ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒު 2025 ގެ އިނާމު ދިނުމުގެ ރަސްމިއްޔާތުގައި ސަރުކާރު ހިއްސާވާ ކުންފުނިތައް ނުވަތަ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް (އެސް.އޯ.އީ) ދާއިރާއިން އެއްވަނައަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ހޮވައިފިއެވެ.
ސްޓެލްކޯއާ ރަންވަނަ ހަވާލުކޮށްދެއްވީ ރޭ ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތު ޝަރަފުކޮށްދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއެވެ. ސްޓެލްކޯގެ ފަރާތުން އިނާމާ ހަވާލުވެވަޑައިގަތީ އެ ކުންފުނީގެ މެނެޖިން ޑިރެކްޓަރު ހުސައިން ފަހްމީއެވެ.
ސްޓެލްކޯއަށް އިނާމު ލިބުނީ އެ ކުންފުނިން ހުށަހެޅި "ރީޖަނަލް އެސް.ސީ.އޭ.ޑީ.އޭ" ސިސްޓަމަށެވެ. މިއީ ސަރަހައްދީ ގޮތުން ރަށްރަށުގައި ސްޓެލްކޯއިން ގާއިމުކޮށްފައިވާ ހަކަތައިގެ މައުލޫމާތު ބަލަހައްޓާ ނިޒާމުކަމަށްވާ "ސުޕަވައިސަރީ ކޮންޓްރޯލް އެންޑް ޑޭޓާ އެކުއިސިޝަން" ސިސްޓަމެވެ.
"ޖެހޭ މައްސަލަތަކާއި ހީނުކޮށް ހުއްޓާ ކަރަންޓު ކެނޑުމުގެ މައްސަލަތައް މި ނިޒާމުގެ ދަށުން ހައްލުކޮށް އަދި ކުރިމަގުގައި ކަރަންޓަށް އަންނާނެ ޑިމާންޑް މާ ރަނގަޅަށް ލަފާކުރެވޭނެ،" ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯއިންވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް މަރުހަބާ ކިޔައި އަދި ޝުކުރު އަދާކޮށްފައެވެ. އެއީ މުވައްޒަފުންގެ ބުރަ މަސައްކަތުން ސްޓެލްކޯއަށް މި ފަދަ ކާމިޔާބީތައް ލިބޭތީއެވެ.



advertisment

