Support Us

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތް، މަސައްކަތްކުރަންވާނީ ޒިންމާދާރުކަމާއެކު: ރައީސުލްޖުމްހޫރިއްޔާ

މީޑިއާތައް ކޮންޓްރޯލް ކުރުމުގެ އެއްވެސް ޝައުގެއް ނެތްކަމަށާއި، އެއީ އެއްވެސް އިރެއްގައި ކުރެއްވި، އަދި ކުރައްވާނެވެސް ކަމެއް ނޫން ކަމަށާއި، އެހެންނަމަވެސް، ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރަންވާނީ ޒިންމާދާރުކަމާ އެކުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ހދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނޮޅިވަރަންފަރަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް، ނޮޅިވަރަންފަރު ސްކޫލުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާނީ ރައްޔިތުން އެދޭ ގޮތަށް ކަންކަން ގެންދެވުމަށް ކަމަށާއި، ސަރުކާރުގެ ޒިންމާއަކީ، ރައްޔިތުން އެދޭ ކަންކަން ފުރިހަމައަށް ހާސިލުކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރާއްޖޭގެ ކަންކަން ފުރިހަމަ ގޮތުގައި ގެންދިއުމުގައި އެންމެންގެ ޒިންމާވެސް އެބައޮތް ކަމަށާއި، ސަރުކާރުން މަޝްރޫޢުތައް ކުރިއަށް ގެންދާއިރު، އެހެން ފަރާތްތަކުން އަދާކުރަންޖެހޭ ޒިންމާތަކެއްވެސް ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެއީ ސިޔާސީ ޕާޓީއެއް، ޖަމުޢިއްޔާ ނުވަތަ ޖަމާޢަތެއް ކަމުގައި ވިޔަސް، ނުވަތަ މީޑިއާ ކަމުގައި ވިޔަސް، މިއިން ކޮންމެ ބައެއްގެވެސް ޒިންމާތަކެއް އޮތްކަން އެމަނިކުފާނު ވަނީ ހަނދާންކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު، މީޑިއާއާ ގުޅިގެން ހުށަހަޅުއްވާފައިވާ ބިލަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަނިކުފާނުގެ އެއްވެސް ކޮންޓްރޯލެއް އެކަމުގައި އޮންނަ ގޮތަކަށް އެކަން ކުރައްވަން ބޭނުންފުޅު ނުވާ ކަމުގައި، މަޖިލީހުގައި ތިއްބަވާ، ވެރިކަން ހިންގަވާ ޕާޓީގެ މެންބަރުންނަށް ދަންނަވާފައިވާނެ ކަމަށް ވިދާޅުވެފައެވެ. ބިލު ފާސްވެގެން އުފެދޭ ކޮމިޝަނުގެ ރައީސްކަމުގައި ހުންނަވާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ފަރާތެއްކަމުގައި ބަޔާންވެފައި އޮތްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެކަން އެގޮތަށް ނުކުރައްވާނެ ކަމަށެވެ.

މީޑިއާއަށް ނުފޫޒު ފޯރުވުމުގެ ޖާގަ އެއްވެސް ފަރާތަކަށް އޮތުމަކީ އެދިވަޑައިގަންނަވާ ގޮތެއް ނޫން ކަމަށާއި، މީޑިއާ ވާންޖެހޭނީ މިނިވަންކަމާއެކު އޮޕަރޭޓްކުރާ ބަޔަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަ ކުރައްވާފައެވެ.

މީޑިއާ ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި އެމަނިކުފާނަށް ކޮންޓްރޯލް އޮންނަ ގޮތަށް އެއްވެސް ކަމެއް އޮތުމަށް އެދިވަޑައިނުގަންނަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި މީޑިއާ އޮންނަންވާނީ ފުރިހަމަ މިނިވަންކަމާއެކު، ދެފުށް ފެންނަ، ޒިންމާދާރު މަސައްކަތްތަކެއް ކުރެވޭގޮތަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް