ދިވެހި އަދަބިއްޔާތާއި ޅެންވެރިކަމާއި ސަގާފަތު ދިރުވައި އާލާކުރުމަށް މަސައްކަތްކުރާ ޝާޢިރުންގެ ވާދީގެ މަލަ ސީރީސްގެ ތެރެއިން "ލިޔުންތެރިންގެ ދަނާވަތިން- އެއްވަނަބައި" ނެރެފިއެވެ.
އައްޑޫސިޓީ ކައުންސިލާއި ހިތަދޫ ސްކޫލު ގުޅިގެން ބޭއްވި ޤައުމީ ދުވަހަށް ޚާއްޞަ ޖަލްސާގައި، އައްޑޫ ސިޓީން މުނިވެދިޔަ ލިޔުންތެރީންނަށް ޚާއްޞަކޮށްފައިވާ މި ޚާއްޞަ ޢަދަދު ނެރެދެއްވީ އައްޑޫ ސިޓީގެ މޭޔަރ ޢަލީ ނިޒާރެވެ.
ޝާޢިރުންގެ ވާދީން ސިލްސިލާކޮށް ނެރެމުން އަންނަ "މަލަ" ސީރީސްގެ 13 ވަނަ ފޮތުގައި ހިމަނައިފައި ވަނީ އައްޑުއަތޮޅަށް ނިސްބަތްވާ ލިޔުންތެރިންގެ ތެރެއިން ދުނިޔެ ދޫކުރައްވައިފައިވާ 13 ބޭފުޅެއްގެ މަޢުލޫމާތެވެ. މިފޮތް ލިޔުއްވައިފައިވަނީ ދިވެހިބަހާއި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ރޮނގުން ޤައުމީ ޝަރަފުވެރިކަމުގެ އެވޯޑް ލިބިވަޑައިގެންފައިވާ، ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބެވެ.
މިފަދަ ފޮތެއް އެ ޖަމްޢިއްޔާއިން ނެރުނީ "އެބޭބޭފުޅުން ލިޔުންތެރިކަމުގެ ރޮނގުން އަތޮޅާއި ގައުމަށް ކުރައްވައިފައިވާ އަގުހުރި ޚިދުމަތްތައް މިހާރުގެ ޖީލަށާއި އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދީ އެބޭފުޅުން ކުރައްވައިފައިވާ ޚިދުމަތުގެ އަގު ވަޒަންކުރުން" ކަމަށް އެ ޖަމިއްޔާ އިން ބުނެއެވެ.



advertisment