އއ. މަތިވެރީގައި ތަރައްޤީކުރާ އެއާޕޯޓް ވެގެންދާނީ މުޅި ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް ފައިދާކުރާނެ އެއާޕޯޓަކަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަތިވެރީ ރައްޔިތުންނާ ބައްދަލުކުރައްވައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
ރޭގެ ބައްދަލުވުމުގައި މަތިވެރީ ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކޮށް އޮޕަރޭޓް ކުރުމަށް ޙަވާލުކުރެވޭ އެއްބަސްވުމުގައި ވަނީ ސޮއިކުރައްވައިފައެވެ. މި މަސައްކަތް ހަވާލުކުރީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމް.އޭ.ސީ.އެލް) އާއެވެ. މި މަޝްރޫއަށް އިޝާރާތްކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި މަޝްރޫޢުގެ ދަށުން ރަށާ ގުޅިގެން ރަށުގެ އެކި ކަންކަމަށް ބޭނުންވާ 26.5 ހެކްޓަރުގެ ބިންހިއްކުމާ އެކު އެއާޕޯޓް ތަރައްޤީކުރުމަށް ހަމަޖަހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އެއާޕޯޓް ވެގެންދާނީ ފުރިހަމައަށް ދެކޮޅުޖެހޭ، 100 ޕަސެންޓް ފީސަބަލް އެއާޕޯޓަކަށް ކަމަށެވެ. ބިން ހިއްކުމާއި އެއާޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ އިންފްރާސްޓްރަކްޗަރގެ ހުރިހާ މަސައްކަތާ އެކު މުޅި ޕްރޮޖެކްޓް ދެ އަހަރާއި ބައި ތެރޭގައި ނިންމާ އެއާޕޯޓް ހުޅުވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމުހޫރިއްޔާ ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަތިވެރީ ސްކޫލްގެ މަޝްރޫޢު ދިރާސީ އައު އަހަރަށް ނިންމާ ބޭނުން ކުރެވޭނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. ޞިއްހީ މަރުކަޒުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް މަސައްކަތް ހަވާކުރި ފަރާތުން އެއްކޮށް މަސައްކަތް ނިންމުމުގައި ލަސްވަމުންދާތީ އެ މަސައްކަތް އެހެން ބަޔަކާ ޙަވާލުކޮށްގެން މަސައްކަތް ނިންމާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ. މީގެ އިތުރުން ޞިއްހީ މަރުކަޒުގެ ޖާގަ އިތުރުކޮށްގެން މިހާރު ޚިދުމަތްދެވޭ ފެންވަރަށްވުރެ އިތުރަށް އަޕްގްރޭޑްކޮށްގެން، އިތުރު ޚިދުމަތް ދެވޭގޮތަށް ތަރައްޤީކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އަންނަ އަހަރުގެ ބަޖެޓްގައި ހިމަނައިގެން ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ މައި މަގު ހެދުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފައްޓަވާނޭ ކަމަށާއި، ހޭންޑް ބޯލް ކޯޓެއް މިއަހަރު މަތިވެރީގައި ހެދުމަށް ތާވަލުކުރެވިފައިވާ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވިއެވެ.
މަތިވެރީ ޓޫރިޒަމް ޒޯނުން ދޫކޮށްފައިވާ ބިން މަތިވެރި ކައުންސިލާ ރޭގެ ރަސްމިއްޔާތުގައި ވަނީ ހަވާކޮށްދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ މަތިވެރީ އިޚްތިސާސްގެ ތެރޭގައި ހިމަނައިފައިވާ ފިނޮޅުގައި ސިޓީ ހޮޓަލެއް ކައުންސިލުން އިއުލާންކޮށްގެން ކުރިއަށް ގެންދިއުމުގައި އެއްވެސް ހުރަހެއް ނެތް ކަމަށްވެސް ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ލާމަރުކަޒީ ޤާނޫނަށް ގެނައި ބަދަލުތަކާއި އަދި ކުރިއަށް އޮތް ތަނުގައި ކައުންސިލްތަކާއި ޑަބްލިޔުޑީސީ މެމްބަރުން ހޮވުމުގައި ގެންނަ އިސްލާޙްތަކުގެ މައުލޫމާތު ވެސް ހިއްސާކުރެއްވިއެވެ. އެގޮތުން ޤާނޫނު އަސާސީ ގެންނަ އިސްލާހާ އެކު ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި ރައްޔިތުން ވޯޓުލާން ދާއިރު، އަތޮޅު ކައުންސިލަށް ވޯޓު ލާން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.



advertisment