އެކުވެރި ޢަރަބި ޢިމާރާތް ނުވަތަ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދާދި ފަހުން ކުރެއްވި ރަސްމީ ދަތުރުފުޅުގައި ފެނިގެން ދިޔަ އެއް ކަމަކީ ރައީސް ޓްރަމްޕް އަބޫދާބީގެ ރިޔާސީ ގަނޑުވަރު "ޤަޞްރު އަލް ވަތާން" އަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވުމުގެ ގޮތުން އަންހެން ކުދީންތަކެއް އިސްތަށިގަނޑު ހޫރި މަންޒަރެވެ. ދުނިޔޭގެ މީޑިއާތަކުގެ ސަމާލުކަން ވެސް މިކަމަށް ވަރަށް ބޮޑަށް ހުއްޓުނެވެ.
މިކަމަކީ ރައީސް ޓްރަމްޕަށް ޚާއްޞަކޮށްގެން ކުރި ކަމެއް ކަމަށް ދޭހަވާގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ވާހަކަ ދައްކައެވެ. އެހެން ނަމަވެސް ހަގީގަތުގައި މިއީ ޔޫއޭއީގެ ސަގާފީ ކުޅިވަރެއް ނުވަތަ ނެށުމުގެ ހަރަކާތެކެވެ. ދިވެހި އަންހެނުން ބަނޑިޔާ ޖަހާ ގޮތަށް އަންހެނުންނަށް ޚާއްޞަ ކުޅިވަރެކެވެ. ދިވެހީން ތާރަޖެހުމާއި، ބިލެއްދަފި ނެގުން ފަދަ ސަގާފީ ކުޅިވަރުތަކުގައި ކިޔާ ޒާތުގެ ދިގު ލަވައާއި ހަމަތަކެއްގެ މައްޗަށް ހުށަހަޅާ މި ހުށަހެޅުމަށް ނުވަތަ ނެށުމަށް ކިޔަނީ "އަލް-އައްޔާލާ" އެވެ.
އަލް-އައްޔާލާގެ ލަވައާއި ރާގާއި ނެށުމުގެ ހުށަހެޅުން ގުޅިފައިވަނީ ޔޫއޭއީގެ ބަދަވީ ސަގާފަތާއެވެ. މި ކަން އުފެދިފައިވަނީ އެތައް ޤަރުނުތަކެއް ކުރިން، އަރަބި ސަހަރާގައި ދިރިއުޅުނު ބަދަވީންގެ މެދުގައެވެ. އެއީ އުފާވެރިކަމާއި ހިތްހަމަޖެހުން ފާޅުކުރުމަށް އަދި އެއްބައިވަންތަކަން ދިރުވާ އާލާކުރުމަށް ކުޅޭ ކުޅިވަރެކެވެ.
އަލް-އައްޔާލާ ހުށަހެޅުމުގައި އިސްތަށިގަނޑު ހޫރާ ނުވަތަ އިސްތަށިގަނޑު ވިހުރާ އަންހެން ކުދިންގެ އިތުރުން ފިރިހެން ކުދީން ވެސް ހިމެނެއެވެ. އެއީ ލަވަކިޔާ ބެރުޖަހާ މީހުންނެވެ. ފިރިހެނުން ވެސް ތިބެނީ ދެ ބަޔަކަށް ނުވަތަ ދެ ސަފަކަށެވެ. އެއް ބަޔަކު މައިގަނޑު ކީމާ އަނެއް ބަޔަކު ޒުވާބު ކިޔައެވެ. އަލް އައްޔާލާގެ ރާގު ކުޅުމުގައި ބޭނުންކުރާ މައިގަނޑު އާލާތްތަކަކީ ޠަބުލާ އާއި އައްޔާލާ (ކުޑަ ބެރެއް) ކެވެ. މީގެ އިތުރުން މި ރާގުވެރިން އަތުން ހިފައިގެން ތިބޭ ދިގު އަސާތައް ވައިގައި ހޫރާ ވެސް ހަދައެވެ.
މި ނެށުމުގައި އަންހެން ކުދީން ދެފަރާތުގައި ސަފުސަފަށް ތިބެގެން ރާގާ ލަވައަށް ލެނބިލެނބިފައި އިސްތަށިގަނޑު ވިހުރައެވެ.
އަލް-އައްޔާލާ އަކީ ހަމައެކަނި މުނިފޫހިފިލުވުމަށް ކުޅޭ ކުޅިވަރެއް ނޫނެވެ. މިއީ ޔޫއޭއީގެ އިޖްތިމާޢީ އަދި ސަގާފީ އެއްބައިވަންތަކަން ދައްކުވައިދޭ ކަމެކެވެ. އަދި ކައިވެނި މަޖިލިސްތަކާއި ޤައުމީ ދުވަސްތަކާއި އެހެނިހެން މުހިންމު މުނާސަބަތުތަކުގައި ވެސް މިއީ ކުޅޭ ކުޅިވަރެކެވެ.
ޔުނެސްކޯއިން 2014 ވަނަ އަހަރު ވަނީ އަލް-އައްޔާލާ ރާގު ދުނިޔޭގެ ސަގާފީ ތަރިކައިގެ ތެރެއިން މައުނަވީ ތަރިއެއްގެ ގޮތުގައި ދަފުތަރުކޮށްފައެވެ. ރައީސް ޓްރަމްޕުގެ ދަތުރުފުޅާ ގުޅިގެން އަންހެން ކުދީންތަކެއް ލައްވައި އިސްތަށިގަނޑު ވިހުރުމުގެ ނެށުން ހުށަހެޅުމާ ގުޅިގެން އިސްލާމީ ބައެއް ޢިލްމުވެރިން ވަނީ އެކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.
* ޢަބްދުﷲ ސަޢީދުގެ ލިޔުއްވުމަކުން



advertisment