ހދ. ނޮޅިވަރަންފަރުގެ ތަރައްޤީއަށްޓަކައި މިއަދު މި ފައްޓަވަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމަށާއި، ހަމަ މިއާއެކު ރަށުގެ ތަރައްޤީ އެތައް ގުނައަކަށް ކުރިއަށްދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ހދ. އަތޮޅުގެ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ނޮޅިވަރަންފަރަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ނޮޅިވަރަންފަރު ސްކޫލުގައި ރޭ އޮތް ޖަލްސާގައެވެ.
ނޮޅިވަރަންފަރުގެ ތަރައްޤީއާ ސީދާ ގޮތުން ގުޅިފައިވާ ގިނަ މަޝްރޫޢުތަކެއްގައި ރޭގެ ޖަލްސާގައި ވަނީ ސޮއިކުރައްވާފައެވެ. އޭގެ ތެރޭގައި ހެލްތު ސެންޓަރ އެކްސްޓެންޝަން މަޝްރޫޢުގެ އެއްބަސްވުން، ނޮޅިވަރަންފަރު ސްކޫލުގެ މަލްޓިޕަރޕަސް ހޯލާއި އުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން، ނޮޅިވަރަންފަރު ބަނދަރު ބޮޑުކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން އަދި ފުޓުބޯޅަ ދަނޑު ތަރައްޤީކުރުމާއި ސްޕޯޓްސް ކޮމްޕްލެކްސް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުން ހިމެނެއެވެ. މީގެ އިތުރުން، ނޮޅިވަރަންފަރުގައި ފަތުރުވެރިކަން ތަރައްޤީކުރުމަށް ކަނޑައަޅުއްވާފައިވާ ބިން، މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަޔަރަމަންޓްގެ ދަފުތަރުން އުނިކުރައްވައި، ރަށު ކައުންސިލާ ޙަވާލުކުރެއްވީވެސް ރޭގެ ޖަލްސާގައެވެ.
މީގެ އިތުރުން އެ ރަށުގައި އިމާރާތްކުރި 100 ހައުސިން ޔުނިޓް ރަށު ކައުންސިލާ ހަވާލުކުރެއްވުންވެސް ރޭގެ ޖަލްސާގައި އޮތެވެ. ހައުސިން ޔުނިޓްތައް ކައުންސިލާ ހަވާލުކުރެއްވުމުގެ ގޮތުން އެކަމުގެ ހަނދާނީ ފިލާ ކައުންސިލާ ޙަވާލުކުރެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. އެއަށްފަހު ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ޖުމުލަ ގޮތެއްގައި، މި ހުރިހާ ކަންކަމަކީވެސް ރަށުގެ ރައްޔިތުންގެ ތަރައްޤީގެ ފެންވަރު، އެތައްތަނަކުން މަތިވެގެންދާނެ ކަންތައްތަކެއްކަން ފާހަގަކުރައްވާފައެވެ. މިއިން ކޮންމެ މަޝްރޫޢަކީވެސް ވަރަށް ގާތުން ބައްލަވައި، ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ހަލުވި ދުވެލީގައި ކުރިއަށްގެންދަވާނެ މަޝްރޫޢެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާރުން މިހާރަށް ކޮށްދެއްވެން ހުރި ކަންކަން ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ނޮޅިވަރަންފަރުގެ ރައްޔިތުންނަށް އަރުވާފައެވެ.
ސަރުކާރުން ތަރައްޤީގެ ކަންކަން ކުރިއަށް ގެންދަވާނީ ދެމެހެއްޓެނިވި ތަރައްޤީގެ ވިސްނުމުގައިކަމަށް ވިދާޅުވެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، އެންމެ ލަސްވެގެންވެސް ކުރިއަށް އޮތް ފަސް މަސްދުވަހުގެ ތެރޭގައި، ރަށުގެ ކުނި މެނޭޖުކުރުމުގެ މަސައްކަތްތައް ވެމްކޯއިން ފައްޓަވާނެ ކަމުގައި ވިދާޅުވެފައެވެ.
ދިވެހިރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ކުރައްވާ މަސައްކަތްތައް، ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް، ބާރު ދުވެލީގައި ކުރިއަށްގެންދަވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ތަކުރާރު ކުރައްވާފައެވެ.



advertisment