުރައްވައި، މަކުނުދޫގައި ޕާސްޕޯޓް ދޫކުރުމުގެ ޚިދުމަތް ވަނީ ފައްޓަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް