ތަދުތައް ހިތުގެ ބޭރަށް ލުމަށް މަދު އެތިކޮޅެއް ލިޔެލާނަމޭ
ބަދުބަސް ނުބުނެވޭތޯ ނިކަން ގަލަމަށް ހަނދާންކޮށްދޭނަމޭ
ދައުރާނަވާ ނާރެހުތެރޭން ކައުނުގެ ޠަބީޢަތުގައި އެވާ
ފައުޅާއި ސިއްރީ މޭރުމަށް ޢަމަލުން ޖަވާބް އަރުވާނަމޭ
ގަދަ ވާރެއާ ވިއްސާރައިން މަދަދެއް ނެތަސްމެ ސަލާމަތަށް
ގަދަ ކަނޑުތެރޭ ހުންގާނު އޮޑި ރިޔަލާ އެކީ ދުއްވާނަމޭ
ދަނޑިވަޅު ބަލައި ދިޔަ ހިއްކަމުން ހޮޅިލާ ނަގާ ރާޅުގެ ތުބުން
އޮޑި ރައްކަލަށް ފުރޮޅައިލެވޭ ފަލިވަޅުތަކަށް ވިސްނާނަމޭ
ރޯޅީގެ ގަދަ ކޮޅިގަނޑުތެރޭ ދެކޮޅަށް ވަޔާ ކޮަށްހޭރިޔާ
މޯޅީން މިލައި ނުމެގޮސް އޮޔާއެކުގައި ދަތުރު ނިންމާނަމޭ
އިރުއިރުކޮޅާ އޮޑިޔަށް އަރާ ލޮޅުމުން ރެކޭނެ ގޮތަށް ބަލާ
ކެރިފޯރުމުން އޮޑި ކޮށްނަޖާ މަންޒިލް ހިތުގެ އަތުލާލަމޭ