އިހަކަށް ދުވަހު ގައުމުން ފެނުނު ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
ވިހައިން ލެވުނު ގައުމިޔަތަށް ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
އައު ގޮތްތަކަށް ހުޅަނގުން ގެނައި އައު ޖީލުތައް ހާނައިލުމުން
ގައުމިއްޔަ ރޫޙާ ލޯބި ނެތި ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
ސައްބީސް ޖުލައިފަދަ މޫސުމަށް ރަށުތެރެ އެކީ ޒީނަތް ކުރެވި
ފައްކާކުރަން މަދަނީން އުޅުނު ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
ދިދައިން ދިވެހިގައުމުގެ ތެރޭ ފެއްސާ، ރަތާ، ހުދު، ފާޅުކޮށް
ވިދަމުން ރިވެތި ކުލަބޮކި ދިލުނު ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
ގައުމީ ތަރާނާއިން ހިތާ ރޫޙަށް ދިރުންދިން ޖުމުލައިން
ފައުޅުވި އަސަރުތައް ފަނޑުވެގޮސް ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
ނަފުސާ ކޮށާރަށް ވުރެ ބޮޑަށް ގައުމުގެ ނަފާ އިސްކޮށް އުޅުނު
އަފުރާދުނަށް ބަދަލެއް އައިސް ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
ފަރުވާ އަކުން ދީފައިވި ވިހަ ނެތިކޮށް ލުމަށް ބޭހެއް ހަދަން
ގަރުނަކު މިތިބަ ނެތި ބޭސްވެރިން ޙުއްބުލް ވަޠަން މަރުވެއްޖެޔޭ
