Support Us

އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދަ

އިސްލާމީ އުންމަތުގެ މުހިންމު ޤައުމެއް ކަމުގައިވާ އީރާނުގައި ނަގާ ބަދަލު ހިފުމުގެ ރަތްދިދައަކީ އެ ޤައުމުގެ އަޤީދާއާއި ސަގާފަތާއި އާދަކާދަތަކުގެ ތެރޭގައި ހިމެނޭ އެއްޗެކެވެ. މި ދިދަ އާންމުކޮށް ނަގާ އުޅެނީ މުޙައްރަމް މަހުއެވެ. އެއީ ކަރްބަލާ ހަނގުރާމައިގައި ހިޖުރައިން 61 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 10 ވަނަ ދުވަހު (10 އޮކްޓޫބަރު 680މ. ގައި) ކީރިތި ރަސޫލާގެ ކާފަ ދަރިކަލުން އިމާމް ޙުސައިންގެފާނު (ރަޟިޔަﷲ ޢަންހު) ޝަހީދުކޮށްލި ހާދިސާގެ ހަނދާންތައް އާކުރުމަށެވެ.

މުޙައްރަމް މަހުގެ އިތުރުން ދެން މި ރަތް ދިދަ ނަގައި އުޅެނީ ހަނގުރާމައިގެ ހާލަތުގައެވެ. އީރާނުގެ ބައެއް ބޮޑެތި މިސްކިތްތަކުގައި ނަގާ މި ދިދަ ނެގުމުން، އެއީ ޤައުމު ނުރައްކަލުގެ ހާލަތެއްގައިވާކަން އަންގައިދޭ ނިޝާނެކެވެ. މި ދިދަ ނެގުމަކީ ޤައުމުގެ ހުރިހާ ފަރުދުން ވެސް އެއްބައިވަންތަކަމާއެކު ޤައުމު ދިފާޢުކުރުމަށް ތައްޔާރުވުމަށް ގޮވާލެވޭ ގޮވާލުމެކެވެ.

އީރާނުގެ ރަތް ދިދައިން ރަމުޒުކޮށްދެނީ ޝަހީދުންގެ ލެއެވެ. މިއީ އިސްލާމްދީނާއި ޤައުމު ދިފާޢުކުރުމުގައި ޝަހީދުވި ފަރާތްތަކުގެ ޤުރުބާނީގެ ހަނދާނެވެ. އަދި މި ދިދައިން ދޭހަކޮށްދެނީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވެ ކުރިމަތިލުމުގެ ރޫޙެވެ. މީގެ އިތުރުން، ރަތް ކުލައިން ދަލާލަތުކުރަނީ ހިތްވަރާއި ޢަޒުމްގަދަފަދަކަމަށެވެ.

އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދައިގައި އެންމެ ބޮޑުކޮށް ލިޔެފައި އޮންނަ ޢިބާރާތަކީ ޝިޔައިންގެ ވަރަށް ވަރުގަދަ ޝިޔާރެވެ. يا لثأرات الحسين (ޔާ ލަޘާރާތިލް ޙުސައިން) އެވެ. މި ޝިޔާރަކީ އިމާމް ޙުސައިންގެފާނު (ރަޟިޔަﷲ ޢަންހު) ކަރްބަލާގައި ޝަހީދުކޮށްލުމުން އެކަލޭގެފާނުގެ ލޭފޮދުގެ ބަދަލު ހިފާނެކަމުގެ ޢަޒުމެކެވެ. މި ދިދައިގައިވާ ޢިބާރާތުން ގޮވާލަނީ "ޙުސައިނުގެފާނުގެ ލޭފޮދުގެ ބަދަލު ހިފުމަށް ޓަކައި ތެދުވާށެވެ."

ތަރީޚީ ގޮތުން ބަލާއިރު މި ދިދައަކީ ކަރްބަލާ ހަނގުރާމައިގައި އިމާމް ޙުސައިންގެފާނު ޝަހީދުކޮށްލި އަނިޔާވެރި ހަނދާން އާކޮށް، އެކަލޭގެފާނަށް ޓަކައި ބަދަލު ހިފުމުގެ ގޮތުން ބޭނުންކުރަން ފެށި ދިދައެކެވެ. މިއީ ޝިޔައީ މުސްލިމުންގެ މެދުގައި ވަރަށް މުހިންމު ނިޝާނެކެވެ. އިމާމް ޙުސައިންގެފާނު ކަރްބަލާގައި ޝަހީދު ކުރީ ޔަޒީދު ބިން މުޢާވިޔަތުގެ އުމަވީ ދައުލަތުގެ ލަޝްކަރުންނެވެ.

އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދައަކީ ޝިޔައީ މަޒުހަބުގެ ދީނީ ޝިޔާރެއްގެ އިތުރުން ސިޔާސީ އަދި އިޖުތިމާޢީ ކަންކަމުގައިވެސް ބޭނުންކުރާ ދިދައެކެވެ. މިގޮތުން ޝިޔައިންގެ ދީނީ މުނާސަބަތުތައް ފާހަގަ ކުރުމުގެ އިތުރުން ބޭރުގެ ނުފޫޒާ ދެކޮޅަށް ނުވަތަ އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ މުޒާހަރާތަކުގައި ވެސް މި ދިދަ ބޭނުންކުރެއެވެ. އީރާނުގެ ބަދަލު ހިފުމުގެ ރަތް ދިދައަކީ ހަމައެކަނި ފޮތިކޮޅެއް ނޫނެވެ. އެއީ އެ ޤައުމުގެ ތާރީޚާއި، އަޤީދާއާއި، ސަޤާފަތް ތަމްސީލުކުރާ ވަރަށް މުހިންމު ނިޝާނެކެވެ. މި ދިދައިން ދޭހަވަނީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމާއި، ޙައްޤަށް ޓަކައި ޤުރުބާންވުމުގެ މުހިންމުކަމެވެ.

 

* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *