Support Us

ތަރައްޤީ ގެނައުމުގައި ކަމަދޫ ބާކީ ނުކުރައްވާނެކަމުގެ ޔަގީންކަން ދެއްވައިފި

ބ. އަތޮޅަށް ތަރައްޤީ ގެނައުމުގައި ކަމަދޫ މީގެ ކުރިން އޮތީ ލިސްޓުގެ ތަންކޮޅެއް ފަހަތުގައި ކަމަށާއި، ނަމަވެސް މާތް ﷲގެ އިރާދަފުޅާއެކު، އެ ތަފާތުކުރުން ނައްތާލައި، ހަމަހަމަކަމާއެކު ތަރައްޤީ ގެނައުމުގެ ސިޔާސަތެއް ތަންފީޒުކޮށްދެއްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބ. ކަމަދޫގެ ރައްޔިތުންނަށް ދެއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ޔަޤީންކަންދެއްވާފައި ވަނީ، ބ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ކަމަދޫގެ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި، ވާހަކަފުޅުދައްކަވަމުންނެވެ.

ކަމަދޫގެ ރައްޔިތުންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމުގައި ކުރިއަށް ވަޑައިގަންނަވާނީ، ބާކީކުރެވި، ޗާޓުން އެއްކިބާކުރެވިފައި އޮތް އޮތުމަށް ނިމުން ގެންނަވައި، ރައްޔިތުންނާ ގާތުން މަސައްކަތްކުރައްވައިގެން ކަމުގެ ޔަޤީންކަންދެއްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ އަމަލީ ގޮތުންވެސް އެކަން ދައްކަވައިދެއްވާނެ ކަމުގައި ވިދާޅުވެފައެވެ.

ކަމަދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރަށުގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ، އަދި ކުރިއަށް އޮތް ދުވަސްތަކުގައި ހިންގަވައިދެއްވާނެ މުހިންމު މަޝްރޫޢުތަކަށް އަލިއަޅުވާލައްވާފައެވެ. އެގޮތުން ތަޢުލީމީ ދާއިރާއާއި ޞިއްޙީ ދާއިރާގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ. އަދި އެމަނިކުފާނުގެ ވަޢުދުފުޅާ އެއްގޮތަށް، ކުޅިވަރުގެ ދާއިރާއިން، ރަށުގެ ފުޓުބޯޅަދަނޑުގައި ކުރަންހުރި މަސައްކަތްތައްވެސް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

ކަމަދޫއަކީ ލޯކަލް ޓުއަރިޒަމް ކުރިއަރާފައިވާ އަދި ހަލުވި ދުވެލީގައި ކުރިއަރަމުން އަންނަ ރަށެއްކަން ފާހަގަކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހިންގުމުގައި ރައްޔިތުން އެދިވަޑައިގެންނެވި ގޮތަށް ކަންކަން ކުރިއަށް ގެންދެވުމަށް އެމަނިކުފާނު ތާޢީދުކުރައްވާކަމުގައި ވިދާޅުވެފައެވެ. އަދި ރަށުގެ ބަނދަރު ހެދުމުގެ މަސައްކަތްވެސް ފުރިހަމަކޮށްދެއްވައި، ގިރާ ސަރަޙައްދުގެ މައްސަލައާއި އެ ފަދަ ކަންބޮޑުވުންތަކަށްވެސް ހައްލު ހޯއްދަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

މިއަދުގެ ރަސްމިއްޔާތުގައި ކަމަދޫގެ ތަރައްޤީއަށް މުހިންމު ދެ އެއްބަސްވުމެއްގައިވެސް ވަނީ ސޮއިކުރައްވާފައެވެ. ފުރަތަމަ ސޮއިކުރީ ކަމަދޫ ސްކޫލުގައި ގާއިމުކުރާ އައު އިމާރާތުގެ އެއްބަސްވުމުގައެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ އިސްމާޢީލް ޝަފީޢު އަދި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓަޑްގެ މެނޭޖިން ޑިރެކްޓަރ ޙަމްދާން ޝަކީލެވެ. މި ރަސްމިއްޔާތުގައި ސޮއިކުރި ދެ ވަނަ އެއްބަސްވުމަކީ، މޯލްޑިވިއަންއާއި ހޯކްސް ހޮޓެލްސްއާ ދެމެދުގައި ސޮއިކުރި އެއްބަސްވުމެކެވެ. މި އެއްބަސްވުމަކީ ކަމަދޫއަށް ސީޕްލޭން އޮޕަރޭޓްކުރުމަށް ވީ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް އިޔާސް އަދި ހޯކްސް ހޮޓެލްސްގެ ޑިރެކްޓަރ ޙުސައިން އަމަންއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކަމަދޫ ސްކޫލުގެ އައު އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން، ކަމަދޫއަށް ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ ތަނަކަށް ސްކޫލް އިމާރާތް ހަދައިދޭނެ ކަމުގެ ފުރިހަމަ ޔަޤީންކަން ވަނީ ދެއްވާފައެވެ. އަދި ސީޕްލޭންގެ ޚިދުމަތް ފެށިގެން ދިއުމަކީ ވަރަށް ބޮޑު އިޤްތިޞާދީ ފައިދާއެއް ރަށަށް ކުރާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

ބ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ހަތަރު ދުވަހުގެ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ފުރާވަޑައިގަތީ މިއަދު ހެނދުނުއެވެ. މި ދަތުރުފުޅުގައި، އެ އަތޮޅުގެ 13 ރަށަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ‎ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން މި ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގަންނަވައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް