ބޭރުގެ އެއްވެސް ގައުމެއްގެ ހަތިޔާރު އެޅި ސިފައިންގެ ފައުޖެއް ނުވަތަ ބަޔަކު ރާއްޖޭގައި ނެތް ކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޖެނެރަލް ޝަމާލް ވިދާޅުވީ ރާއްޖޭގައި "އެއްވެސް ގައުމެއްގެ މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް ނެތް" ކަމަށެވެ. ވަކިން ހާއްސަކޮށް ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބި ބަޔަކު ނެތް ކަމަށްވެސް ވިދާޅުވި އެވެ. ނަމަވެސް ހިއުމެނިޓޭރިއަން ރޯލެއްގައި އިންސާނީ ހިދުމަތްތަކެއް ދިނުމަށް ޓެކްނީޝަނުންގެ އެހީތެރިކަން އަބަދުވެސް ލިބެމުން އަންނަ ކަމަށް ޖެނެރަލް ޝަމާލް ވިދާޅުވިއެވެ.
"ރާއްޖޭގައި މިލިޓަރީ ޕްރެސެންސެއް ނުވަތަ އަސްކަރީ ޕްރެސެންސެއް އެއްވެސް ގައުމެއްގެ ނެތްކަން ފާހަގަކޮށްލަން. ތަފްސީލަށް ދަންޏާ ހަނގުރާމަވެރި ހަތިޔާރު އަޅައިގެން ތިބޭ ސިފައިންގެ ފައުޖެއް ރާއްޖެއަކު ނެތް،" ޝަމާލް ވިދާޅުވި އެވެ.
މީގެ އިތުރުން ދިވެހިންގެ އިސްތިގުލާލާއި ސިޔާދަތާއި މިނިވަންކަން ނެގެހެއްޓުމުގައި ދިވެހި ސިފައިން ދެމިތިބޭނެ ކަމަށާއި ސަލާމަތީ ހިދުމަތުގެ ހައިސިއްޔަތުން ރާއްޖޭގައި އަމާންކަމާއި ސުލްހަ މަސަލަސްކަން ގާއިމްކޮށް ދެމެހެއްޓުމަށް ދިވެހި ސިފައިން މަސައްކަތް ކުރާނެ ކަމަށް ވެސް ޖެނެރަލް ޝަމާލް ވިދާޅުވި އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަށާއި އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަކީ ގައުމީ ސަލާމަތަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ގިނަ ބަޔަކު ގެންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އަދި އިދިކޮޅު ސިޔާސީ ފަރާތްތަކުން ގެންދަނީ ސަރުކާރުން އިންޑިއާއަށް ރާއްޖެ ވިއްކާލަން މަސައްކަތް ކުރަމުން ގެންދާ ކަމަށާއި އިންޑިއާއިން ރާއްޖެއަށް އަތްގަދަކުރާ ކަމަށް ބުނެ އިހުތިޖާޖް ކުރަމުންނެވެ.
އިންޑިއާއިން ދީފައިވާ ދެ ހެލިކޮޕްޓަރު ދުއްވަން އިންޑިއާގެ ގިނަ އަދަދެއްގެ މިލިޓަރީ ސިފައިން ރާއްޖޭގައި ހަރަކާތްތެރިވެއެވެ.



advertisment