ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ އިންފްލައިޓް މަޖައްލާ "އޭރިއަލް އައިލްސް"ގެ ފުރަތަމަ އަދަދު ހުރިހާ ފްލައިޓަކަށް ލައިފި ކަމަށް އައިލެންޑް އެވިއޭޝަން ސާވިސަސް (އައި.އޭ.އެސް)އިން މިއަދު ބުނެފިއެވެ.
އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ އެތެރޭގެ އަދި ބައިނަލްއަގުވާމީ ފްލައިޓްތަކުގެ ސީޕްލޭންތަކާއި މޯލްޑިވިއަން އޮޕަރޭޓް ކުރާ ވިއުގައިގެ ހުރިހާ ލައުންޖްތަކުގައި ވެސް މި އަދަދު މިހާރު ބަހައްޓައިފައިވާ ކަމަށެވެ.
"އޭރިއަލް"ގެ މާނައަކީ ޖައްވުން ތިރި ފެންނަ ގޮތެވެ. އަދި "އައިލްސް"ގެ މާނައަކީ ޖަޒީރާ ރަށްތަކެވެ. އެހެންކަމުން "އޭރިއަލް އައިލްސް" މި ލަފުޒު ދެ ގޮތަށް މާނަ ކުރެވިދާނެ ކަމަށް އިނގިރޭސި ބަހުގެ ޑިކްޝަނަރީތަކުން ބުނެއެވެ. އެ ގޮތުން އިނގިރޭސި ބަހުން މި ގޮތަށް ބޭނުން ކުރުމުން ނެގޭނެ އެންމެ އާއްމު މާނައަކީ ތަނެއްގެ ހުރިހާ ސިފައެއް މަތިން ފެންނަ ގޮތެވެ. އެއީ "މަތިން ފެނުމުން ރަށްތަކުގެ ބައްޓަމާއި ފަރުތަކާއި ފަޅުތަކާއި އޭގެ ވަށައިގެންވާ ތަންތަން މަތިން ފެނުމުން އެ ލިބޭ ލާމަސީލު އަދި ލޮލުގައި އަޅައިގަންނަ ކަހަލަ ގޮތެ"ވެ.
"އޭރިއަލް އައިލްސް" އަނެއް ގޮތަށް މާނަ ކުރެވިދާނެ ގޮތަކީ "ޖަޒީރާ ރަށްތަކެއް ވައިގެ ތެރެއަށް މައްޗަށް އަރައިފައި، 'ފްލޯޓު' ނުވަތަ އުދުހޭ ސިފައެއްގައި ފެނުމެ"ވެ. އެ ގޮތުން "އުޑުގައި ޖެހިފައިވާ ގޮތަކަށް" ފެންނަ ކަމަށް މާނަކުރެވިދާނެ ކަމަށް ވެސް އިނގިރޭސި ބަހުގެ ޑިކްޝަނަރީތަކުން ބުނެއެވެ.
މޯލްޑިވިއަންގެ މި އިންފްލައިޓް މަޖައްލާ ކާމިޔާބު ކަމާއެކު ފުރަތަމަ ތައާރަފު ކުރީ މި އަހަރު ކުރީކޮޅު ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫ.އޭ.އީ)ގެ ދުބާއީގައި އޮތް އަރަބިއަން ޓްރެވަލް މާކެޓް (އޭ.ޓީ.އެމް) ޓޫރިޒަމް ފެއާގައެވެ.
"’އޭރިއަލް އައިލްސް' ވެގެން އަންނާނީ މޯލްޑިވިއަންގެ ފަސިންޖަރުންގެ ތަޖުރިބާގެ މުހިންމު ބަޔަކަށް،" އައި.އޭ.އެސްއިން ބުންޏެވެ.
މި މަޖައްލާ ނެރެނީ ރާއްޖޭގެ މާކެޓިން އެޖެންސީއެއް ކަމަށްވާ އޯޕަން ސްކައި ގްރޫޕާ ގުޅިގެންނެވެ.
"އޭރިއަލް އައިލްސް"އަކީ "މުއްސަނދި ވާހަކަ"އިންނާއި "ސަގާފީ އުސްއަލިތަ"ކުންނާއި އަދި "ދަތުރުފަތުރަށް ފުންކޮށް ބަލައިލުމުގެ ޒަރީރާއިން ރާއްޖެއަށް ސަނާ ކިޔުމެއް" ކަމަށް އައި.އޭ.އެސްއިން ބުންޏެވެ.
މަޖައްލާގައި ހިމެނެނީ ވަކި ވިސްނުމަކަށް ބަލައިގެން ހިޔާރުކޮށްފައިވާ އިނގިރޭސި ބަހުން ހުންނަ ލިޔުންތަކުގެ އިތުރުން ދިވެހި ބަހާއި އަދި ޗައިނާ ބަހުން ވެސް ހުންނަ، ހޮވާލެވިފައިވާ ލިޔުންތަކެވެ.
"ރާއްޖޭގެ ތަރިކައަށް ދަތުރުކުރުމުން ފެށިގެން އަލަށް ގާއިމުވާ މަންޒިލުތަކަށް އަލިއަޅުވައިލަމުން، މަޖައްލާގެ ކޮންމެ އަދަދަކީ ވެސް މުނިފޫހިފިލުވައިދީ، މައުލޫމާތު ފޯރުކޮށްދިނުމުގެ އިތުރުން އަދި މީހުންނަށް އިލްހާމެއް ވެސް ގެނުވާނެ މަޖައްލާއެއް،" އައި.އޭ.އެސްއިން ބުންޏެވެ.
އަހަރަކު ތިން ފަހަރު ޝާއިއު ކުރާ މި މަޖައްލާއަކީ "ރާއްޖޭގެ މެހެމާންދާރީ ސިނާއަތާއި ފަތުރުވެރިކަމާއި އަދި ލާމަސީލު އަމިއްލަވަންތަކަން ކުރިއަރުވަން ރާއްޖެއިން ފުޅާ ދާއިރާގައި ހިފައިފައިވާ އަމާޒަށް ތަރުހީބު ދޭ މަޖައްލާއެއް" ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.
"މޯލްޑިވިއަންގެ ކޮންމެ ފްލައިޓަކަށް 'އޭރިއަލް އައިލްސް' އިންފްލައިޓް މަޖައްލާ މިހާރު ލައިފައިވާތީ އާއި މޯލްޑިވިއަންގެ ކޮންމެ ލައުންޖެއްގައި ވެސް ބަހައްޓައިފައިވާތީ، މުޅި ދަތުރުމަތީގައި ވެސް ފަސިންޖަރުންނަށް ރާއްޖެއާ ފުން ގުޅުމެއް ގާއިމުކޮށްލުމުގެ އުފާ ހާސިލު ކުރެވޭނެ،" އައި.އޭ.އެސްއިން ބުންޏެވެ.
"އީޖާދީ ވިލަރެސް ކުރުމަށް އޯޕަން ސްކައި ގްރޫޕަށް މޯލްޑިވިއަނުން ޝައުރު އަދާކުރާ" ކަމަށާއި މަޖައްލާގެ އަންނަން ހުރި އަދަދުތަކުގައި "އިތުރު ވާހަކަތައް އުޑުން ހިއްސާ ކުރުމަށް އެދެވޭ" ކަމަށް، އައި.އޭ.އެސްގެ ނޫސް ބަޔާން ނިންމައިލަމުން ބުންޏެވެ.
މޯލްޑިވިއަނުން އެތެރޭގެ އަދި ބައިނަލްއަގުވާމީ ވައިގެދަތުރުފަތުރުގެ ވިއުގަ ފުޅާ ދާއިރާއެއްގައިވަނީ ގުޅުވައިލައިފައެވެ. އެ އެއާލައިނުން 16 ޑޮމެސްޓިކް އެއާޕޯޓާއި ބައިނަލްއަގުވާމީ މަންޒިލަށް ދަތުރުކުރެއެވެ. އޭގެ ތެރޭގައި އިންޑިއާ، ޗައިނާ އަދި އެހެނިހެން ގައުމުތައް ހިމެނެއެވެ.
ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގައި އެންމެ ކުރީގައި އުޅޭ މޯލްޑިވިއަނަކީ އެއްގަމަށް ޖައްސާ މަތިންދާބޯޓުފަހަރު ރާއްޖޭގައި އެންމެ ގިނައިން އޮތް އެއާލައިނެވެ. އަދި ޓޫރިސްޓުން އުފުލުމަށް ހާއްސަ ކުރެވިފައިވާ ގޮތްތަކެއްގެ މަތިން ކަނޑަށް ޖައްސާ ސީޕްލޭން އޮޕަރޭޓް ކުރުމުގެ ހިދުމަތް ވެސް ދެއެވެ.
މޯލްޑިވިއަނުން މިހާރު 26 ވައިގެ އުޅަނދު އޮޕަރޭޓްކުރެއެވެ. އޭގެ ތެރޭގައި އޭ.320 މަރުކާގެ އެއް މަތިންދާބޯޓާއި އޭ.330-200 މަރުކާގެ އެއް މަތިންދާބޯޓާއި ޑޭޝް އަށެއްގެ އަށް މަތިންދާބޯޓާއި ޑީ.އެޗް.ސީ-6 ޓްވިން އޮޓާގެ 11 މަތިންދާބޯޓާއި ފަސް އޭ.ޓީ.އާރް ހިމެނެއެވެ.
މޯލްޑިވިއަނުން މިހާރު އަންނަނީ ރާއްޖެ ބޭރު ދުނިޔޭގެ މަންޒިލްތަކާ ގުޅުވައިލަދޭނެ ދަތުރުފަތުރަށް އިތުރުވަމުންނަ އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންނެވެ.
"މޯލްޑިވިއަނުން ދޭހަކޮށްދެނީ ރާއްޖޭގެ ރޫހު. ރާއްޖޭގެ ގުދުރަތީ ރީތިކަމާއި މި ޖަޒީރާ ގައުމުގެ ލޮބުވެތި މެހެމާންދާރީކަމަށް އަލިއަޅުވައިލައި ލާމަސީލު ވައިގެދަތުރުފަތުރުގެ ހިދުމަތް ދޭ ކުންފުންޏެއްކަން،" މޯލްޑިވިއަންގެ ބެކްގްރައުންޑް މައުލޫމާތު ދެމުން އައި.އޭ.އެސްއިން ކުރިން ބުނެފައިވެއެވެ.



advertisment

