ކޮވިޑް19 އަށް މިއަދު 80 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
އެޗް.ޕީ.އޭ އިން ބުނީ ކޮވިޑް19 އަށް މިއަދު ޕޮޒިޓިވްވި 80 މީހުންގެ ތެރޭގައި ހިމެނެނީ 60 ދިވެހިންނާއީ 20 ބިދޭސީން ކަމަށެވެ.
ކޮވިޑް19 ރާއްޖެއިން 8361 މީހުންނަށް ޖެހިފައިވާއިރު 2684 އެކްޓިވް ކޭސް ހިމެނެއެވެ. އަދި ހޮސްޕިޓަލްތަކުގައި 162 މީހަކަށް ފަރުވާދެމުން ގެންދާއިރު އައިސޮލޭޝަންތަކުގައި 1253 މީހަކު އެބަތިއްބެވެ. މިބަލި ޖެހިގެން މިހާތަނަށް 5642 މީހުން ވަނީ ރަނގަޅުވެފައެވެ. ކޮވިޑްގައި ރާއްޖޭގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 29 އަށް އަރައިފައެވެ.
މި ސެޕްޓެމްބަރު މަހު ދުވާލެއްގެ މައްޗަށް 105 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެ ކަަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކޮށްފައިވާ ދިރާސާއަކުން ވަނީ ދައްކައިފައެވެ. ނަމަވެސް މިއަދު މިއީ އެ ސެންޓަރުން އަންދާޒާ ކުރި މިންވަރަށް ވުރެ މަދުން މީހުން މިބައްޔަށް ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
މިބަލި އެންމެ ގިނައިން ޖެހޭނެ ކަމަށް އެ ސެންޓަރުގެ ދިރާސާއިން ދައްކާފައި ވަނީ ހުސްވި އޮގަސްޓް މަހުއެވެ. އެޗްއީއޯސީއިން ކޮށްފައިވާ ދިރާސާއިން ދައްކާ ގޮތުގައި ހުސްވި އޮގަސްޓު މަހު ދުވާލެއްގެ މައްޗަށް 170 މީހުން ކޮވިޑަށް ޕޮޒިޓިވްވާނެއެވެ. އަދި އެ ސެންޓަރުން އަންދާޒާކުރި ވަރަށްވުރެ އިތުރަށް އޮގަސްޓް މަހުގެ ދެ ވަނަ ދުވަހު 215 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.



advertisment