ފެންނަހެން ތަސްވީރު ބިންވަޅު ނެގިވެޔޭ ހިތުގައި ކަލާ
ދަންނަވަންތޯ؟ އެންމެ ހިނދުކޮޅަކަށް ހިތުން ނުމެދޭ ފިލާ
ހީލަމުން ރަތް ތުންފަތުން ކޮށްލާ އެ ލުއި ޙަރަކާތަކުން
ހޭލަމުން އައި ލޯބި ހިތުގައި ކަޝްފުވީ ބަންޑުންވެލާ
ހޫނު އޮއިވަރު ކޮޅުކޮޅަށް ދެމި ނާރުތަކު ވަރުދޫވެ ހިތް
ތޫނު ޚަންޖަރަކުން ޒަޚަމްވޭ ލޯ ދިމާވީމާ ލޮލާ
ހިނދުކޮޅަކު ނަމަވެސް އެދޭ ހަމަ ބީހިލާން މޫނާއެކީ
ވިދުވަރެއް ފަދައިން ވިދާ މަޑުމަޑު ފިޔާތޮށި ދޮންކޮލާ
ލައްކަ އަސަރެއް ހިތުތެރޭ ޖަޒުބާތުހިލި ވިރެމުންދެޔޭ
އެއްކަމެއްގެ ޝުޢޫރުތައް ހިތުގައި ހިނގާތީ ފޯވެލާ
ނިތުގެ ކުދި ރޫތައް ކިޔައިދޭ އޭގެ ރިހުމާ ކެކުޅުމާ
ހިތުގެ ތަދުތައް އެއްފަހަރު ދެ އަތުން ނަގާ ނިއުޅާބަލާ!
