Support Us

މައިކަލް ޖެކްސަން އަތުން ލިޔުނު ލަވަ- "ފަލަސްތީނެވެ. ނުރޯށެވެ."

މައިކަލް ޖެކްސަނަކީ ޕޮޕް މިއުޒިކުގެ ދުނިޔޭގައި ރަސްކަންކޮށްފައިވާ މަޝްހޫރު ފަންނާނެކެވެ. މައިކަލް ޖެކްޝަންގެ މަޝްހޫރުކަމާއި މަގުބޫލުކަން ގުޅިފައިވަނީ ހަމައެކަނި އޭނާ ހުށަހެޅި ރީތި ލަވަތަކާއި މޮޅު ނެށުންތަކަކާ ނޫނެވެ. އޭނާގެ ހިތުގައި އިންސާނިއްޔަތަށް އޮތް ލޯތްބާއި ވެސް އެ މަޝްހޫރުކަން ގުޅިފައިވެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިނގަމުންދިޔަ ހަނގުރާމަތަކާއި ހަމަނުޖެހުންތަކުގެ ޝިކާރައަކަށް ވެފައިވާ ނިކަމެތީންގެ މަތީން ހަނދާންކުރުމަކީ އޭނާއަށް ވަރަށް ގިނަ ބައެއްގެ ލޯބި ލިބުނުކަމެކެވެ.

މިފަދަ އެއް މަސައްކަތަކީ "ޕަލަސްތީން، ޑޯންޓް ކްރައި" (Palestine, Don’t Cry) މި ނަމުގައި އޭނާ އަމިއްލައަށް ލިޔުނު ލަވައެވެ. މި ލަވަ މައިކަލް ޖެކްސަންގެ ލިޔެފައިވަނީ 1993 ވަނަ އަހަރުގައެވެ. ނަމަވެސް، މި ލަވަ ރަސްމީކޮށް ނެރެފައެއް ނުވެއެވެ.

މިއީ ލަވައިގެ ޅެމެކެވެ. މި ލަވައިގެ މައިގަނޑު ބޭނުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ ނިކަމެތި ދަތި ހާލަތާއި ތަކުލީފުތަކަށް މައިކަލް ޖެކްސަންގެ ހިތުގައި އުފެދިފައިވާ ހަމްދަރުދީ ބަޔާންކޮށްދިނުމެވެ. ފަލަސްތީނުގެ ރައްޔިތުންނަށް ދިމާވެފައިވާ އުނދަގޫ ހާލަތަށް ދުނިޔެ ހޭލެއްވުމެވެ.

މި ލަވައަކީ މައިކަލް ޖެކްސަންގެ މަޝްހޫރު "ހިސްޓަރީ" އަލްބަމްގައި ހިމެނުމަށް ގަސްތުކޮށް ހެދި ލަވައެކެވެ. ނަމަވެސް، ނޭނގޭ ސަބަބުތަކަށް ޓަކައި މި ލަވަ އެ އަލްބަމްގައި ހިމަނާފައެއް ނުވެއެވެ. ބުނެވޭގޮތުގައި މި ލަވަ އެ އަލްބަމްގައި ނުހިމެނުނީ އެ ދުވަސްވަރު އެމެރިކާ އާއި ހުޅަނގުގައި އޮތް ޔަހޫދީ ޒަޔަނިސްޓް ލޮބީ ގުރޫޕްތަކުގެ ބާރުގައެވެ. އެ ދުވަސްވަރަކީ ފަލަސްތީނަށް ހަމުދަރުދީގެ ބަހެއް ބުނެލުން ވެސް ބޮޑު ކުށެއް ކަމުގައި ހުޅަނގުން ހަދައިގެން އުޅުނު ދުވަސްވަރެކެވެ.

މި ލަވަ ރަސްމީކޮށް ނެރެފައިނުވި ނަމަވެސް، މައިކަލް ޖެކްސަންގެ ފޭނުން ވަނީ ލަވަ އާންމުކޮށްފައެވެ. ފަހުން އޭއައި ބޭނުންކޮށްގެން މި ލަވައިގެ އޯޑިއޯއާއި ވީޑިއޯ ވަނީ އިތުރަށް ފުރިހަމަކޮށް އިންޓަނެޓުގައި ޝާއިޢުކޮށްފައެވެ. މި ލަވައަކީ މައިކަލް ޖެކްސަންގެ ހިތުގައި ފަލަސްތީނުގެ ރައްޔިތުންނަށް އޮތް ލޯތްބާއި ހަމްދަރުދީގެ ހެއްކެކެވެ. މި ދުވަސްވަރު ފަލަސްތީނުގައި އިޒުރޭލުން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ވަރުގަދަ ކޮށްފައިވާއިރު ޔޫރަޕާއި މުޅި ދުނިޔޭގައި ވެސް މި ލަވައިގެ މަގުބޫލުކަން ވަނީ ބޮޑުވެފައެވެ.

މި ލަވައިން ގަރުނެއް ކުރިން އަމާންކަމާއި ސުލްހަވެރިކަމުގައި އޮތް ފަލަސްތީނުގެ ބިމުގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ހިތާމަވެރި ހާދިސާތައް ކިޔައިދެއެވެ.

ބޮންގޮވައި، މީހުން މަރަމުންދާކަމާއި، ކުޑަކުދިން ރޮމުންދާ މަންޒަރުތައް ސިފަކޮށްދެއެވެ. އަދި މި ހަނގުރާމަ ކުރަނީ ކީއްވެގެންތޯ ސުވާލު އުފައްދައެވެ. ލަވައިގެ މެދުތެރެއިން ފަލަސްތީނަށް ޓަކައި ދުޢާކުރެއެވެ. އެ ބިމަށް އޮތް ލޯބި ހިއްސާކުރަމުން މާތްﷲ ފަލަސްތީނަށް ޓަކައި ރަނގަޅު ގޮތެއް ދައްކަވާނެ ކަމަށް އުންމީދުކުރާކަމަށާއި ފަލަސްތީނުގެ ހާލަތަށް ޓަކައި ކަރުނަ އަޅަމުންދާކަން ހާމަކުރެއެވެ.

މައިކަލް ޖެކްސަން މަރުވީ 2009 ވަނަ އަހަރުގެ ޖޫންމަހުގެ 25 ވަނަ ދުވަހުއެވެ. އޭނާ މަރުވުމުގެ ހަތް މަސް ދުވަސް ކުރިން (ނޮވެންބަރު، 2008) ގައި އޭނާ ވަނީ އިސްލާމްވެފައި ކަމުގައި ބައެއް ރިޕޯޓްތައް ބުނެއެވެ.

ތިރީގައި މިވަނީ ފަލަސްތީނަށްޓަކައި މައިކަލް ޖެކްސަން ލިޔުނު ލަވައެވެ. އޭނާގެ އަތުލިޔުމެވެ.

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *