Support Us

ހުރިހާވެސް ޝައުގެއް ހުރީ ފުޅަދޫ ރައްޔިތުން ބޭނުންވާ އަމާޒަށް ތަރައްޤީ ގެންގޮސްދިނުމަށް: ރައީސުލްޖުމްހޫރިއްޔާ

އެމަނިކުފާނުގެ ސަރުކާރުގެ ހުރިހާ ޝައުގެއް ހުރީ ބ. ފުޅަދޫގެ ރައްޔިތުން ބޭނުންވާ ގޮތަށް، އެ އަމާޒަށް ތަރައްޤީ ގެންގޮސްދެއްވުމަށް ކަމަށާއި، މިކަމުގައި ރައްޔިތުން ދޭ އެއްބާރުލުމާއެކު ކުރިއަށް ވަޑައިގަންނަވާނީ ސާބިތުކަމާއެކު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފުޅަދުއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މިވަގުތު ފުޅަދުއަށް ދިމާވެފައިވާ މައްސަލަތަކަށް އަލިއަޅުއްވާލައްވަމުން، އެންމެ މުހިންމު އަދި އެންމެ ބޮޑު އެއް ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވީ، ފެނާއި ނަރުދަމާގެ މައްސަލައެވެ. ފެނާއި ނަރުދަމާ ނިޒާމުގެ މަސައްކަތް އަވަހަށް ނިމުމަކީ އާންމު ދިރިއުޅުމާއި ރަށުގެ ތަރައްޤީއަށް ނުހަނު މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން މި ހިނގާ އޯގަސްޓް މަހުގެ ތެރޭގައި މަސައްކަތް ފަށައި، ބޮޑު އިސްކަމެއް ދެއްވައިގެން ބާރު ދުވެލީގައި އެމަސައްކަތް ކުރިއަށް ގެންގޮސް ނިންމަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މީގެ އިތުރުންވެސް ފުޅަދޫގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށް ގެންދަން އެބަހުރިކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ރަށުގައި އެކިއެކި ޚިދުމަތްތައް ދިނުމަށް ގެނެވޭ މުވައްޒަފުން ބޭތިއްބުމުގައި ދަތިތަކެއް ހުރި ކަމަށާއި، މި ދަތިތައް ފިލުވާލުމަށް ސަރުކާރުން އިސްކަންދޭންޖެހޭ ކަމަށެވެ. އެ މުވައްޒަފުން ތިބޭނެ އެކަމޮޑޭޝަން ބްލޮކެއް ސަރުކާރުން އަޅައިދިނުމަކީ ރައްޔިތުންނަށް މުހިންމު ކަމެއް ކަމަށާއި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން މި މަޝްރޫޢު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ފުޅަދޫގެ ޞިއްޙީ ދާއިރާގެ ތަރައްޤީއަށްވެސް މަސައްކަތްކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ރައްޔިތުންނަށް ދެއްވައިފައެވެ. އެގޮތުން ޞިއްޙީ މަރުކަޒަށް ބޭނުންވާ ލެބޯޓްރީގެ ޚިދުމަތް ދިނުމުގެ މަސައްކަތް، މި އަހަރު ތެރޭގައި ފައްޓަވައިދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ތަޢުލީމާއި ކުޅިވަރުގެ ދާއިރާއިން ރަށަށް ބޭނުންވާ ތަރައްޤީގެ މުހިންމު މަޝްރޫޢުތަކެއް ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން ރަށުގައި އައު މިސްކިތެއް ބިނާކުރައްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރަށުގެ ތަރައްޤީގައި މިވަގުތު އެންމެ ބޮޑު ޙިއްޞާއެއް އޮތީ ފަތުރުވެރިކަމުގެ ދާއިރާގައިކަން ފާހަގަކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ބ. އިންނަފުށި ބެލެހެއްޓުން ހަރުދަނާކޮށް، ފުޅަދޫ ކައުންސިލާއި މިނިސްޓްރީ އޮފް ޓުއަރިޒަމް އެންޑް އެންވަޔަރަމަންޓާ ދެމެދު، ރަނގަޅު ފެންވަރުގެ މެނޭޖްމަންޓް ޕްލޭނެއް ހަދައި، އެ ޕްލޭނާ އެއްގޮތަށް، ފުޅަދޫ ކައުންސިލާ އިންނަފުށި ހަވާލުކުރައްވާނެ ކަމުގައި ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ފުޅަދޫގެ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންގޮސްދެއްވައި، އެކަމުގެ ނަފާ، ރައްޔިތުންނަށް ލިބިގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް