އއ. މާޅޮހު ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމަށްޓަކައި މުޅިން އައު އިމާރާތެއްގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅުގެ ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގައި މާޅޮހަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މާޅޮހު ޞިއްހީ މަރުކަޒުގައި ބަލިމީހުންނަށް ޚިދުމަތްދެމުންދާ އިމާރާތަކީ ވަރަށް ދުވަސްވެ ވީރާނާވެފައިވާ އިމާރާތެއްކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއަހަރުގެ ތެރޭގައި ޞިއްހީ މަރުކަޒު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް ބަޔަކާ ޙަވާލުކުރެވޭނެ ކަމަށެވެ. އެ މަޝްރޫޢު ކުރިއަށްގެންދާއިރު ލެބޯޓްރީގެ ޚިދުމަތް ވެސް ފުރިހަމަވެގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި މާޅޮހުގެ ތަރައްޤީއަށް މުހިންމު އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. އެއީ މާޅޮހު މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމެވެ. މި މަޝްރޫޢަށް އަލިއަޅުއްވާލައްވައި އެމަނިކުފާނު ވިދާޅުވީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ކުރިއަށް ގެންދަވާނީ ރަށުގެ ލޯކަލް ޓޫރިޒަމްގެ ކުރިއެރުމާއި ތަރައްޤީގެ ބޭނުންތަކަށް ބައްލަވައިގެން ކަމަށާއި އަދި، ރައްޔިތުން އެދޭގޮތަކަށް މަޝްރޫޢު ނިންމަވައިދެއްވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ އަންނަ އަހަރުގެ ބަޖެޓްގައި ހިމަނުއްވައިގެން ރަށުގައި ލޯކަލް ޓޫރިޒަމްގެ މަސައްކަތްކުރާ ފަރާތްތަކާއި ރައްޔިތުންނަށް ބޭނުން ހިފޭގޮތަށް، ރައްޔިތުންނަށް ބޭނުންކުރެވޭނެ ބީޗް ސަރަހައްދަކާއި ޓޫރިސްޓް ބީޗް ސަރަހައްދެއް ހިމެނޭގޮތަށް، ގޮނޑުދޮށް ހިމާޔަތްކުރެވޭނެ މަޝްރޫޢެއް ކުރިއަށް ގެންދެވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.
އއ. ރަންފަރު މާޅޮހުގެ އިޙުތިސާސްގެ ތެރޭގައި ހަމަޖައްސާފައިވާކަން ފާހަގަކުރައްވައި ރައިސުލްޖުމުހޫރިއްޔާ ވިދާޅުވީ، ރަށުގެ ތަރައްޤީއަށްޓަކައި ބޭނުންވާ އިޤްތިޞާދީ ފައިދާ ހޯދުމަށް އެފަޅުގެ ބޭނުން ފުޅާދާއިރާއެއްގައި ހިފުމުގެ ފުރުޞަތު ރައްޔިތުންނަށް މިހާރު އެބައޮތް ކަމަށެވެ. ރައްޔިތުންނާ މަޝްވަރާކޮށްގެން، ސަރުކާރަށް ޕްރޮޕޯސަލް ހުށަހަޅައިގެން، ރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށް ގެންދަން ބޭނުންވާ ކޮންމެ ކަމެއްގައި ސަރުކާރުން އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މާޅޮހުގެ ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.



advertisment