އެކުވެރިކަމީ ގަދަފަދަބާރެއް މިކަމާ ދެބަސް ނުވެވޭނޭ
އެކަހެރިވެގެން ވަކިވަކިވީމާ ނިކަމެތި ވެގެން ނިމިދާނޭ
އެއްޤިބުލައަށް ކުރިމަތިލައި އެންމެން އެކީ ލެނބި ތިރިވާން
އެއްވަރުވެ ސަފުސަފުގައި މިތިބީ އެއް ވާ ފަށުން ގުޅިގެންނޭ
އިންސާފު ހޯދަން ދާކަށް އިންސާނަކަށް ނުޖެހޭނޭ
ހިތްސާފުކޮށް އެކުވެރި ވީމާ އިންސާފު ދެމި އޮންނާނޭ
ނަޞްރާ ފަތަޙައާ ލިބުނީ މުސްލިމު އެލޮބުވެތި ފާތިޙުންނަށް
ލަޝްކަރުތެރޭ އެކުވެރި ކަމަކާ މަޞްލަޙަތު ވެސް އޮވެގެންނޭ
ފިތުނައިން ތަނެއް ހުޅުރޯވާ ހިނދުގާ އަނދާ ހުލިވާނޭ
ހިތުގާވިމާތް އެކުވެރިކަމަކުން ނޫނީ އެހުޅު ނުނިވޭނޭ
ވިސްނަންޖެހޭމީ ކަމެކޭ އިޞްލާޙުވާންވީ ރޮނގެކޭ
މުސްލިމްތަކުންނީ މާތްދީނުގެ ލޮބުވެތި އަޚުން އުޚުތުންނޭ
އެއްލޭހިނގާ އެއްބައެކޭ އެއްވަންހަ އެއްދަރިކޮޅެކޭ
އެއްބައިވެގެން ނޫނީ ލަވައެއް އެއްރާގަކަށް ނުކިޔޭނޭ
އެރި ހިނދު ސުނާމީ، ދިވެހިން، މެރިގެން ދެލޯ ދިޔަ ދުވަހުން
ކެރިގެން އެދެއްކި ވަފާތެރިކަން ދާންވީ ހަނދާން ކުރަމުންނޭ
ރަޙުމާއި އޯގާތެރިކަން ރުހުމާއި ކުލުނާ ލޯތްބާ
ފަހު ނޭވަޔާ ހަމަޔަށް ދާނދެން އިޙުސާސް ކުރޭ! މަދަރީންނޭ
ހުއްޓަސް ޚިޔާލު ތަފާތެއް ނައްޓާ ނުލާށޭ ހަމައިން
ވައްޓާ ނުލައި އަބުރާ ޢިއްޒަތް، ދެވެނީ އަތާއަތް ގުޅުމުންނޭ
