ހުުކުރު ހަފުތާއިން އަންނަ ހަތްދުވަހުގެ ތެރޭގައި ޚާއްސަ ދުވަހެއް
އިތުރު އެތަކެއް ކަން ކަމެއްގައި މާތް ކުރެއްވެވި ހުކުރު ދުވަހެއް
ހާދަ މަތިވެރިވީ އެތައް ކަންތައް ތަކެއް މިންވަރު ކުރެއްވެވި،
ޚާއްޞަކޮށް ޢިބްރަތުގެ ދަރްސު ތަކެއް ލިބެންވާ ހުކުރު ދުވަހެއް
ކޮންމެ އަޅަކު ކުރާ ދުޢާ އިޖާބަ ކޮށް ދެއްވާނެ ވަގުތެއް،
އޮންނަ ކަމުގައި އަންގަވާފައި ވާ، ދުވަސް ވެސް ހުކުރު ދުވަހެއް
އާދަމުގެ ދަރި ފަސް ކޮޅެއްގެ" ބަފައިކަލުން" އާދަމުގެފާނު،
ދުނިޔެއަށް ފުރަތަމަ އުފެއްދެވި ދުވަހަކީވެސް ހުކުރު ދުވަހެއް
ނުހަނު މަތިވެރި ނިޢްމަތާ މަތިވެރި މަޤާމުގެ ޢިއްޒަތުން
ސުވަރުގޭގައި އާދަމުގެފާނު ލެއްވި އެދުވަސް ، ހުކުރު ދުވަހެއް
އަޒަލުގައި ﷲ މިންވަރުފުޅު ކުރެއްވެވި ގޮތް މަތިން
ސުވަރުގެއިން އާދަމުގެފާނު ނެރުއްވި އެދުވަސް، ހުކުރު ދުވަހެއް
ޢާލަމުން ދުނިޔޭގެ ވަކިވެ ވަޑައިގަތުން އާދަމްގެ ފާނު،
ޚާއްސަ ކޮށް އަވަހާރަވީ އެދުވަސް އެއީވެސް ހުކުރު ދުވަހެއް
ދުނިޔެ ނިމިގެންގޮސް ޤިޔާމަތް ވާނެކަން ކަށަވަރު ވެވޭއިރު،
ދުނިޔެ ނިމިގެންގޮސް ޤިޔާމަތް ވާ ދުވަސް ވެސް، ހުކުރު ދުވަހެއް
