އިޒުރޭލުން އީރާނަށް މިއަދު ދިން ނިރުބަވެރި ހަމަލާ ކުށްވެރިކުރުމަކީ ދީނީގޮތުންނާއި ދުނިޔެވީގޮތުން އިސްލާމީ އުންމަތަށް ލާޒިމުކަމެކެވެ. އެ މީހެއްގެ ނުވަތަ އެބައެއްގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެކަމާ ދެކޮޅު ހެދުމަކީ ކުރަންޖެހޭ ކަމެކެވެ. ދިގުދެމިގެން މިދާ އިޒުރޭލުގެ އަނިޔާވެރިކަން މިދަނީ ހައްތާ ފުޅާކުރަމުންނެވެ. އިޒުރޭލުގެ އަނިޔާވެރިކަމަށް ނުރުހޭ ކޮންމެ އިސްލާމީ ލީޑަރެއް ގެންދަނީ ޝަހީދުކުރަމުންނެވެ. އިޒުރޭލުން ބޭނުންވާ ކޮންމެ އިސްލާމީ ޤައުމެއް ގެންދަނީ ކުޑަކަކޫ މައްޗަށް ތިރިކުރަމުންނެވެ. ޒަޔަނިސްޓުން ސިއްރާއި ފާޅުގައި ގުޅިގެން ދިން ހަމަލާތަކުގައި އިސްލާމީ އުންމަތުގެ ވަރައަކަށްފަހު ވަރައެއް ބިންދަމުން މުގުރަމުން ދަނީއެވެ.
އަޅުގަނޑުމެންގެ ލޯކުރިމަތީގައި ފަލަސްތީނުގެ ޚާއްޞަކޮށް ޣައްޒާގެ ކުށެއްނެތް މައުސޫމު މުސްލިމު ކުދިބޮޑު ރައްޔިތުން ޝަހީދުކޮށް ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއެއް ހިންގަމުން ދަނީއެވެ. ފެންފޮދެއް، ކާއެތިކޮޅެއް ނުދީ ބަނޑަށް މަރަމުން ގެންދަނީއެވެ. މި ޖެނަސައިޑް ހުއްޓުވުމަށް މުޅި ދުނިޔެ ވަނީ ނުކުޅެދިފައެވެ. ނިޒާމުތައް ވަނީ ފޭލިވެފައެވެ. އޭގެ ބަދަލުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުން ޚާއްޞަކޮށް އެމެރިކާއިން ގެންދަނީ އިޒުރޭލަށް ހަތިޔާރާއި ފައިސާގެ ގޮތުން އެއްބާރުލުންދީ، އދ. އަށް ހުށަހެޅޭ ހުރިހާ ގަރާރެއް ވީޓޯކޮށް މި ބޮޑު ޖަރީމާއަށް ހިތްވަރުދެމުންނެވެ.
މުސްލިމުންގެ މައުސޫމުންގެ ލެއިން އިޒުރޭލުގެ އަތް ވަނީ ތަތްތެޅިފައެވެ. އެ ނުބައި ނުލަފާ އަނިޔާވެރި އިޒްރޭލުގެ އަތް މިއަދު މިވަނީ އީރާނާ ދެކޮޅަށް އުފުލާފައެވެ. ލަދެއް ހަޔާތެއްނެތި މިނިވަން ޤައުމަކަށް ހަމަލާދީ އެ ޤައުމުގެ އިސް ލީޑަރުންތަކަކާއި ސައިންސްވެރީންތަކެއް މި ވަނީ ޝަހީދުކޮށްލާފައެވެ. މިއީ އިސްލާމީ އުންމަތުގައި ނުބިނދި އޮތް ހަމައެކަނި ވަރަ ބިންދާލުމަށް ދިން ހަމަލާއެއްގެ ފެށުމެވެ.
ޒަޔަނިސްޓް އިޒުރޭލާ ދެކޮޅަށް އީރާނުން ހަމަލާ ދޭނެކަން އެއީ ޔަގީންކަމެކެވެ. އިޒުރޭލާ ދެކޮޅަށް އީރާނުން ރައްދުގައިދޭ ހަމަލާތައް ކާމިޔާބުވުމަކީ މުސްލިމު އުންމަތުގެ ދުޢާކަމުގައި ވާންޖެހެއެވެ. އިސްލާމީ އުންމަތުގެ ހަމައެކަނި ނުބިނދިއޮތް ވަރަ ބިންދާލުމަށް ޒަޔަނިސްޓުންނާއި އިޒުރޭލުންދޭ ހަމަލާތައް ނާކާމިޔާބު ކުރައްވާށިއެވެ. އަދި އިސްލާމީ އުންނަތުގެ ދިފާޢުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަޞްރާ ކާމިޔާބު މިންވަރުކޮށް ދެއްވާށިއެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން