ޤައުމީ ދުވަހަކީ އުންމީދުގެ ދުވަސްކަމަށާއި ނާއުންމީދާއި ދުރުވަންވީދުވަސް ކަމުގައި ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޤައުމީ ދުވަހުގެ މުނާސަބަތުގައި ހއ. އުތީމުގައި މިއަދު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ޤައުމު އަޅުވެތިވީ ވަގުތު އެ އަޅުވެތިކުރީ ކިހާވަރެއްގެ ބޮޑު ބާރެއްތޯ އެ ބާރާކުރިމަތިލެވިދާނެތޯ އުތީމު ތިންބޭން ނުބައްލަވާ ކަމަށެވެ. ނުވަތަ އެ ކަން ބެއްލެވިކަމުގައި ވިޔަސް، އެ ގޮތަށް ވިސްނުންފުޅު ބަހައްޓަވައި ފަސްޖެހިވަޑައިނުގަންނަވާ ކަމަށެވެ.
"އޭގެ ބަދަލުގައި އިސްކުރެއްވީ މާތް الله އަށް އޮންނަ އިތުބާރު. ހިތްޕުޅުގެ ވަރުގަދަ އީމާން. ދީނާއި ޤައުމާއި ވަޠަނުގެ ދިފާޢުގައި އަދާކުރައްވަން ޖެހުނު ޒިންމާއާއި ޤައުމީ ވާޖިބު. އެ ކަމަށް ޓަކައި ދެއްކެވީ ނުގުޑާނެ ޢަޒުމާއި ޙިކުމަތު ޢަމަލީ. ފަނަރަ އަހަރު ވީ އިރުވެސް މާޔޫސްކަމެއްނެތް. ހިތްވަރާއި ޢަޒުމާއި އިޚްލާޞްތެރިކަމާއެކު ދިގު މުއްދަތަކަށް ދެމިތިއްބެވުމުގެ ނަތީޖާއަކީ އެންމެ ފަހުން މާތް الله އެ އަބްޠާލުންނަށް ނަޞްރުދެއްވުން. ދިވެހީންނަށް މިނިވަންކަމުގެ އުފާ ލިބުން.
މި ގޮތުން ކަޅުއޮށްފުންމި ބެންނެވުމުގައްޔާއި، ޖިހާދުގެ އެކި މަރުޙަލާތަކުގައި ބޮޑުތަކުރުފާނު ކަންކަން ކުރެއްވި ހަރުދަނާ ގޮތްކޮޅުތަކުން ލިބޭ ފިލާވަޅުތަކުގެ މައްޗަށް ވަޒީރު ބައްލަވާލެއްވިއެވެ.



advertisment