ރައްޔިތުން ބޭނުންވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލްތަކާއި މުއައްސަސާތަކުގެ އެއްބާރުލުން މުހިންމު ކަމަށާ، އެއީ ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވެގެންވާނެ ކަމެއް ނޫން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ބ. އަތޮޅަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ދަރަވަންދޫއަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި މިރޭ ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސިޔާސީ ވިސްނުމަށް ޖާގަދެވި، އެކަމުގެ ސަބަބުން ހުރަސްތަކެއް ކުރިމަތިވުމުން އާޚިރުގައި ގެއްލުން ވަނީ ރައްޔިތުންނަށް ކަމަށެވެ. ނަމަވެސް އެމަނިކުފާނާ މަތިކުރެވިފައިވާ ޒިންމާ އަދާކުރެއްވުމުގެ ގޮތުން، އެފަދަ ކަމަކަށް ފުރުޞަތު ނުދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ބޭނުންފުޅު ވަނީ ރައްޔިތުންނަށް ފުރިހަމަ ގޮތުގައި ސަރުކާރުން ޚިދުމަތް ދެވޭނެ ގޮތަށް ކަންކަން ބައްޓަން ކުރައްވަން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅުކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ލާމަރުކަޒީ ނިޒާމަށް އިސްލާހު ގެނައުމަށް ކުރަމުންދާ މަސައްކަތުގެ ޙަޤީޤަތް އޮޅުވާލުމަށް ބައެއް ފަރާތްތަކުން ހަރަކާތްތެރިވާކަން ފާހަގަކުރައްވައި، ވަކިވަކިން މިސާލު ނަންގަވައި ކަމުގެ އަސްލު، ބަޔާންކޮށްދެއްވާފައެވެ. ކައުންސިލްތައް ހިންގަންޖެހޭނީ ރައްޔިތުންނަށް ފައިދާވާ އަދި ރައްޔިތުން ބާރުވެރިކުރެވޭނެ ގޮތަށް ކަމަށާ، ސަރުކާރުން ހުށަހަޅުއްވައިގެން ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ އިޞްލާޙުތަކުގައިވެސް ވަނީ މިކަންކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެގޮތުން، ރައްޔިތުން ބާރުވެރިކުރުވުމުގެ ފައިދާ އޮތީ ކައުންސިލަށް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގިނަ ކައުންސިލްތަކަކީ ޒިންމާދާރު ކައުންސިލްތަކެއް ކަމަށާ، ކަން އެގޮތުގައި ހިނގަމުންދާނަމަ، ވަޢުދުފުޅުތައް ފުއްދެވުމުގެ ކަންކަން ބާރު ދުވެލީގައި ހާސިލުވަމުންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައްޔިތުންނަށް ޚިދުމަތްކުރެއްވުމުގައި ކޮންމެ ވަގުތުކޮޅަކީވެސް މުހިންމު ވަގުތުކޮޅެއް ކަމަށާއި، ޚިޔާލުތަފާތުވުންތަކުން ހުރަސްތަކެއް ކުރިމަތިކުރުމުގެ ފުރުޞަތު، ނުދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މަސައްކަތްޕުޅުކުރައްވަމުން ގެންދަވަނީ ޒިންމާދާރުކަމާއެކު، ދެފުށް ފެންނަ، ޕްރޮފެޝަނަލް، ގުޑްގަވަނަންސް، ނިޒާމެއްގެ ގޮތުގައި މި ނިޒާމް ހަރުދަނާ ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރުން އިސްކުރައްވާނީ ރައްޔިތުން ކަމުގައި ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރަވަންދޫގެ ތަރައްޤީއަށްޓަކައި އަދުގެ ސަރުކާރުން ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ހިންގަވައި، ނިންމަވައިދެއްވާނެ މުހިންމު މަޝްރޫޢުތަކުގެ މައްޗަށްވެސް އަލިއަޅުއްވައިލައްވާފައެވެ. އެގޮތުން ބ. އަތޮޅު މަދަރުސާގެ އަށް ކުލާސްރޫމާއި އޮފީހާއި މަލްޓިޕަރޕަސް ހޯލް އިމާރާތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި މިރޭގެ ޖަލްސާގައި ސޮއިކުރެވިގެންދިޔައިރު، މި މަޝްރޫޢު ނިމި، އޭގެ ފައިދާވާން ފެށުމުން، މިމަޝްރޫޢު ވެގެންދާނީ ރަށުގެ ތަޢުލީމީ ޙަޔާތް އައު ހަރުފަތަކަށް ގެންގޮސްދޭނެ ކަމަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ހަމަ މި މޭރުމުން، ރަށުގެ ޞިއްޙީ ދާއިރާއަށްވެސް ތަރައްޤީގެ މުހިންމު ކުރިއެރުންތަކެއް ގެނެސްދެއްވާނެކަމުގެ ޔަޤީންކަން، ރައީސުލްޖުމްހޫރިއްޔާ ވަނީ ދަރަވަންދޫގެ ރައްޔިތުންނަށް ދެއްވާފައެވެ. ރަށުގެ ޒުވާނުންނާއި ކުޅިވަރު ކުޅޭ ފަރާތްތަކަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އުންމީދީ ޚަބަރުތަކެއް ދެއްވާފައެވެ. އަދި ރަށުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ ތެރޭގައި ހިނެނޭ، މަގު ހެދުމާއި ބަނދަރު ތަރައްޤީކުރުމުގެ ކަންކަންވެސް ކުރިއަށް ގެންގޮސްދެއްވާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާއިން ރަށަށް އިތުރު ފައިދާ ލިބޭނެ ފަސޭހަތައް ހޯއްދަވައިދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ދަރަވަންދޫގައި އޮތް އެއަރޕޯޓަކީ އެންމެ ކާމިޔާބު ސަރަޙައްދީ އެއަރޕޯޓްތަކުގެ ތެރެއިން އެއް އެއަރޕޯޓް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ނަމަވެސް އެއަރޕޯޓްގެ ތަރައްޤީއަށް އެދެވޭ ފެންވަރުގައި މަސައްކަތްތަކެއް ކުރެވިފައި ނެތްކަމުގައި ވިދާޅުވެ ވާހަކަފުޅުކުރިއަށް ގެންދަވަމުން ޤާނޫނާއި ޤަވައިދުގެ ތެރެއިން އައިލަންޑް އޭވިއޭޝަން ސަރވިސަސްއާ ހަވާލުކުރައްވައިގެން، އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެކަމުގެ އުންމީދު އެބައޮތް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލެއްވީ، ޒިންމާދާރުކަމާއެކު ރައްޔިތުންނަށް ޚިދުމަތް ދިނުމަކީ، ސިޔާސީ ޚިޔާލުތަފާތުވުން ދޫކޮށް، ހުރިހާ ރައްޔިތުންނަކީ ހަމަހަމަ ބައެއް ކަމުގައި ޤަބޫލުކޮށް، ޕްރޮފެޝަނަލް ގޮތުގައި، ޒިންމްދާރުކަމާއެކު ފުރިހަމައަށް އެއްބާރުލުން ދިނުންކަމުގައި ހަނދާންކޮށްދެއްވަމުންނެވެ.



advertisment