Support Us

އަފްޝާން: ހީވާގި މަންމައެއް، އެމްޕީއެލްގެ ލާމަސީލު މުވައްޒަފެއް

ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާއަކީ ޤާބިލު އަދި ހުނަރުވެރި ޝަޚްސިއްޔަތުން އުފެދެމުން އަންނަ ދާއިރާއެކެވެ. ޒަމާނުއްސުރެ ގެންގުޅެވުނު ޤަބޫލުކުރުންތަކަށް ބަދަލު އައިސް، މި ދާއިރާގައި މަސައްކަތްކުރެވޭނީ ހަމައެކަނި ފިރިހެނުންނަށް ކަމުގައި ގަބޫލްކުރި ވިސްނުން މިހާރު ވަނީ ބަދަލުވެފައެވެ. މިގޮތުން، ދިވެހިރާއްޖޭގެ މެރިޓައިމް ދާއިރާގައިވެސް، ޤާބިލު އަންހެނުން އިސް މަޤާމުތަކުގައި މަސައްކަތް ކުރާ މަންޒަރު މިހާރު އަންނީ އާންމުވަމުންނެވެ.

ކޮންމެ ދާއިރާއެއްގައިވެސް ކާމިޔާބީއާ ހަމައަށް ވާޞިލުވުމަށްޓަކައި، ހިތްވަރާއި، އެ މަސައްކަތަކަށް ޤާބިލުވުމަކީ މުހިންމު ކަމެކެވެ. ވަކިން ހާއްސަކޮށް މައިވަންތަކަމުގެ ޒިންމާ އަދާކުރަމުން، ފިރިހެނުން ގިނަ ދާއިރާއެއް ކަމުގައިވާ، މެރިޓައިމް ސިނާއަތުގެ މާލީ ދާއިރާގެ އިސް މަޤާމެއްގައި ކާމިޔާބުކަމާއެކު މަސައްކަތްކުރުމަކީ ފަޚުރުވެރިވާންޖެހޭ ކަމެކެވެ.

މި ދެ ރޯލުވެސް ފުރިހަމައަށް އަދާކުރާ އެކަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ފައިނޭންސް ޑިޕާޓްމަންޓުގެ ސެކްޝަން މެނޭޖަރ، ފާޠިމަތު އަފްޝާން އަބްދުއްޝަކޫރެވެ. އެމްޕީއެލްގައި 19 އަހަރުގެ ދިގު ތަޖުރިބާ ހޯދައިފައިވާ އަފްޝާންއަކީ، އެހެން އަންހެން މުވައްޒަފުންނަށް ނަމޫނާއަކަށްވާ ޤާބިލު މުވައްޒަފެކެވެ. އަފްޝާންގެ ފަންނީ ކުރިއެރުމާއި ކާމިޔާބީގެ ވާހަކައަކީ، މެރިޓައިމް ދާއިރާގައި މަސައްކަތްކުރާ އެހެން ކަނބަލުންނަށް ހިތްވަރާއި އުއްމީދު ލިބިދޭ ވާހަކައެކެވެ.

އުމުރުން 40 އަހަރުގެ އަފްޝާން އަކީ އެމްޕީއެލްގެ މުހިންމު މަޤާމެއްގެ ޒިންމާ އުފުލަމުން، އުމުރުން އެއް އަހަރުގެ ދަރިފުޅުގެ ބުރަ މަސްއޫލިއްޔަތު އަދާކުރަމުން އަންނަ ހީވާގި ކަނބަލެކެވެ. މަޤާމުގެ މަސްއޫލިއްޔަތުތަކަށް ފަސްނުޖެހި، ހިތްވަރާއި ކެރުންތެރިކަމާއެކު މެރިޓައިމް ދާއިރާ ފަދަ ލީޑަރޝިޕް މަގާމްތަކުގައި، އަންހެނުން މަދު ދާއިރާއެއްގައި މަސައްކަތްކުރުމަކީ އަފްޝާންގެ ހިތްވަރުގަދަކަން ދައްކުވައިދޭ ކަމެކެވެ.

އަފްޝާން ބުނާގޮތުގައި، އޭނާގެ ކެރިއަރުގައި މިހާތަނަށް ހާސިލްކުރެވުނު އެންމެ ފަޚުރުވެރިވާ ކާމިޔާބީއަކީ ވަޒީފާގެ ޒިންމާތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަހަމަކަމާއެކު ބެލެހެއްޓުމެވެ. އަންހެނަކަށްވީތީ މި ދާއިރާގައިވެސް އެއްވެސް ހުރަހެއް ނެތް ކަމަށާއި، އޮފީހުގެ މަސައްކަތަށާއި އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް އެކަށީގެންވާ ވަގުތު ދެވޭގޮތަށް ރާވައިފިނަމަ، ކޮންމެ ދާއިރާއަކުންވެސް ކުރިއަށް ދެވިދާނެ ކަމަށް އަފްޝާން ބުނެއެވެ.

އަފްޝާންގެ ކެރިއަރގެ ފެށުމާއި ކުރިއެރުން

އަފްޝާން އެމްޕީއެލްއާ ގުޅުނީ އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓުގެ ސެކްރެޓަރީއެއްގެ ގޮތުގައެވެ. އޭރުވެސް މާލީ ދާއިރާއަށް ހާއްސަ ޝައުޤުވެރިކަމެއް އަފްޝާންގެ ހިތުގައި އޮތެވެ. އެމްޕީއެލްގައި މަސައްކަތް ކުރަމުން ދަމުން އެކައުންޓިންގ އަދި ފައިނޭންސް ދާއިރާއިން ބީ.އޭ (އޮނާސް) ޑިގްރީއެއް މެލޭޝިއާއިން ހާސިލްކުރިއެވެ. މި ޑިގްރީ ނިންމުމަށްފަހު، އެމްޕީއެލްގެ ފިނޭންސް ޑިޕާޓްމަންޓަށް ބަދަލުވެ، އެ ޑިޕާޓްމަންޓުގެ ރެވެނިއު މެނޭޖަރުގެ މަޤާމަށް ޕްރޮމޯޓްވިއެވެ. އަފްޝާން ބުނިގޮތުގައި، ސެކްރެޓަރީގެ މަޤާމުން ފައިނޭންސް މެނޭޖަރުގެ މަޤާމަށް ކުރިއެރުން ލިބުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވަނީ މަސައްކަތުގެ އަޚްލާޤާއި ފެންވަރުންނެވެ. ހަމަ އެހެެންމެ މަސައްކަތަށް އިޚްލާޞްތެރިވެ، ފަރުވާތެރިކަމާއެކު ވަޒީފާގެ ޒިންމާތަކަށް އިސްކަންދީގެން މަސައްކަތްކުރުމަކީ ވަޒީފާގައި ކުރިއެރުން ހޯދުމަށް މަގުފަހިވާނެ ކަމެކެވެ. މީގެ އިތުރުން، ކުންފުނިން ދެއްވި އެހީތެރިކަމަކީވެސް މި ކާމިޔާބީ ހާސިލުކުރުމަށް މުހިންމު ދައުރެއް އަދާކުރި ކަމެއް ކަމުގައި އަފްޝާން ފާހަގަކުރިއެވެ. އެގޮތުން މި ދާއިރާގައި ކުރިއެރުމަށް އެމްޕީއެލްގައި މަސައްކަތް ކުރަމުން ދިޔަ އިރު، އަފްޝާންގެ އެޗްއޯޑީއިންނާއި ކުރީގެ ސީއެފްއޯއިން ވަރަށް ބޮޑަށް އެހީތެރިވި ކަމަށް ފާހަގަކުރިއެވެ. އަދި އެމީހުންގެ ލަފަޔާއި އިރުޝާދުގެ ދަށުން މި ދާއިރާއިން ކުރިއަށް ދިއުމަށް ވަރަށް ބޮޑަށް ހިތްވަރު ލިބުނު ކަމަށް ވެސް ބުންޏެވެ.

ރެވެނިއު މެނޭޖަރުގެ މަޤާމު– ހަމައެކަނި ހިސާބުތަކަށްވުރެ ފުޅާ

ގިނަ ބަޔަކު ދެކޭ ގޮތުގައި ރެވެނިއު މެނޭޖަރަކީ ހަމައެކަނި ހިސާބުތަކާއި މާލީ ކަންކަމާ ގުޅުންހުރި މަޤާމެވެ. ނަމަވެސް މި ވަޒީފާގެ ޒިންމާތައް މިއަށްވުރެ ފުޅާކަމަށް އަފްޝާން ބުންޏެވެ. އެހެނީ މިއީ މާލީ އަދަދުތަކާއި ހިސާބުތަކުގެ އިތުރުން، މި މަޤާމުގައި ސްޓްރެޓެޖިކް ގޮތުން ވިސްނައި، ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނީގެ އާމްދަނީ އިތުރުކުރުމަށް މަސައްކަތް ކުރަންޖެހެއެވެ. އަދި އިޤްތިޞާދީ ހާލަތާއި، ބާޒާރުގެ ބަދަލުތަކާ ގުޅުވައިގެން ރަނގަޅު ނިންމުންތައް ނިންމައި، ޓީމުތަކަށް އިރުޝާދު ދީ، ކަންކަން ރޭވުންތެރިކަމާއެކު ކުރިއަށް ގެންދިއުމަކީ ވެސް މުހިއްމު ކަމެއް ކަމުގައި އަފްޝާން ފާހަގަކުރިއެވެ. އަދި މިއީ ސްޓްރެޓެޖިކް ވިސްނުމާއި، މައްސަލަތައް ހައްލުކުރުމުގެ ހުނަރާއި، މުއާމަލާތްކުރުމުގެ ހުނަރުވެސް ވަރަށް މުހިންމު ދާއިރާއެއްކަން ފާހަގަކޮށް، އަފްޝާން ބުނީ، މި މަޤާމުގެ މުހިންމު އެއް ދާއިރާއަކީ ކަސްޓަމަރުންނާ މުޢާމަލާތްކޮށް، ޗެލެންޖިން މައްސަލަތަކާ ކުރިމަތިލައި، އެ ކަންކަމަށް ހައްލު ހޯދައިދިނުން ކަމަށެވެ.

ވޯކިން މަންމައެއްގެ ގޮތުގައި ދިރިއުޅުން ބެލެންސްކުރުން

މައިވަންތަކަމުގެ ޒިންމާ އުފުލުމާއެކު، އޭނާގެ ލީޑަޝިޕް ހުނަރުތަކާއި ވަގުތު މެނޭޖްކުރުމުގެ ޤާބިލުކަން އިތުރަށް ހަރުދަނާވެގެން ދިޔަކަމަށް އަފްޝާން ބުންޏެވެ. އެގޮތުން ޕާސަނަލް އަދި ޕްރޮފެޝަނަލް ލައިފް ބެލެންސް ކުރުމަށް އެންމެ ބޮޑަށް އެހީތެރިވި އެއްކަމަކީ މަންމައަކަށް ވުމަށް ފަހު ފޮލޯ ކުރަންޖެހޭ ތަފާތު އެކި ރޫޓީންތަކުގެ ސަބަބުން ކަމަށް އަފްޝާން ބުންޏެވެ. އަދި އެހެން މީހުންގެ އިހުސާސްތައް ދެނެގަތުމަކީ ހަރުދަނާ ލީޑަޝިޕަކަށް ވެސް ހަމަ އެހާމެ މުހިންމު ކަންކަން ކަމަށާއި، މިފަދަ އުކުޅުތައް އަފްޝާން އޮފީހުގައިވެސް އެޕްލައި ކުރާ ކަމަށް އޭނާ ބުނެއެވެ. އެހެން ކަމުން މަންމަ އަކަށް ވުމަކީ، އަފްޝާން ޕްރޮފެޝަނަލީވެސް ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ބާރެއް ކަމަށް އޭނާ ގަބޫލުކުރެއެވެ.

އެމްޕީއެލްގައި ފަޚުރުވެރި ކާމިޔާބީއާއި ގޮންޖެހުންތައް

އަފްޝާން އެންމެ ފަޚުރުވެރިވާ އެއް ކާމިޔާބީއަކީ ވަޒީފާގެ ޒިންމާތަކާއި އަމިއްލަ ދިރިއުޅުމުގެ ކަންކަން ހަމަހަމަކަމާއެކު ގެންދިއުމުގެ ހުނަރު ދަސްކުރުމެވެ. އެމްޕީއެލްގައި މިހައިތަނަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން ކުރިމަތިވި ޗެލެންޖުތައް ކަމުގައި އަފްޝަން ފާހަގަކުރިއެވެ. އެ ދަތި ދަނޑިވަޅުގައި، ކައުންޓަރުތަކުން ދެމުން އައި ޚިދުމަތްތައް ޑިޖިޓަލް ޕްލެޓްފޯމްތަކަށް ބަދަލުކުރެވި، އޮންލައިން ޕޭމަންޓް ނިޒާމަށް އަހުލުވެރިވުމަށް ވަގުތު ހޭދަވިއެވެ. ނަމަވެސް، މި ތަޖުރިބާގެ ސަބަބުން އަފްޝާންގެ މެނޭޖްމަންޓް ހުނަރުތައް އިތުރަށް ތަރައްޤީވެ، ހަރުދަނާވެގެން ދިޔައެވެ. އަދި އެ ދުވަސްވަރަށް ފަހު ދެން އައީ، އަފްޝާން މައިވަންތަކަމުގެ މުހިންމު މަރުޙަލާ ފެށުނު ދުވަސްވަރެވެ. އެއަށްފަހު އެއްފަހަރާ ލީޑަޝިޕް މަޤާމެއްގައި މަސައްކަތްކުރަމުން، މަންމައެއްގެ ހައިސިއްޔަތުން ގޭތެރޭގެ ޒިންމާތައް އަދާކުރުމަކީ ފުރަތަމަ ދުވަސްތަކުގައި ގޮންޖެހުންތަކެއް ހުރި ކަމެއް ކަމުގައިވީ ނަމަވެސް، މިހާރު މި ދެ ޒިންމާ އެކުގައި އަދާކުރުމަށް ފަރިތަވެފައިވާ ކަމަށް އަފްޝަން ފާހަގަކުރިއެވެ.

އަފްޝާންގެ ކާމިޔާބީގެ ސިއްރު: ގުޅިގެން މަސައްކަތްކުރުމާއި އާއިލާގެ އެއްބާރުލުން

އެމްޕީއެލްގައި މިހާރު އަދާކުރަމުންދާ މަޤާމާ ގުޅޭގޮތުން އަފްޝާން އެންމެ ބޮޑަށް ހިތްހަމަޖެހޭ އެއް ކަމަކީ ޓީމެއްގެ ގޮތުގައި މަސައްކަތްކުރުމެވެ. މީގެ އިތުރުން، މަސައްކަތުގެ ދާއިރާގައި ކުރިއެރުމަށް އަމިއްލަ ޢާއިލާގެ ފަރާތުން ލިބެމުންދާ އެހީތެރިކަން ބޮޑު ކަމަށް އަފްޝާން ފާހަގަކުރިއެވެ. އަދި ވަކިން ޙާއްސަކޮށް އަފްޝާންގެ މަންމަގެ ފަރާތުން ލިބެމުންދާ އެއްބާރުލުމަކީ މަސައްކަތާއި އަމިއްލަ ދިރިއުޅުން ހަމަހަމަކޮށް ބެލެހެއްޓުމަށް ލިބޭ އެންމެ މުހިންމު ބާރު ކަމުގައި އަފްޝާން ބުންޏެވެ.

މިފަދަ އެހެން ދާއިރާތަކުގައި ލީޑަޝިޕްގެ މަޤާމުތަކަށް އައުމަށް ޝައުޤުވެރިވާ ކަނބަލުންނަށް އަފްޝާން ދޭން ބޭނުންވާ މެސެޖަކީ މިއެވެ.

"ފަސް ނުޖެހި ކުރިއަށް ދާށޭ. މަންމަ އަކަށްވުމަކީ ޕްރޮފެޝަނަލް ކެރިއަރަށް ހުރަހެއް ނޫން. އެއީ ލިބޭ ހިތްވަރެއް ކަމުގައި ދެކިގެން ކުރިއަށް ދާށޭ. އަދި މިއީ ވަގުތު މެނޭޖްކުރުމުގެ ހުނަރު އިތުރަށް ތަރައްޤީކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމުގައި ދުށުން މުހިއްމު. މަސައްކަތް ކުރަމުންދާ އެހެން އަންހެން ބޭފުޅުންނަށް ދަންނަވާލަން އޮތީ، ޕްރޮފެޝަނަލް އަދި ޕާސަނަލް ލައިފްގެ ކަންކަން ބެލެންސް ކުރަން ދަސްވެއްޖެ ނަމަ މިއީ ކުރަން އުނދަގޫކަމެއް ނޫން ކަމަށް."