Support Us

މިއަދަކީ ރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މުހިންމު ޞަފުޙާއެއް ހުޅުވިގެންދާ ދުވަހެއް: ރައީސުލްޖުމްހޫރިއްޔާ

މާތް ﷲ ގެ ވާގިފުޅާއެކު މިއަދު އެޅިގެން މިދަނީ ވަރަށް މުހިންމު ފިޔަވަޅެއް ކަމަށާއި، އަދި ދިވެހިރާއްޖޭގެ ކުޅިވަރު ޙަޔާތުގައި މިއަދު ހުޅުވިގެން މި ދަނީ ވަރަށް މުހިންމު ޞަފުޙާއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް ފުރަތަމަ އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ކުރިއަށްދިޔަ ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ކުޅިވަރު ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙާއިއެކު ކުޅިވަރު ކުރިއެރުވުން ލާމަރުކަޒުވެ، ކުޅުންތެރީންނަށް ފުރުޞަތު ފަހިވެ، ކޮންމެ ދާއިރާއަކުންވެސް ޕްރޮފެޝަނަލް މިންގަނޑުތަކާ އެއްގޮތަށް ކުޅިވަރު ކުރިއަރުވައި ތަރައްޤީ ކުރުމުގައި މިއަދު އަޅުގަނޑުމެން ކުރިއަށް މި އަޅަނީ ވަރަށް ތާރީޚީ އަދި ވަރަށް މުހިންމު ފިޔަވަޅެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހިރާއްޖޭގެ ކުޅިވަރު ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު ތަސްދީގުކުރެއްވުމާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް ޖަވާބުދެއްވާފައެވެ. އެގޮތުން، ޤާނޫނަށް ގެނެވުނު އިޞްލާޙުތަކާއެކު ޤާއިމުކުރެވޭ ޤައުމީ ކުޅިވަރު ފަންޑުގެ އެހީގައި، ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ ޚަރަދު ދެމެހެއްޓެނިވި ގޮތެއްގައި އިތުރުވެގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި އަލަށް ގެނެވުނު ބަދަލުތަކާއެކު އުވޭ ކުޅިވަރު ކުންފުނީގެ މުވައްޒަފުންނަށް އެހެން ފުރުޞަތުތައް ހޯއްދަވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކުޅިވަރު ޤާނޫނަށް ގެނައި އިޞްލާޙުގެ ސަބަބުން ދެފުށްފެންނަ މިންވަރު އިތުރުކުރެވި، ހިންގުން ހަރުދަނާކުރެވި، ގުޑް ގަވަރނަންސްގެ އުސޫލުން ކަންކަން ކުރެވޭނެ ފިޔަވަޅުތަކެއް ފަހިވެ، ކަށަވަރުކުރެވިގެންދާނެ ކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ކުޅިވަރު ކުރިއެރުވުމަށާއި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އުފެދޭ މޮޅު ކުޅުންތެރީންނަށާއި އެތުލީޓުންނަށް، ޤައުމީ ފެންވަރުގައި އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ކުރިއަށް ދިއުމާއި، ހުނަރު ތަރައްޤީކުރުމުގެ ފުރުޞަތު މި ބަދަލާއެކު އަދަށް ވުރެ ފަހިވެގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއަދު މި ތަސްދީޤުކުރެއްވި ބިލުގެ ސަބަބުން، ކުޅިވަރުގެ ދާއިރާއަށް އަންނާނެ އެންމެ ހެޔޮ ބަދަލަކީ، ކުޅިވަރު ކުރިއެރުވުން ލާމަރުކަޒީވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މިއަދުން ފެށިގެން ދިވެހިރާއްޖޭގެ ޕެރަލިމްޕިކް ކޮމިޓީއަކީ، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާ އެއް ގިންތިއެއްގައި ހިންގާނެ ޤާނޫނީ ބާރުވެރިކަން ފުރިހަމައަށް ލިބިފައިވާ ކުޅިވަރުގެ އިދާރާއަކަށް ވެގެން ދިއުމާއެކު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ކުޅިވަރުގެ މައިދާނުން ހަމަހަމަ ފުރުޞަތުތަކެއް ލިބޭނެކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރއްވިއެވެ. ހަމަ މިއާއެކު، ކުޅިވަރުގެ މައިދާނުގައި ޖިންސުގެ ތަފާތުކުރުންތައް ގެންގުޅެގެން ނުވާނެކަން، ޤާނޫނެއްގައި ލިޔެވިގެން ތަސްދީޤުކުރެވުނު މިއީ ފުރަތަމަ ފަހަރެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *