Support Us

ރިޔާސީ އިންތިޚާބުގައި ކުޑަރިކިލު ރައްޔިތުން ކުރި އިތުބާރުގެ ނަތީޖާ ދައްކައިދޭނަން: ރައީސުލްޖުމްހޫރިއްޔާ

އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ބ. ކުޑަރިކިލު ރައްޔިތުން އެ މަނިކުފާނަށް ކުރި އިތުބާރުގެ ނަތީޖާ އިރާދަކުރެއްވިއްޔާ ދައްކުވައިދެއްވާނޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކުޑަރިކިލުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ކުޑަރިކިލު ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމޫހޫރިއްޔާ ވިދާޅުވީ، އިންތިޚާބުގެ ތެރޭގައި އެ ރަށަށް ވަޑައިގެން ވެވަޑައިގެންނެވި ވަޢުދުތައް ފުރިހަމަ ކުރެއްވުމަށްޓަކައި ކުރިއަށްދެވޭނޭ މަގު މިހާރު ފަހިކުރެވިފައިވާކަމަށެވެ. އެ ގޮތުން ރައްޔިތުންގެ ކަންބޮޑުވުންތައް ހުރި ދާއިރާތަކުން ޙައްލުތައް ހޯއްދެވުމަށް ކުރައްވާފައިވާ އަދި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ އަދާހަމަ، މިއަދުގެ ބައްދަލުކުރެއްވުމުގައި އެ މަނިކުފާނު ވަނީ ހިއްސާކުރައްވާފައެވެ.

ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ފެނާއި ނަރުދަމާގެ މަޝްރޫޢު ހުއްޓިފައި އޮތް އޮތުންކަން ފާހަގަކުރައްވައި، މި ހިނގާ އޮގަސްޓު މަހުގެ ތެރޭގައި މަސައްކަތް އަލުން ފައްޓަވާނޭކަން އެ މަނިކުފާނު އިޢުލާންކުރެއްވިއެވެ. އަދި ބާރު ދުވެލީގައި މަސައްކަތް ކުރިއަށްގެންދަވައި، ސެޕްޓަމްބަރު މަހުން ފެށިގެން ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމަވާނޭކަމުގެ ޔަޤީންކަން އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ކުޑަރިކިލުގެ މަގު ހެދުމުގެ މަސައްކަތް ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރް.ޑީ.ސީ) އާ ހަވާލުކުރައްވާފައި ކަމަށާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިމެމުންދާ ވަރަކަށް މަގުހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ތަޢުލީމީ ދާއިރާ އާއި ސިއްޙީ ދާއިރާއިން ރާއްވަވާފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތުވެސް ހިއްސާކުރައްވާފައެވެ. އެގޮތުން، މިހާރު ހުއްޓުމަކަށް އައިސްފައިވާ، ސްކޫލްގެ މަސައްކަތް ބާރު ދުވެލީގައި ނިންމެވުމަށްފަހު، ރައްޔިތުން އެދޭ ފަދަ މަލްޓި ޕަރޕަސް ހޯލެއްގެ މަސައްކަތްވެސް ކުރިއަށްގެންދެވުމަށް ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި މިއަދު ބިންގާ އެޅި ސިއްޙީ މަރުކަޒުގެ އާ އިމާރާތާއެކު، ސިއްޙީ ޚިދުމަތްތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް ފެށިގެންދިޔައީކަންވެސް އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ކުޑަރިކިލުގައި އިތުރު މިސްތިކެއް ބިނާކުރުމުގެ މަސައްކަތުގެ ކޮންޓްރެކްޓްގައި ސޮއިކުރެވިފައިވާކަމަށާއި، މިސްކިތް ބިނާކުރާނޭ ބިން ހަމަޖެހުމާއެކު އެ މަސައްކަތް ފެށޭނޭކަމަށްވެސް އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން، ރަށުގެ ފުޓުބޯޅަ ދަނޑުގެ މަޝްރޫޢު ފުރިހަމަ ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްގެންދިއުމަށް މި މަހު ހަވާލުކުރައްވާނޭ ކަމަށާއި، ކުޑަރިކިލުގައި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރަކާއި ހޭންޑްބޯލް ކޯޓެއް ޤާއިމުކުރުމުގެ މަސައްކަތްވެސް ކުރިއަށްގެންދަވަން ނިންމަވާފައިވާކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެ ހުރިހާ މަޝްރޫޢެއްވެސް ކުރިއަށްގެންދަވާނީ ވަރަށް ގާތުން ވިލަރެސްކުރެވިގެން ބާރު ދުވެލީގައި ކަމުގެ ޔަޤީންކަންވެސް، ކުޑަރިކިލުގެ ރައްޔިތުންނަށް އެ މަނިކުފާނު ދެއްވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް