ބ. ކަމަދޫ ކައުންސިލާއި އ.ތ.މ ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައި ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވައިފިއެވެ.
ކަމަދޫ ޕްރީ ސްކޫލްގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ކައުންސިލް މެންބަރުން ވަނީ، ރަށްގިރުމުގެ މައްސަލައަށް ހައްލެއް ހޯދުމާއި ކަމަދޫ ސްކޫލުގެ ޖާގައިގެ ދަތިކަން ފާހަގަކުރައްވައި، ރަށަށް އައު ސްކޫލެއް ބޭނުންވާކަން ހާމަކުރައްވާފައެވެ. އަދި ކަމަދޫގެ ޒުވާނުންނަށް ފުޓްބޯޅަ ދަނޑެއް ބޭނުންވާ ކަމަށާއި ކަމަދޫ ކައުންސިލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވައިދެއްވުމަށް އެ ބޭފުޅުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ރަށުގެ ޞިއްޙީ މަރުކަރުގައި ޖާގައިގެ ދަތިކަން އޮތް މިންވަރު ފާހަގަކުރައްވައި، އެ ސެންޓަރު އަޕްގްރޭޑް ކުރުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ކަމަދޫގެ ގުދުރަތީ ރީތިކަން ނުގެއްލޭ ގޮތަށް އެރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށާއި ރަށުގައި މިސްކިތެއް ބިނާކޮށްދެއްވުމަށް ކައުންސިލް މެންބަރުން އެދިވަޑައިގެންނެވިއެވެ. އަދި ކައުންސިލުން ވަނީ، ރަށު ބަނދަރުގެ މަސައްކަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވައި، ބަނދަރުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެ ކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.



advertisment