Support Us

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫގައި ގެ އަޅުއްވައިދެއްވަނީ

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫއިން ދާއިމީ ބޯހިޔާވަހިކަން ހޯއްދަވައިދެއްވާއިރު، ކޮންމެ ގޯއްޗަކަށް ގޯއްޗެއް ދެއްވައި، ދޮޅު އަހަރުގެ ތެރޭގައި އެ ގޯތީގައި ގެ އަޅުއްވައި ނިންމާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެންވިދާޅުވީ ހދ. އަތޮޅަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި، އެ އަތޮޅު އެންމެ އާބާދީ މަދު ރަށް ކަމަށްވާ، ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މި ބައްދަލުކުރެއްވުމުގައި ހަނިމާދުއަށް ހިރިމަރަދޫން ހިޖުރަކުރާ ރައްޔިތުންނަށް ޚާއްޞަކުރެވިފައިވާ ސަރަހައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ހިންގެވުމާއި، މުނިސިޕަލް ޚިދުމަތްތައް ޤާއިމްކުރެއްވުމުގެ ފްރޭމްވަރކް އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑާ ދެމެދު ވަނީ ސޮއިކުރައްވާފައެވެ.

ހިރިމަރަދޫ ރައްޔިތުންގެ މުސްތަޤްބަލަށްޓަކައި ކުރިއަށް ގެންދަވާ ގެދޮރުވެރިކަމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ހަނިމާދޫގައި ކޮންމެ ގޯއްޗަކަށް ގެއެއް އަޅުއްވައިދެއްވާއިރު، އެ ރަށަށް ބަދަލުވާ މީހުންގެ ގޯތި ތަކުގެ ތެރޭގައި މިހާރު އިމާރާތެއް ނެތް ގޯތިތަކުގެ ބަދަލުގައި ދެއްވާ ގޯތިތަކުގައިވެސް ގެ އަޅުއްވައިދެއްވާނެ ކަމަށާއި ގޯތީގެ ބަދަލުގެ ގޮތުގައި ފައިސާގެ އެހީއެއްވެސް ދެއްވާނެ ކަމަށެވެ. ބަދަލުގައި ދެއްވާނެ ފައިސާގެ އެހީގެ އަދަދު އަދި ކަނޑައަޅުއްވާފައި ނެތް ނަމަވެސް، މިހާރު ސަރުކާރުން ބަދަލުގެ ގޮތުގައި ދެމުންދާ ފައިސާގެ އަދަދު މުޠާލިއާ ކުރެއްވުމަށް ފަހު، ދެއްވާ ފައިސާގެ އަދަދު އިތުރުވެގެންދާނެ ކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ދެއްވިއެވެ.

މި ސަރުކާރުން އާބާދީއާއި ތަރައްގީ އެއްފަސްކުރަނީ ރައްޔިތުން ބޭނުންވެގެން، އެއްވެސް މަޖުބޫރުކަމެއް ނެތިކަން ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ މިހާރުވެސް ދެ ތިން ރަށަކުން މީހުން ބަދަލުވުމަށް އެދިފައިވާ ކަމަށެވެ. މީހުން ބަދަލުކުރާއިރު އެ އެބައެއްގެ އުފަންރަށުގައި ސަރުކާރުން ކޮންމެ ކަމެއް ކުރިނަމަވެސް، އެ ކުރާ ބޭނުމަކުން އެރަށުގެ ރައްޔިތުންނަށް މާލީ ނަފާކުރާނެ ގޮތަކަށް ސަރުކާރުގެ އާބާދީއާއި ތަރައްޤީ އެއްފަސްކުރުމުގެ ސިޔާސަތު ކުރިއަށް ގެންދިއުމަށް ނިންމަވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ހިރިމަރަދޫ ރައްޔިތުންނަށްވެސް އެގޮތަށް އިޤްތިސާދީ ފައިދާ ކުރާގޮތަށް ކަންކަން ކުރައްވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވާން އަދި ދޮޅު އަހަރު ހޭދަވާނެތީ، އެ ދޮޅުއަހަރުގެ ތެރޭގައިވެސް ރައްޔިތުންގެ ކުރިއެރުމަށް ބޭނުންވާ ކަންކަން ފަހިކޮށްދީ ރައްޔިތުން ބޭނުންވާ ކަންކަމުގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މިއަދުގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް