Support Us

ހިމަންދޫ ސްކޫލަށް އިތުރުކުރާ ކްލާސްރޫމްތައް އަންނަ އަހަރު ބޭނުންކުރެވޭނެ: ރައީސް

 

އއ. ހިމަންދޫ ސްކޫލްގެ ކްލާސްރޫމް އިތުރުކުރުމަށް ހަދަމުންދާ ޢިމާރާތް އަންނަ ދިރާސީ އައު އަހަރުގެ ކިޔެވުން ފެށެންވާއިރަށް ބޭނުންކުރެވޭ ވަރަށް މަސައްކަތް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، އއ. އަތޮޅަށް މިއަދު ފެއްޓެވި، ދަތުރުފުޅުގައި ހިމަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ހިމަންދޫ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ސްކޫލްގެ އައު އިމާރާތުގެ މަސައްކަތް ނުނިމި ގިނަދުވަސްވެފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އަހަރު ތެރޭގައި އިމާރާތުގެ މަސައްކަތް ނިންމައި، ކިޔެވުންފެށުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތައް ފުރިހަމަކޮށް، ދިރާސީ އައު އަހަރުގެ ކިޔެވުން ފަށާއިރަށް އިމާތާރުގެ ބޭނުންކުރެވޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މީގެ އިތުރުން ހިމަންދޫ ޞިއްހީ މަރުކަޒަށް އިތުރުކުރި އިމާރާތުގެ ބޭނުންކުރަން މިއަދު ފެށިފައިވާކަން ފާހަގަކުރައްވައި އެ މަނިކުފާނު ވަނީ، ކުރިއަށް އޮތް ތަނުގައި ހިމަންދޫ ރައްޔިތުން ލެބޯޓްރީގެ ޚިދުމަތް ހޯދުމަށް އެހެން ރަށަކަށް ދަތުރުކުރަން ނުޖެހޭގޮތަށް، ޞިއްޙީ މަރުކަޒުގެ ލެބޯޓްރީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށްދެއްވާނެކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

ރަށްގިރުމުގެ މައްސަލައަކީ ހިމަންދޫއަށް ދިމާވެފައިވާ ހައްސާސް މައްސަލައެއްގެ ގޮތުގައި ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެމަސައްކަތްކުރުމަށް ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ ކަމަށާ، އެމަސައްކަތާއި އެކީ ބަނދަރުގެ ނެރުގެ މައްސަލަވެސް ހައްލުކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މީގެ އިތުރުން، ކުރިއަށް އޮތް ދެ އަހަރުތެރޭގައި މުޅި ރާއްޖޭގައި ހިންގުމަށް ހަމަޖެހިފައިވާ ހޭންޑް ބޯލް ކޯޓްއެޅުމުގެ ޕްރޮގްރާމާ ބެހޭގޮތުން ވާހަކަފުޅު ދައްވަކަމުން، އެމަނިކުފާނު ވަނީ، މިއަހަރު ހިމަންދޫގައި ހޭންޑްބޯލް ކޯޓެއް އަޅައި، އިންޑޯ ޖިމެއް އަޅައިދެއްވާނެ ކަމުގެ ޔަޤީންކަންވެސް ދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހިމަންދޫގައި ފެނާއި ނަރުދަމާގެ ޚިދުމަތް ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

 

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް