Support Us

އިޒުރޭލުގެ ހަމަ އާއި އަރަބިން ތިބި ހަމަބިން

އިޒުރޭލު ކިޔާ ޣައިރު ޤާނޫނީ ދައުލަތެއް 1948 ވަނަ އަހަރު ފަލަސްތީނުގެ ބިމުގައި އުފެއްދިއެވެ. މިއީ އަރަބި އިސްލާމީ ޤައުމުތަކުގެ ތެރޭގައި (މެދުއިރުމަތީގައި) އުފައްދާފައި އޮތް ޔަހޫދީ ޒަޔަނިސްޓް ދައުލަތެކެވެ. މި ދައުލަތް ކުޑައަސް އެމެރިކާ އާއި ހުޅަނގުގެ ހަތިޔާރާއި ފައިސާއާއި ނުފޫޒުން މިއީ މެދުއިރުމަތީގެ އެންމެ ބާރުގަދަ ޤައުމެވެ. އެ ބިރު އަބަދުވެސް އިޒުރޭލުން ދައްކައެވެ. ވަށައިގެން ތިބި އަރަބިން ތިބީ މި ނިކަމެތިކަން ގަބޫލުކޮށްގެންނެވެ. މާޒީގައި އިޒުރޭލާ ދެކޮޅަށް ކުރި ހަނގުރަމަތަކުން އަރަބިން ބަލިވެފައި ވާތީއެވެ. އަދި އިޒުރޭލާ ދެކޮޅު ކޮންމެ ވެރިއެއްގެ ވެރިކަމާއި ފުރާނަ ވެސް ދުއްވާލާފައިވާތީއެވެ.

އިޒުރޭލު ވުޖޫދަށް އައި ދުވަހުން ފެށިގެން ވެސް އެ ދައުލަތުގެ ހަމައަކީ މުޅި ސަރަހައްދުގައި ވެސް އިޒުރޭލަށްވުރެ ބާރުގަދަ އެހެން ޤައުމެއް އޮތަ ނުދިނުމެވެ. މިއީ އިޒުރޭލުގެ ސިޔާސަތުގެ މައިގަނޑު އަސާސެވެ. މި އަސާސް މިގޮތަށް ދަމަހައްޓައި ދިނުމަށް އެމެރިކާއާއި ހުޅަނގުން ކެނޑިނޭޅި ދަނީ މަސައްކަތް ކުރަމުންނެވެ. ޒަޔަނިސްޓުން (އިޒުރޭލާއި އިޒުރޭލުކިޔާ ޣައިރުޤާނޫނީ ދައުލަތް ގަބޫލުކޮށް އެ ދައުލަތް ދަމަހައްޓަން މަސައްކަތްކުރާ މީހުންނާއި މިކަމަށް ތާއީދުކުރާ އެންމެން) ގަބޫލުރާ ހަމައަކީ އިޒުރޭލަށް ނަފުސުގެ ދިފާޢުގައި ނުކުރެވޭނެ ކަމެއް އޮވެގެން ނުވާނެކަމެވެ. ޔައުނީ، ކޮންމެ ކަމެއް ވެސް އިޒުރޭލަށް ކުރެވޭނެއެވެ.

އިޒުރޭލުން މުޅި ދުނިޔެއަށް ގޮންޖަހައި، ބައިނަލްއަޤުވާމީ ހުރިހާ ޤާނޫނުތަކެއް މުގުރަމުން އެދަނީ މި ހަމައިގެ މަތީންނެވެ.

ޣައްޒާގެ ތުއްތުކުދިންނާއި އަންހެނުންނާއި ފިރިހެނުން މަރާ ބޮޑު ގަތުލްއާންމުތައް ހިންގަނީ މި ހަމައިގެ މަތީންނެވެ. ނަސްލު ނައްތާލުމުގެ ޖެނެސައިޑްތައް ހިންގައި، ފަލަސްތީނުގެ ބިންތަކަށް ވެރިވެ، ފަލަސްތީނުގެ ރައްޔިތުން ފަހާ ބޭރުކުރަނީ ވެސް މި ހަމައިގެ މަތީންނެވެ. މިހާރު ޣައްޒާގައި ހިންގާ ޖަރީމާތަކާއި ކާބޯތަކެއްޗަށް ޖައްސާ ބަނޑަށް މީހުން މަރަނީ ވެސް މި ހަމައިގެ މަތީންނެވެ. ްއިޒުރޭލުން ނޫސްވެރިންނަށް ފާޅުގައި ހަމަލާދީ، ޞިއްޙީ މަރުކަޒުތަކާއި އެމްބިއުލާންސްތަކަށާއި މިސްކިތްތަކަށާއި ސްކޫލުތަކަށް ހަމަލާ ދެނީ ވެސް މި ހަމައިގެ މަތީންނެވެ. އަސާސީ ޚިދުމަތްތައްދޭ ވަސީލަތްތަކާއި ފާޅުގައި އާންމު ރައްޔިތުންނަށް ހަމަލާދީ ހަނގުރާމައިގެ ބޮޑެތި ޖަރީމާތައް އެ ހިންގަނީ ވެސް މި ހަމައިގެ މަތީންނެވެ.

ބޭނުންއިރަކު ބޭނުން ޤައުމަކަށް ހަމަލާ ދޭންވީއެވެ. ބޭނުން މީހަކު މަރާލަންވީއެވެ. ބޭނުން ޤައުމެއްގެ ވައިގެ ސަރަހައްދަށް ވަންނަންވީއެވެ. މިއީ އިޒުރޭލުގެ ހަމައެވެ. ނިއުކްލިއަރ ހަތިޔާރާއި އެންމެ ޒަމާނީ ހަތިޔާރު ވެސް ހުންނަންވީ އިޒުރޭލުގައެވެ. އަރަބި އިސްލާމީ ޤައުމެއްގައި އަމިއްލަ ނަފުސު ދިފާޢުކޮށްލެވޭނެ ފަދައެއް ވެސް އޮވެގެން ނުވާނެއެވެ. އިޒުރޭލަށް އިޢުތިރާފު ނުވާ ބަޔަކު އޮންނަން ވާނީ ދުނިޔެއާ އެކަހެރިކޮށްފައެވެ. ވަށައިގެންތިބި އަރަބި ޤައުމުތަކުގައި އެމެރިކާގެ އަސްކަރީ ބޭސްތައް ހަދާފައި ވަނީ ވެސް ހަގީގަތުގައި އިޒުރޭލުގެ ދިފާޢުކުރުމުގެ މަސްލަހަތާ އެކުގައެވެ. އިޒުރޭލުގެ ސަލާމަތާއި ރައްކާތެރިކަމަކީ އެމެރިކާގެ މެދުއިރުމަތީގެ ސިޔާސަތުގެ މުހިންމު ބައެކެވެ.

އީރާނާއި އެމެރިކާއާ ދެމެދުގައި އޮންނަ ޒަމާނީ ދެކޮޅުވެރިކަމުގެ ހަގީގަތަކީ އިޒުރޭލުގެ މަސްލަހަތު ކަމަށް ބުނާ ކަންކަން ދިފާޢުކުރުމެވެ. އީރާނާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އަޅާފައި އޮންނަތާ ފަންސާހަކަށް އަހަރު ވެއްޖެއެވެ. އީރާނަށް އަސްކަރީ ހަމަލާއެއް ދޭން އުޅޭތާ ވިއްސަކަށް އަހަރު ވެއްޖެއެވެ. އީރާނަށް މިއަދު ދެމުންދާ ހަމަލާތައް ދެމުން ގެންދަނީ އިޒުރޭލާއި އެމެރިކާއާއި ހުޅަނގުން ގެންގުޅޭ ހަމައިގެ ތެރެއިންނެވެ. އީރާނަށް އިޒުރޭލުން އިސްވެ ހަމަލާދިނީމާ ވެސް ކުށްވެރިވަނީ އީރާނެވެ. ދުނިޔޭގެ ވިޔަފާރީގައި ކުރިއަރާފައިވާ ޖީ-7 ގެ ޤައުމުތަކުގެ ވެރީން ވެސް އީރާން ކުށްވެރިކުރީ އެ މީހުންގެ މި ހަމައިންނެވެ.

އަރަބި އަދި އިސްލާމީ ޤައުމުތަކުގެ ތެރެއިން އިޒުރޭލަކީ ޣައިރުޤާނޫނީ ދައުލަތެއް ކަމަށާއި ފަލަސްތީނުގެ ބިމުގައި އެ ދައުލަތަށް އޮވެވިގެން ނުވާނެކަނަށް ގަބޫލުކުރާ ހަމައެކަނި ދައުލަތަކީ އީރާނެވެ. ފާއިތުވި އަހަރުތަކުގައި، އެމެރިކާގެ ނުފޫޒުން އަރަބި ޤައުމުތަކުން އިޒުރޭލާ ގުޅުން ބަދަހިކުރަމުން އައިސްފައިވެއެވެ. މީގެ ތެރޭގައި ބައެއް ޤައުމުތަކުން އިޒުރޭލަށް އިއުތިރާފުވެ، ޑިޕްލޮމެޓިކް ގުޅުން ވެސް ޤާއިމުކޮށްފައިވެއެވެ. އިޒުރޭލާއި ޒަޔަނިސްޓުން ގަބޫލުކުރާ ހަމަބިމަށް މެދުއިރުމަތީގައި ނުބޭލި އޮތީ މިއަދުގެ ދުނިޔޭގައި އީރާންއެކަންޏެވެ. މިހާރު ކުރެވެމުންދާ ހަނގުރާމައަކީ އިޒުރޭލާއި ޒަޔަނިސްޓުން ބޭނުންވާ ހަމަބިމަށް (މެދުއިރުމަތީގެ އެހެން ޤައުމުތައް އޮތް ނިކަމެތި ހާލަށް) އީރާން ބޭލުމަށް ކުރަމުންދާ ޒަމާންވީ މަސައްކަތުގެ ބައެކެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް