އެކަނިވެރި މައިންނޭ ބުނުމުން ގިނަ ފަހަރަށް އާންމުންނަށް ވިސްނެނީ ހަމްދަރުދީގެ ނަޒަރަކުން ބަލަން ޖެހޭ ބައެއްގެ ގޮތުގައެވެ. މިއީ މުޅިއަކުން ގޯސް ވިސްނުމެއް ނޫނެވެ. ދަރީން ދެއްވަނީ ދެމީހުންނަށެވެ. ކޮންމެވެސް ސަބަބުތަކަކާ ހެދި ދެމީހުން ވަކިވުމުން ދެމީހުންގެ ޒިންމާ އެކަކު އުފުލަން ޖެހުމުން ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނޭކަން ކަށަވަރެވެ. މިކަމަކީ އެ ޒިންމާ އުފުލާ މީހާއަށް ހަމްދަރުދީ ބޭނުންވާ ކަމެކެވެ.
ނަމަވެސް އަހަރެންގެ ހަޔާތުގައި އަހަރެންނަށް ފެނިފައިވާ އެކަނިވެރި މައިން އުޅޭ ގޮތުން އަހަރެން ހައިރާންވެއެވެ. އެމީހުން އުޅެނީ އެހެން މީހުންނަށްވުރެ މާ ގަދަކޮށެވެ. އޭގެ ތެރެއިން ބައެއް މީހުންނަކީ އެއް ކުއްޖެއް ބެލުމުގެ ބުރަ އުފުލާ މީހުންނެވެ. އަނެއްބައި މީހުން ހަތަރު ކުދިންގެ ކަންކަން ބެލުމުގައި ރެއާއި ދުވާލު އުޅެމުންދާ މީހުންނެވެ. ދަރިން ބަލާފައި އާމްދަނީ ހޯދަން މަސައްކަތްކުރާ މީހުންވެސް އޭގެ ތެރޭގައި ގިނައެވެ. އުފުލަން ޖެހިފައިވާ ބުރައާ ދޭތެރޭ ހިތްހަމަނުޖެހިގެން އެއްޗެއް ބުނާ އަޑެއް މަދު ފަހަރަކު ނޫނީ ނީވެއެވެ. އެމީހުން އުޅޭލެއް ބުރަ ވިޔަސް އެހެން މީހަކަށް ކަމެއް ކޮށްދޭން ޖެހިއްޖެއްޔާ، އެކަންވެސް ވަރަށް ހަލުވިކޮށް ކޮށްލައިދޭނެއެވެ.
އެހެންކަމުން އެކަނިވެރި މައިން މިއީ ވަރަށް ގަދަ ބަޔެއް ކަމާ މެދު ޝައްކެއްނެތެވެ. މިއީ ވެސް އެކަނިވެރި މައެއްގެ ވާހަކައެވެ. ނަމަވެސް މިއީ އާދައިގެ އެކަނިވެރި މައެއް ނޫނެވެ.

ޔުގާންޑާއަށް އުފަން މަރިޔަމް ނަބަތަންޒި ބަބިރީއަށް މިއަހަރު ވަނީ 45 އަހަރެވެ. އޭނާ ދިރިއުޅެނީ ޔުގާންޑާގެ ފަގީރު އަވަށެއްގައި ސިމެންތިގަލުން ހަދައި، ޓިނުން ހިޔާކޮށްފައިވާ 17 ކޮޓަރީގެ ގެއެއްގައެވެ. އެ ގޭގެ 15 ކޮޓަރިއަކީ ނިދާ ކޮޓަރިއެވެ. އެ ކޮޓަރިތަކުގައި ނިދަނީ މަރިޔަމްއަށް ލިބިފައިވާ 38 ކުދިންނާއި، އެ ކުދިންގެ ތެރެއިން ބައެއް ކުދިންނަށް ލިބިފައިވާ ދަރިންނެވެ.
އާނއެކެވެ. މަރިޔަމްއަކީ ދުނިޔޭގެ ރިކޯޑު ފޮތުގައި ހިމެނިފައިވާ އެންމެ ދަރިން ގިނަ މީހުންގެ ތެރެއިން އެކަކެވެ. އޭނާއަކީ އެކަނިވެރި މަޔެކެވެ. މި އެކަނިވެރި މައިމީހާ ދުނިޔެއަށް މަޝްހޫރުވެފައި ވަނީ "މާމާ ޔުގަންޑާ"ގެ ނަމުންނެވެ.
އޭނާގެ މި އާދަޔާ ޚިލާފު ދިރިއުޅުން ފެށެނީ އޭނާގެ އުމުރުން 12 އަހަރުގައި، 40 އަހަރުގެ މީހަކާ ކައިވެނިކުރި ހިސާބުންނެވެ. މަރިޔަމްއަށް އެންމެ ފުރަތަމަވެސް ލިބުނީ އެއްމާބަނޑު ދެކުދިންނެވެ. އޭގެ ފަހުން އޭނާ 15 ފަހަރު ވިހައިފައިވެއެވެ. ކޮންމެ ފަހަރަކުވެސް ލިބެނީ އެއް ކުއްޖަކަށް ވުރެ އިތުރަށެވެ. ވަރަށް ގިނަ ފަހަރު ހަތަރު ކުދިން ވެސް ލިބިފައިވެއެވެ.
މަރިޔަމްއަށް އެންމެ ފުރަތަމަ ވިހެއީ 13 އަހަރުގައެވެ. އޭނާގެ އެންމެ ފަހު ދަރިފުޅު ލިބިފައިވަނީ 2015 ވަނަ އަހަރުއެވެ. އޭނާގެ އެންމެ ދޮށީ ދަރިފުޅަށް މިއަހަރު މާޗް މަހު 36 އަހަރު ފުރިފައިވާއިރު، އެންމެ ހަގު ދަރިފުޅަށް މިއަހަރު ފުރެނީ ނުވަ އަހަރެވެ. މުޅިއަކު އޭނާއަށް 44 ކުދިން ލިބުނެވެ. ނަމަވެސް އޭގެ ތެރެއިން ހަ ކުދިން ވަނީ މަރުވެފައެވެ. މިވަގުތު އޭނާއަށް އުފަން 16 އަންހެން ކުދިންނާއި 22 ފިރިހެން ކުދިން އެބަތިއްބެވެ.

މިގޮތަށް ގިނަ ދަރިން އެއްފަހަރާ ލިބެން ފެށުމުން އެންމެ ފުރަތަމަ މަރިޔަމް އެހާ ކަންބޮޑެއް ނުވެއެވެ. އޭނާގެ ބައްޕައަށް ވެސް 45 ދަރިން އެކި މީހުންނާ އިނދެގެން ލިބިފައިވާއިރު، ކޮންމެ ފަހަރަކުވެސް ލިބިފައިވަނީ އެއްފަހަރާ އެއް ކުއްޖަކަށް ވުރެ ގިނައިންނެވެ. ނަމަވެސް މަރިޔަމްގެ ކަންބޮޑުވުން ފެށުނީ މާ ގިނަ ދަރިން ލިބި، ފިރިމީހާއަށް ލިބޭ އެއްޗަކުން ދެކޮޅުނުޖެހޭ ހިސާބަށް ކަންތައް ދާން ފެށުމުންނެވެ.
ލަފާ ހޯދަން ދިޔުމުން ޑޮކްޓަރު ބުނީ އޭނާއަށް މިހާ ބައިވަރު ކުދިން ކޮންމެ ފަހަރަކު ލިބެނީ އޭނާ އުފެދުމުގައި ހުރި ޞިއްޙީ ކޮންޑިޝަނެއްގެ ސަބަބުން ކަމަށެވެ. އެއީ ހައިޕަރއޯވިއުލޭޝަން ކިޔާ ކަމެކެވެ. މިކަމުގެ ސަބަބުން މަރިޔަމްގެ އޯވަރީ އެހެން މީހުންނަށް ވުރެ ބޮޑުވެފައި ބިސް އުފައްދާއިރު ކޮންމެ ފަހަރަކު އެއް ބިހަށް ވުރެ ގިނަ ބިސް އުފައްދަނީއެވެ. ދަރިން އިތުރަށް ނުލިބޭ ގޮތެއް ހަދައިދޭން އެދުމުން ޑޮކްޓަރުން ލަފާ ދިނީ އޭނާ ނުވިހާ ގޮތް ނުހެދުމަށެވެ. ސަބަބަކީ އެކަމުގެ ސަބަބުން އޭނާގެ ޞިއްޙަތަށް ނޭދެވޭ އަސަރުތަކެއް ކޮށްފާނެތީއެވެ.
މަރިޔަމްގެ ފިރިމީހާގެ ފަރާތުން ވެސް މިކަމުގައި ޙައްލެއް ހޯދުމަށް އެއްވެސް އެއްބާރުލުމެއް ނުލިބުނެވެ. އަދި ދަރިންގެ ކަންތައް ބެލެހެއްޓުމުގައި އެއްވެސް އެހީއެއް ނުލިބި މަރިޔަމްއަށް ފިރިމީހާގެ ފަރާތުން ވަރަށް ގިނަ އަނިޔާ ވެސް ތަޙައްމަލު ކުރަން ޖެހުނެވެ. މަރިޔަމްގެ ފިރިމީހާ ވަނީ އޭނާއާއި ދަރިންތައް ދޫކޮށްލާފައި 2015 ވަނަ އަހަރު ގޮސްފައެވެ. އެހާ ގިނަ ދަރިން ބެލުމަށް އުޒުރުވެރިވެފައެވެ. އޭނާ ދަމުން ދިޔައީ މަރިޔަމްގެ ބައްޕަގެ އަތުން ލިބިފައިވާ ދަނޑާއި ބިންކޮޅުވެސް ވިއްކާލައިފައެވެ. އޭރު މަރިޔަމް އޭނާގެ އެންމެ ފަހު ދެ ކުދިންނަށް ބަނޑު ބޮޑެވެ.

ދަރިންނާއި މަރިޔަމް މަގުމަތިވުމުން އެ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނީ މަރިޔަމްގެ މާމައެވެ. މަރިޔަމް މާމަކައިރިއަށް ބަދަލުވިތާ ކުޑަ ދުވަސްކޮޅެއް ތެރޭގައި އޭނާގެ މާމަވަނީ ދުނިޔެ ދޫކޮށްފައެވެ. މާމަގެ ގޯތީގެ މައްސަލައިގައި ހަމަނުޖެހުންތަކަކަށް ފަހުގައި މަރިޔަމްއަށް ވަނީ އެގޯތީގެ މިލްކުވެރިކަން ދެން ތިބި ވާރިސުންނަށް އަގުދައްކާ ހަމަކުރާ ގޮތަށް ލިބިފައެވެ. މަރިޔަމް ވަނީ އޭނާއަށް މީހުންގެ އަތުން ލިބޭ އެހީއާއި އަމިއްލައަށް މަސައްކަތްކޮށްގެން ލިބޭ ފައިސާއިން އެ ގޭގައި އޭނާއާއި އޭނާގެ ކުދިންނަށް އުޅެވޭނެ ގޮތް ހަމަޖައްސާފައެވެ. ބައެއް ކޮޓަރިތަކުގައި ކުދިން ނިދަނީ ބަންކު އެނދުތަކުގައެވެ. އަނެއްބައި ކޮޓަރިތަކުގައި ކުދިން ނިދަނީ ގޮދަޑި އަޅައިގެންނެވެ.
އޭނާގެ ޢާއިލާގެ ޚަރަދުތައް ބެލެހެއްޓުމަށް މީހުންގެ އަތުން އެހީ ލިބުމުގެ އިތުރުން މަރިޔަމްވެސް ފައިސާ ހޯދުމަށްޓަކައި އެކި ކަހަލަ ކަންކަން ކުރެއެވެ. އޭގެ ތެރޭގައި މީސްމީހުންގެ ބޯކޮށާ ދިނުމާއި، ހެދުން ފަހައިދިނުމާއި، ފަތްޕިލާވެލިން ބޭސްހަދާފައި ވިއްކުމާއި، ދަނޑުގޮވާން ކުރުމާއި ނަޢަމް ސޫފި ގެންގުޅުން ހިމެނެއެވެ. އޭނާއަށް ވީވަރަކުން ހުރިހާ ދަރިންނަށް ކިޔަވައިދެވޭތޯ މަސައްކަތް ކުރެއެވެ. ނަމަވެސް އޭނާގެ ބައެއް ކުދިން ވަނީ ސްކޫލުގެ ފީ ނުދެއްކިގެން ސްކޫލުން ވަކިވެފައެވެ.
މަރިޔަމްއާ ވާހަކަ ދައްކާލައިފި މީހަކަށް ވެއްޖެއްޔާ އޭނާއަކީ ސަކަ މިޒާޖެއްގެ މީހެއްކަން އެނގޭނެއެވެ. އޭނާ އުޅެނީ މީހުންގެ ފަރާތުން ހަމްދަރުދީ ބޭނުންވެގެންނެއް ނޫނެވެ. އޭނާއަށް މީހަކު ދިން އެއްޗެއް ވެއްޖެއްޔާ ހިފައެވެ. އަދި އަބަދުވެސް އޭނާއަށް މަންމަ ކިޔާނެ އެހާ ގިނަ ދަރިންތަކެއް ދެއްވީތީ ޝުކުރު ކުރެއެވެ. އޭނާ ހުރިހާ ދަރިން ދެކެވެސް އިންތިހާއަށް ލޯބިވެއެވެ. އަދި އޭނާގެ ދިރިއުޅުމަށް ވުރެ ރަނގަޅު ދިރިއުޅުމެއް އެމީހުންނަށް ލިބުމަށް އެދެއެވެ. އޭނާގެ އެކަނިވެރި ދިރިއުޅުމަކީ އެކަނިވެރި ދިރިއުޅުމެއް ނޫނެވެ. ވަރަށް އާދަޔާ ޚިލާފު، ލޯބިން ފުރިގެންވާ ދިރިއުޅުމެކެވެ.



advertisment