Support Us

ސަޢޫދީ ވަލީޢަހްދާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދު އަދި ބޮޑުވަޒީރު ޕްރިންސް މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދާ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބައްދަލުކުރައްވައިފިއެވެ.

އަލް-މިނާ ޕެލަސްގައި މިއަދު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ސަޢޫދީ ސަރުކާރުން ދެއްވަމުން ގެންދަވާ މެހުމާންދާރީއަށާއި އެއްބާރުލެއްވުމަށްޓަކައި އަދި އެންމެހައި ޙައްޖާޖީންނަށް ފޯރުކޮށްދެއްވި ފުރިހަމަ ޚިދުމަތަށްޓަކައި، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ޚާދިމް އަދި ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ކިންގް ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސުޢޫދަށާއި ވަލީޢަހްދަށް، ނިހާޔަތަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ގުޅުން ބަދަހިކުރެއްވުމާ ގުޅޭގޮތުން މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. އެގޮތުން ދެ ޤައުމުގެ މެދުގައި އޮންނަ އުޚުއްވަތްތެރި ގުޅުން، ދެ ޤައުމަށްވެސް ފައިދާކުރާނޭހެން ބަދަހިކުރެއްވުމަށް ކުރެއްވިދާނޭ ކަންތައްތަކާމެދު ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވިއެވެ.

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރު، އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑޮކްޓަރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު، ޚާރިޖީ ވަޒީރު ޑޮކްޓަރ ޢަބްދުﷲ ޚަލީލް، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު އަދި ޚާރިޖީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަދި ޗީފް އޮފް ޕްރޮޓޮކޯލް މުޙައްމަދު ޝަހުދީ، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.

މައްކާ ސަރަޙައްދުގެ ޑެޕިއުޓީ ގަވަރުނަރު، ޕްރިންސް ސުޢޫދު ބިން މިޝްޢަލް ބިން ޢަބްދުލްޢަޒީޒް، ކުޅިވަރާ ބެހޭ ވަޒީރު، ޕްރިންސް ޢަބްދުލްޢަޒީޒް ބިން ތުރުކީ ބިން ފައިޞަލް ބިން ޢަބްދުލްޢަޒީޒް، ދާޚިލީ ވަޒީރު، ޕްރިންސް ޢަބްދުލްޢަޒީޒް ބިން ސުޢޫދު ބިން ނާއިފް ބިން ޢަބްދުލްޢަޒީޒް، ޤައުމީ ސަލާމަތާ ބެހޭ ވަޒީރު، ޕްރިންސް ބަންދަރު ބިން ޢަބްދުލްޢަޒީޒް، ދިފާޢީ ވަޒީރު، ޕްރިންސް ޚާލިދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އަދި ޚާރިޖީ ވަޒީރު ޕްރިންސް ފައިޞަލް ބިން ފަރްޙާން ބިން ޢަބްދުﷲ، ސަޢޫދީ ޢަރަބިއްޔާގެ ވަލީޢަހްދުގެ އަރިހުގައި މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގަތެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު، މި އަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ވަޑައިގެން މި ވަގުތު ތިއްބެވީ ސަޢޫދީ ޢަރަބިއްޔާގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނާއި، އަރިހުގައި ވަޑައިގެންނެވި މަތީފަންތީގެ ވަފުދު، އެ ޤައުމުގައި ތިއްބަވަނީ، ސަޢޫދީ ސަރުކާރުގެ ޚާއްޞަ މެހުމާނުންގެ ގޮތުގައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *