Support Us

ބޭރުގެ ސަފީރުންނަށް އުތީމު ގަނޑުވަރު ދައްކައިލައިފި

ޤައުމީ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތަށް ހއ. އުތީމަށް އިއްޔެ ޒިޔާރަތްކުރެއްވި ބޭރު ޤައުމުތަކުގެ ސަފީރުންނަށް އުތީމު ގަނޑުވަރު ތައާރަފުކޮށް އަރުވައިފިއެވެ.

ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ބުނިގޮތުގައި މިއީ ބޭރު ސަފީރުންގެ އެދިވަޑައިގަތުމަކަށް އިންތިޒާމުކުރި "އެ ބޭފުޅުން ވަރަށް ހިތްޕުޅުހަމަޖެނު ހަރަކާތެކެވެ."

އިއްޔެގެ މި ހަރަކާތުގައި ސަފީރުންނަށް ގަނޑުވަރާއި، އުތީމު މަހާރަދުންނާ ބެހޭ މައުލޫމާތު ދެއްވީ މަޝްހޫރު ތާރީހީ ދެ އިލްމުވެރިން ކަމަށްވާ އަލާ ދީދީ އާއި އިޔާޒު ޖާދުالله ނަސީމެވެ. މި ހަރަކާތުގައި ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހިމު ވެސް ބައިވެރިވެވަޑައިގަތެވެ.

އިއްޔެގެ މި ހަރަކާތް ފެށުނީ އުތީމު މަހާރަދުން ފޭރާންކުރައްވާން ޖެއްސެވި ކަޑައިން ރޯވެ ހެދިފައިވާ 500 އަހަރުވީ ބިޔަ ކާނިގަސް ކައިރީންނެވެ. މިގޮތުން ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވުމާއި، ދައުލަތެއް އުފެދުމުގެ ތާރީޚުން ފެށިގެން އުތީމު މަހާރަދުންގެ ހާދިސާއާ ހަމައަށް ރާއްޖެ ތަޖުރިބާކުރި މައިގަނޑު އެކި ހާލަތްތަކާއި އިޤުތިޞާދީ، އިސްތިޢުމާރީ ކަންކަން ސަފީރުންނަށް ހިއްސާކުރިއެވެ.

 

އެއަށްފަހު ގަނޑުވަރުތެރެއަށް ވަންނަވައި، ގަނޑުވަރުގެ އެކިއެކި ތަންތަން އެ ބޭފުޅުން ބައްލަވައި ފޮޓޯ ނަންގަވައި ހެއްދެވިއެވެ. ވަކިން ހާއްސަކޮށް، ގަނޑުވަރުގެ ދެކުނު ބިތުގައި ހުރި ކުޑަ ލޯވަޅަކުން އެތެރެގޭތެރޭގެ އުނދޯލިދާންކޮޅުގެ ފަރުދާއަކަށް އަލި އެޅި، ސައިންސީ ގޮތުން ފޮޓޯ ކެމެރާ އުފެދުމުގެ އަސްލު ކަމަށްވާ "ޕިންހޯލް" އިން، ގަނޑުވަރުގެ ބޭރުގައި ހިނގާ ހަރަކާތްތައް ކުލަކޮށް ފެންނަ މަންޒަރަށް ހުރިހައި ބޭފުޅުން ވެސް ވަރަށް ޝައުގުވެރިކަން ފާޅުކުރެއްވިއެވެ.

 

އިއްޔެ މި ޒިޔާރަތުގައި ބައިވެރިވެވަޑައިގެންނެވި ޑިޕްލޮމެޓުންގެ ތެރޭގައި އިންޑިޔާ، ޕާކިސްތާން، ޗައިނާ، ޖަޕާން، އޮސްޓްރޭލިޔާ، ރަޝިޔާ، އެމެރިކާ އަދި އިނގިރޭސިވިލާތުގެ ސަފީރުންނާއި މަންދޫބުން ހިމެނެއެވެ.

ދަތުރަށް ފަހު، ބައެއް ސަފީރުން ޝުޢޫރު ފާޅުކުރެއްވިއެވެ. ގައުމީ ދުވަހުގެ ޖަލްސާއާ ގުޅޭ އިންތިޒާމްތައް އުތީމުގައި ރޭވިފައިވާލެއް ފުރިހަމަކަމުން އެކަމަށް ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އެ ބޭފުޅުން ވިދާޅުވި ގޮތުގައި ރާއްޖެއަކީ ވަރަށް ނަސީބުވެރި ޤައުމެކެވެ. އަދި ރާއްޖެއަކީ ވަރަށް ޝައުޤުވެރި މުހިންމު ތާރީޚަކާއި ސަގާފަތެއް ލިބިގެންވާ ޤައުމެކެވެ. އެހެންކަމުން ދިވެހި ތާރީޚު ގިނަ ބަޔަކަށް އެނގޭނެ ފަދަ އުފެއްދުންތަކެއް އުފައްދައި އާންމުކުރުމުގެ ބޭނުންތެރިކަމުގެ މައްޗަށް ތަރިކައާ ބެހޭ ވަޒީރާއެކު މަޝްވަރާ ކުރެއްވި ކަމަށް އެ ވުޒާރާއިން ބުނެއެވެ.

(އިތުރު ފޮޓޯތައް ތިރީގައި)





މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް