Support Us

ރައީސް ސޯލިހްގެ ހަށިކޮޅުގައި އަލިފާން ޖަހަން ގޮވާލި މައްސަލަ ބަލަން ފަށައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި އަލިފާންޖަހަން ފާޅުކަން ބޮޑުކޮށް ޗެނަލް13ގެ ޕްރޮގްރާމެއްގައި މީހަކު ގޮވާލި މައްސަލަ ކަމާ ބެހޭ ފަރާތްތަކުން ތަހުގީގްކުރަން ފަށައިފިއެވެ.

އިދިކޮޅު ޕީ.ޕީ.އެމަށް ތާއީދުކުރާ ޗެނަލް13 އިން ބުރާސްފަތި ދުވަހު މެންދުރު އެކެއް ޖެހިއިރު ގެނެސްދިން "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ބައިވެރިވި މީހަކު ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖަހަން ބުނި މައްސަލަ އާއި އެމީހާގެ އަޑު ކަނޑާނުލާ އެ ޗެނަލުން ޓެލެކާސްޓް ކުރުމާ ގުޅިގެން ގިނަ ބަޔަކު ގެންދަނީ ސޯޝަލް މީޑިއާގައި ނުރުހުން ފާޅުކޮށް، އެކަން ތަހުގީގު ކުރުމަށް ގޮވާލަމުންނެވެ.

މި ސަރުކާރުގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވެސް ވަނީ އެ ޗެނަލުން ގެނެސްދިން އެވީޑިއޯ އެއްކޮށް ޓުވީޓް ކުރައްވާފަ އެވެ. އަދި އެކަން ކުށްވެރިކުރައްވައި އެ ޗެނަލާ މެދު ފިޔަވަޅު އަޅަންޖެހޭ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސް ސޯލިހްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ. އެ މައްސަލަ ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

"ޓީވީ ޗެނަލަކުން ގެނެސްދިން ޕްރޮގްރާމެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ހަށިކޮޅުގައި ހުޅުޖެހުމަށް ގޮވާލާފައިވާ މައްސަލަ ފުލުހުންގެ ސަމާލު ކަމަށް ވަނީ އައިސްފައެވެ. އެކަމާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ވަނީ ބަލަން ފަށައިފައި،" ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ބުނެފައިވަނީ އެ ކޮމިޝަންގެ ސަމާލު ކަމަށް އެކަން އައިސްފައިވާ ކަމަށާއި އެކަން ބަލާނެ ކަމަށެވެ.


ޗެނަލް13 ގެ "ރައްޔިތުންގެ އަޑު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން އެ މީހާ ބުނީ "އަޅުގަނޑަށް ފެންނަނީ މިހާރުން މިހާރަށް ވެސް، ވާހަކައަކީ، އިބްރާހިމް މުހައްމަދު ސޯލިހްގެ ގައިގައި (އުނިކޮށްފައި). ދެން އިތުރު ވާހަކައެއް ނެތް އިނގޭތޯ،" އެ މީހާ ބުނެ އެވެ. އަދި އޭނާ ވާހަކަ ދައްކައި ނިމެންދެން މަޑުކުރުމަށްފަހު، ޕްރޮގްރާމްގެ އެންކަރަކަށް އިން އަންހެން ކުއްޖާ ފަސް ސިކުންތެއްހާއިރު ފަހުން ވަނީ އެ ޕްރޮގްރާމްގައި ބައިވެރިވީތީ އެމީހާ އަށް ޝުކުރު އަދާކޮށްފައެވެ. އެ މީހާ ދެއްކި ވާހަކަ ހުއްޓުވަން ވެސް މަސައްކަތެއް ނުކުރެއެވެ. އަދި އެ ވާހަކަ ކުށްވެރިކޮށް ވެސް އެއްޗެއް ނުބުނެ އެވެ. އަދި އެއީ ލައިވް ބްރޯޑްކާސްޓެއްގައި ބުނެވިގެންވާނެ އެއްޗެއް ނޫން ކަމަކަށް ވެސް ނުބުނެއެވެ. އަދި މާފަކަށް ވެސް ނޭދެއެވެ.

ނަމަވެސް، ޗެނަލް13 އިން ފަހުން ވަނީ އެކަމަށް މައާފަށް އެދި ބަޔާނެއް ނެރެފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *