ވާ ގޮތީ އޭގައި އިނގޭތޯ "ކަން" ދަނީ ނަމަ ފަނޑުވެގެން
ދާމަގުން އެ "ކަމާ" ގުޅޭ "ބަސްތައް" ހިނގައިދޭ މަރުވެގެން
އޮންނަ ހަމަ މީ ސުންނަތޭ ހަމަ ކޮންމެ ބަހެއްގެމެ ފިޠުރަތޭ
އޮންނަ ހަމައިން އައު ބަދަލުތައް އައުދެޔޭ ފަށްފަަށްވެގެން
"ބަސްބަހީ މީހެއްގެ އެއްޗެއް ނޫން"ބުނީ މިރްޒާޝަކީބް
ބަސްތަކީ ރައްބުގެމެ އެއްޗެއް ހެކިވަނީ ކަށަވަރުވެގެން
ވަންނަ އެއްޗެއްސަށް އަލަށް އެކި ބަސްބަހުން ބަސްބަސްތެރަށް
ދަންނަވަންތޯ އައު ލަފުޒު ހެދިދާށިއޭ މީހުންވެގެން
ބާވަމުން ނެތެމުން ދަނީ ނަމަ އާދައެއް އޮތް މީސްތެރޭ
ދާނެޔޭ އެ ކަމުގެ ލަފުޒުތައް ވެސް ތަނުން ނެތި ބީވެގެން
ފާލުބެލުމާ ރަމަލުޖެހުމާ ސިހުރު ހެދުމާ ފަންޑިތާ
ރާޚުފާތްތައް ނެތިފިލައި ރާއްޖޭން ހިނގާއްޖޭ ބީވެގެން
ކަންމިހެންވީމާ އެ ކަންކަމުގައި ހިނގާ ލަފުޒުގެ ކޮށާރު
ކަން ދިޔައިމާ ދިޔަ ކަމާ އެކު ގޮސް ފިލާއްޖޭ މަރުވެގެން
އިއްޔެ ކެއްކީ "ބަތްތަވާ" ދެންތޯ "ތެލިން" އަދުގައި "ކުކަރު"
މިއްޔެ މި ބަދަލު އަންނަ ހަމައީ އައި ތަރައްގީ ފަހިވެގެން
މިއަދު ފަންނިއްޔާތު އޭއައި މީ ބަހުގެ މުސްތަގުބަލޭ
ރިޔަލުގައި ދުއްވާ!ނު އޮޑި އިންޖީނު އަދު ފައިދާވެގެން
އޮތް ގޮތީ ނެތުމުގެ ކުރިން އެ ކަމެއް އަލުން އާލާކުރުން
ގޮތްފޮތުން ދިރިގެން ލަފުޒުތައް ވެސް ދިރޭށިޔެ"އަލަވެގެން"
