Support Us

ޝާއިރުންގެ ވާދީގެ އީ-މަޖައްލާ "ދުއްލިސާ" ނެރެފި

ދިވެހި އަދަބީ ޖަމިއްޔާއެއް ކަމަށްވާ ޝާއިރުންގެ ވާދީގެ ފުރަތަމަ އީ-މަޖައްލާ މިއަދު ނެރެފިއެވެ. ކޮންމެ ތިން މަހަކުން އެއް ފަހަރު ނެރޭ މި މަޖައްލާގެ ނަމަކީ "ދުއްލިސާ" އެވެ.

"ދުއްލިސާ"ގެ ފުރަތަމަ އަދަދުގައި، އެ މަޖައްލާގެ އެޑިޓަރު އަދި ޖަމިއްޔާގެ ނައިބު ރައީސާ މަރިޔަމް ޝަޒްލީން ވިދާޅުވީ މިއީ "ވަޅުޖެހެމުން، ގެއްލެމުންދާ ދިވެހިބަހުގެ އަދަބިއްޔާތު ދިރުވައި އާލާކުރެވޭތޯ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތުގެ ތެރެއަށް އިތުރުވި އައު ބޮޅެއް" ކަމަށެވެ.

"މިއީ މި މަޖައްލާގެ ފުރަތަމަ ޢަދަދުކަމަށް ވުމުން މިފަހަރު އަޅުގަނޑުމެން މި މަސައްކަތް ކުރިއަށް މިގެންދަނީ މި ޖަމްޢިއްޔާގައި އިސްކޮށް މަސައްކަތްކުރައްވާ ހުރިހައި ބޭފުޅުންގެ ފިކުރާއި ޚިޔާލު މި މަޖައްލާގައި ހިމަނައިގެންނެވެ. އެގޮތުން މި ޖަމްޢިއްޔާގެ ލޮބުވެތި ރައީސް އުސްތާޛު ޙަސަން ލަބީބު، ލޮބުވެތި މުޝީރުން ކަމުގައިވާ އުސްތާޛު ޢަބްދުﷲ ޢަފީފު، އުސްތާޛު އަޙުމަދު ނާސިރު އަދި އުސްތާޛު އަޙުމަދު ފިރާޤު އަޅުގަނޑުމެންނަށް ދެއްވެވި އަގުހުރި އިރުޝާދަށްޓަކައި ހަތަރު ބޭފުޅުންނަށް ލޯތްބާއި ޠާޢަތާއެކު ހިތުގެ ޚާލިޞް ޝުކުރު އަރިސްކުރަމެވެ." އެޑިޓޯރިއަލްގައި ޝަޒްލީން ލިޔުއްވައިފައިވެއެވެ.

"ޝާޢިރުންގެ ވާދީގެ ނަމުގައި ދިވެހި އަދަބިއްޔާތަށްޓަކައި މިފަދަ އަގުހުރި މަސައްކަތެއް ކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވީތީ މި ވާދީގެ ލޮބުވެތި ރައީސަށް ނިހާޔަތަށް ޝުކުރު ދަންނަވަމެވެ. އުއްމީދަކީ އަޅުގަނޑުމެން މިއަދު މިނެރޭ އީ މަޖައްލާގެ ސަބަބުން އަދަބީ އުދަރެހުގައި ފިޔަޖަހާނެ އިތުރު ތަރިތަކެއް އުދަވެގެން ދިއުމެވެ. ދުޢާއަކީ ދިވެހިންގެ ފަޚުރު ކަމުގައިވާ ދިވެހި ޤައުމިއްޔަތާއި، ރިވެތި ސަގާފަތާއި، ކާބަފައިންގެ އެވޭލާ އާދަކާދައާއި، ނަލަނަލަ ދިވެހި ބަހުގެ ޙިމާޔަތުގައި، އުސްތާޛު ޙަސަން ލަބީބުގެ މޭސްތިރިކަމުގެ ދަށުން އަޅުގަނޑުމެން ކުރަމުންދާ އަދަބީ ދަތުރުގައި، ޠޫފާނީ ބާރުގަދަ އޮއިވަރުގެ ބިޔަ ރާޅުތަކުން ސަލާމަތްވެ އަމާން އައްސޭރިއަކަށް ރައްކާތެރިކަމާއެކު ވާޞިލުވުމުގެ ހެޔޮ ތައުފީޤު ދެއްވުމުވެ. އަދި އަޅުގަނޑުމެން ފަދައިން ދިވެހި ބަސް ހެޔޮ ގޮތުގައި ޖީލުތަކަކަށް ފޯރުކޮށްދެއްވުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވާ ހުރިހާ ބޭފުޅުންގެ މަސައްކަތުގައި ވެސް މާތްﷲ ބަރަކާތް ލެއްވުމެވެ."

ޅެންވެރިންގެ ދުވަހާ ދިމާކޮށް 2021 ވަނަ އަހަރުގެ ޖަނަވަރީ މަހު އައްޑު އަތޮޅުގައި އުފެއްދި ޝާޢިރުންގެ ވާދީގެ ރައީސް ޙަސަން ލަބީބު ވިދާޅުވީ "ދުއްލިސާ" އަކީ ދިވެހި ބަހާއި އަދަބިއްޔާތާއި ތާރީޚާއި ސަގާފަތު އާލާކޮށް ދިރުވުމަށްޓަކައި ޖަމިއްޔާއިން ކުރަމުން އަންނަ މަސައްކަތަށް އިތުރުވެގެންދިޔަ ބޮޅެއް ކަމަށެވެ.

"މި ޖަމްޢިއްޔާގެ މަޤުޞަދު ޙާޞިލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން ދިވެހި ޤައުމިއްޔަތު ދިރުވައި، ޤައުމިއްޔަތަށް ލޯބިކުރާ ފަރުދުން އުފެއްދުމަށް ޝާއިރުންގެ ވާދީގެ ހިޔަލުގައި ޝާޢިރުންގެ ވާދީގެ ހިންގާ ކޮމިޓީއާއި ޖަމްޢިއްޔާގެ މެންބަރުންނާއި ޢާއްމު މެންބަރުން ގުޅިގެން ކުރައްވާ މަސައްކަތަށް ޖަމިއްޔާގެ ރައީސްގެ ޙައިސިއްޔަތުން އަޅުގަނޑު ފަޚުރުވެރިވޭ. އެ ބޭފުޅުންނަށް ލޯތްބާއެކު ޝުކުރު ދަންނަވަން،" ދިވެހި އަދަބިއްޔާތުގެ ރޮނގުން ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިވަޑައިގެންފައިވާ، އައްޑޫ ސިޓީ ހިތަދުއަށް އުފަން ލަބީބު ވިދާޅުވިއެވެ. "އިރާދަކުރެއްވިއްޔާ ކޮންމެ ތިން މަހަކުން އެއް މަހު ނެރެން ގަސްދުކޮށް މިއަދު ނެރެވިގެންދާ މަޖައްލާގެ ސަބަބުން ލިޔުންތެރިކަމުގެ ފަންނަށް އިތުރު ކުރިއެރުން ލިބޭނެ."

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް