Support Us

އަލްބަޤަރާ ސޫރަތުގެ މައްޗަށް ބަލައިލުމެއް 4

ހަތަރު ވަނަ އާޔަތުގައި މުއުމިނުންގެ އިތުރު ސިފަތައް ބަޔާން ކުރެވިފައި ވެއެވެ. والذين يؤمنون بما أنزل إليك وما أنزل من قبلك وبالآخرة هم يوقنون، އަދި އެމީހުންނަކީ ކަލޭގެފާނުގެ މައްޗަށް ބާވާލެއްވުނު އެއްޗަކަށާއި އަދި ކަލޭގެފާނުގެ ކުރިން ބާވާލެއްވުނު އެއްޗިއްސައް ވެސް އީމާންވާ މީހުންނެވެ. އަދި އާޚިރަތް ދުވަސް އަންނާނޭ ކަމާ މެދު، އެމީހުން ޔަގީން ކުރެއެވެ، މިއާޔަތުގަ އެވެ.

މިއާޔަތުގައި ފުރަތަމައަށް ބަޔާން ކުރެވިފައިވަނީ މުއުމިނުންނަކީ މާތްﷲ ބާވާލެއްވި ފޮތްތަކަށް އީމާންވާ މީހުން ކަމެވެ. މިގޮތުން، ސަލާމާއި ސަލަވާތް ލެއްވި ކީރިތި ރަސޫލާ، މުހައްމަދުގެފާނުގެ މައްޗަށް ބާވާލެއްވުނު ފޮތް ކަމުގައިވާ ކީރިތި ޤުރުއާނަށް އެންމެ ފުރަތަމައިން، އެމީހުން އީމާން ވެއެވެ. މީގެ މާނައަކީ، އެފޮތަކީ މާތްﷲ ބާވާލެއްވި ފޮތެއްކަން ހިތުގެ އަޑިން ގަބޫލު ކުރުމެވެ. އަދި އެފޮތުގައިވާ ވާހަކަތަކަކީ ތެދު ވާހަކަތަކެއް ކަމުގައިވެސް ގަބޫލު ކުރުމެވެ. އަދި މިގަބޫލު ކުރުން މުއުމިނުންގެ ކިބައިން ފެނިގެން ދެއެވެ. އެމީހުނަކީ، އެފޮތުގައި އެންގަވާފައިވާ ގޮތުގެ މަތީން، އެމީހުންގެ އަމަލުތައް، ބެހެއްޓުމަށްޓަކައި މަސައްކަތް ކުރާ ބައެކެވެ.

މިއަށްފަހު، ދެން އޮތީ އެމީހުންނަކީ މުހައްމަދުގެފާނުގެ ކުރީގެ ނަބީބޭކަލުންގެ މައްޗަށް ބާވާލެއްވުނު ފޮތްތަކަށްވެސް އީމާންވާ ބައެއް ކަމުގައެވެ. ސަލާމްލެއްވި އިބްރާހީމުގެފާނުގެ މައްޗަށް ބާވާލެއްވުނު ސުހުފުތަކަށާއި – ފަތްފުށްތަކަށާއި -، ސަލާމްލެއްވި މޫސާގެފާނުގެ މައްޗަށް ބާވާލެއްވުނު ތައުރާތަށާއި ސަލާމްލެއްވި ދާއޫދުގެފާނުގެ މައްޗަށް ބާވާލެއްވުނު ޒަބޫރަށާއި އަދި ސަލާމްލެއްވި އީސާގެފާނުގެ މައްޗަށް ބާވާލެއްވުނު އިންޖީލަށްވެސް 'އީމާންވާ' މީހުންނެވެ. މިފޮތްތަކަށް އީމާންވުމުގެ މާނައަކީ، އެފޮތްތަކަކީ ވެސް އިލާހީ ފޮތްތަކެއް ކަމުގައި ޤަބޫލުކުރުމެވެ. ކީރިތި ޤުރުއާން ފަދައިން، އެފޮތްތަކުގެ އަސްލުވެސް ބާވާލެއްވީ މާތްﷲކަން ޤަބޫލު ކުރުމެވެ. މިއަދު، އަޅުގަނޑުމެންގެ އަތުގައި މިއިން އެއްވެސް ފޮތެއްގެ އަސްލެއް ނެތެވެ. އެހެންވެ، މިފޮތްތަކުގައިވާ ތަފްސީލީ ވާހަކަތަކަށް އީމާންވުން، އެމީހުންގެ މައްޗަކަށް ލާޒިމުވެގެން ނުވެއެވެ. އެފޮތްތަކުގެ ތަފްސީލީ ވާހަކަތަކަށް ބަލައިލާއިރު، އޭގައި ހިމެނޭ ވާހަކަތަކުގެ ތެރެއިން، ކީރިތި ޤުރްއާނާއި ތައާރުޟުނުވާ، އާދެ، ފުށުނާރާ، ވާހަކަތައް، މުއުމިނުން ގަބޫލުކުރެއެވެ.

އިލާހީ ފޮތްތަކަށް އީމާންވުން ރަމްޒުކޮށް ދެނީ، އިލާހީ ހިދާޔަތަކީ، މަގުދެއްކުމަކީ، ކީރިތި ޤުރުއާން ބާވާލެއްވުމާ ހިސާބުން ފެށުނު ކަމެއް ނޫންކަމެވެ. ކީރިތީގެ ޤުރާން ބަޔާންކުރާ ގޮތުގައި، ދުނިޔޭގައި އިންސާނުން ދިރިއުޅެން ފެށީއްސުރެން ވެސް، މާތްﷲ މީސްތަކުންނަށް ހިދާޔަތު ދައްކަވަމުން ގެންދެވިއެވެ. މީސްތަކުންގެ އަޚުލާގީ ހާލަތު އޮތް ގޮތުގެ މައްޗަށް ބަލައި، އެފަދަ ހިދާޔަތަކަށް ބޭނުންވެފައި ވި ވަގުތު ވަގުތު ތަކުގައި ރަސޫލު ބޭކަލުން މެދުވެރިކުރައްވައި އިލާހީ ހިދާޔަތު މީސްތަކުންނަށް ގެނެސްދެވުނެވެ. މީގެ މިސާލުތައް ކީރިތި ޤުރުއާނުގެ އެކިއެކި ސޫރަތްތަކުގައި ބަޔާން ކުރެވިފައި ވެއެވެ. މީގެ ތަފްސީލު އެއާޔަތް ތަކުގެ ތަފްސީރު ލިޔެވޭއިރު، އިރާދަކުރެއްވިއްޔާ، ގެނެސް ދެވޭނެއެވެ.

މުއުމިނުންނަކީ އިލާހީ ފޮތްތަކަށް އީމާންވާ ބައެއްކަން ބަޔާންކޮށް ދިނުމަށް ފަހު، ދެން އޮތީ އެމީހުންނަކީ އާޚިރަތް ދުވަހަށް އީމާންވާ ބައެއް ކަމުގައި ފާހަގަކުރެވިފައެވެ. އާޚިރަތް ދުވަސް އަންނާނޭ ކަމާއި މެދު ކުޑަވެސް ޝައްކުކަމެއް ނެތި ޔަގީން ކަށަވަރުކޮށް، ހިތުގެ އަޑިން އެކަން ގަބޫލު ކުރާބައެއް ކަމުގައެވެ. މީގެ މާނައަކީ، އެމީހުން ޔަގީން ކުރާގޮތުގައި، މާތްﷲ ފިޔަވައި، ކައުނާއި ކާއިނާތުތައް، ދުނިޔެއާއި ދުނިޔޭގައި ލެއްވިގެންވާ ހުރިހާ އެއްޗެއް ނެތިކުރައްވާނޭ ދުވަހެއް އަންނާނެއެވެ. ހުރިހާ މަޚްލޫގުނެއްމެ މަރުވެ، ނެތިގޮސް، އަޅުގަނޑުމެން މިދަންނަ ހަޔާތާއި ވުޖޫދަށް ނިމުން އައިސް މި ވުޖޫދު ނެތި ދާނޭ ދުވަހެއް އަންނާނެއެވެ. އަދި އެއަށްފަހު، އާ 'ދުނިޔެ’އެއް 'އާ ވުޖޫދެއް' އުފައްދަވައި، މީސްތަކުން، އަލުން ދިރުއްވާނެއެވެ. ދެން، މާތްﷲގެ ހަޟްރަތުގައި މީސްތަކުން، މަހްޝަރުކޮށް އެއްކުރެވި، ހާޒިރު ކުރެވޭނެ އެވެ. އަދި އެއަށްފަހު، ދުނިޔޭގައި އެމީހުންގެ އަމަލުތައް ހުރި ނެތް ގޮތުގެ މައްޗަށް ބަލައި، ހިސާބު ބެއްލެވޭނޭ ކަމެވެ. ދެން، އެމީހުންނަށް ހައްގުވާ ޖަޒާއެއް ދެވޭނޭކަމެވެ. ސުވަރުގެވަންތަ ވެރިންނަށް ސުވަރުގޭގެ ނިއުމަތެވެ. ނަރަކަ ހައްގުވާ މީހުންނަށް ނަރަކައިގެ އަޒާބެވެ. މުއުމިނުންނަކީ މިކަންކަން، ހިތުގައި އެއްވެސް ޝައްކަކާއި ނުލައި، ކަށަވަރުކޮށް ގަބޫލުކުރާ ބައެކެވެ.

އާޚިރަތް ދުވަހުގެ ވާހަކަ ކީރިތި ޤުރްއާނުގެ އެކިއެކި ސޫރަތްތަކުގައި އައިސްފައިވެއެވެ. ޚާއްސަ ގޮތެއްގައި މައްކީ ސޫރަތްތަކުގައެވެ. ކީރިތި ޤުރުއާނުގައި އާޚިރަތުގެ ވާހަކަ ގިނަގިނައިން އައިސްފައިވަނީ، އެއީ، އިންސާނާގެ އަޚުލާގައި ސުލޫކަށް ހެޔޮބަދަލެއް ގެނުވައިދޭ ބާރަކަށް ވާތީއެވެ. މިކަން އަލްމާޢޫނު ސޫރަތުން ފެނިގެންދެއެވެ. މައްކާގެ މުޝްރިކުންނަށް ނިސްބަތްކޮށް، އެމީހުން އާޚިރަތް ދުވަސް ގަބޫލު ކުރަން ބޭނުން ނުވާ ސަބަބު، މިސޫރަތުގައި ބަޔާން ކުރެވިފައިވާ ބަޔާން ކުރުމުންނެވެ. أرأيت الذي يكذب بالدين، فذلك الذي يدع اليتيم ولا يحض على طعام المسكين. "ކަލޭގެފާނު، އެބަހީ، މުހައްމަދުގެ ފާނު، ޖަޒާ ދިނުމުގެ ދުވަސް (އެބަހީ، އާޚިރަތް ދުވަސް) އަންނާނޭކަމާ މެދު އިންކާރު ކުރާމީހާގެ (ވާހަކަ) ދެނެވަޑައިގެން ހުންނެވީމު ތޯއެވެ؟  އޭނާ އަކީ، ފަހެ، ޔަތީމު ކުދީންނަށް (އަޅާނުލާ) ދުރަށްލާ މީހާއެވެ. އަދި ނިކަމެތިންނަށް އަޅާލުމާއި، ކާއެއްޗެއް ފޯރުކޮށްލަ ދިނުމަށް (އެހެންމީހުންނަށް ވެސް) ބާރުނާޅާ މީހާއެވެ." މިއާޔަތުން ދޭހަވަނީ އާޚިރަތް ދުވަސް އަންނާނޭކަމާ މެދު އިންކާރު ކުރަނީ، ބުއްދީގެ ހަމަތަކުން ބަލައި، އެއީ މުސްތަހީލު ކަމަކަށް ދެކިގެން ނޫން ކަމެވެ. ނަމަވެސް، އާޚިރަތް ދުވަހާ ދޭތެރޭ ފިކުރުކޮށް، އެދުވަސް އަންނާނޭކަން ގަބޫލުކޮށް ބަލައިގެންފި ނަމަ، ތިމާގެ އަމިއްލަ އަޚުލާގާއި ސުލޫކަށް ބަދަލު ގެންނަން ޖެހޭނެތީއެވެ. ތިމާގެ ދަހިވެތިކަމާއި އަމިއްލަ އެދުން، ތިމާގެ އަނާނިއްޔަތުކަމާއި މަށަށްމަށަށްކަން، ހައްދުފަހަނަ އަޅާ ދިޔަނުދީ، ވަކި ހުދޫދެއްގެ، މިންގަނޑެއްގެ، ތެރޭގައި ބަހައްޓަން ޖެހޭނެ ތީއެވެ. ތިމާގެ އިޖުތިމާއި މަސްއޫލިއްޔަތެއްވާ ކަމާއި، އެކަން ނިޔާކުރާގޮތުން، އެހެން މީހުންނަށް ވެސް، ތިމާ ކެރިކުޅަދާނަ ވީވަރަކުން، އަޅާލަން ޖެހޭކަން ގަބޫލު ކުރަން ޖެހޭތީއެވެ.

ކީރީތި ޤުރްއާނުގައި، އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭނޭ އަދި އޮތުން ޒަރޫރީ ދުވަހެއްކަމުގައި ވެސް، ބަޔާން ކުރެވިފައި ވެއެވެ. އެބަޔާންކޮށް ދިނުމުގެ ޚުލާސާ މިތަނުގައި ލިޔެލާނަމެވެ. އާޚިރަތް ދުވަހަކީ ކޮންމެހެން އަންނަން ޖެހޭ ދުވަހެއްކަމުގައި ބަޔާންކޮށްދިނުމުގެ ގޮތުން ތިން ސަބަބެއް ކީރިތި ޤުރްއާނުގައި ހުށަހަޅާލެވިފައި ވެއެވެ. އެންމެ ފުރަތަމަ، އާޚިރަތް ދުވަހެއް ނެތް ނަމަ، ރަނގަޅާއި ނުރަނގަޅު، ހެވާއި ނުބައި، މިފަދަ އަގުތަކަކީ މާނައެއް ހުރި އެއްޗިއްސަކަށް ނުވާކަން ފާހަގަކޮށްދީފައި ވެއެވެ. އާދެ، މިކަމަށް އިޝާރަތްކޮށް، އައްޞާއްފާތު ސޫރަތުގެ 21ވަނަ އާޔަތުގައި އާޚިރަތް ދުވަހަކީ، ރަނގަޅާއި ނުރަނގަޅާއި ދެމެދު ފައިސަލާ ކުރުމުގެ ދުވަސް ކަމުގައި ސިފަކުރެވިފައި ވެއެވެ. "މިއަދަކީ (އާޚިރަތް ދުވަހަކީ) ފައިސަލާކޮށް ނިޔާ އިއްވުމުގެ ދުވަހެވެ" ރަނގަޅު ގޮތަކީ ކޮބައި ކަމާއި ނުރަނގަޅު ގޮތަކީ ކޮބައިކަން ވަކިކޮށް، ކަނޑައަޅައި، އެމީހެއްގެ ހައްގު ޖަޒާ ނޫނީ ސަޒާ، އެމީހަކަށް ދެވޭ ދުވަހެވެ.  މި ފަދަ ދުވަހެއް ނެތް ނަމަ، ދުނިޔޭގައި، ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ހެޔޮ އަމަލު ކުރުމުގައި އޭނާގެ ހަޔާތް ވޭތުކޮށްލާ ހެޔޮލަފާ ސޯލިހު މީހާއާއި، ވައްކަމާއި ފޭރުމާއި މީހުން މެރުން ފަދަ ބޮޑެތި ކުށްތައް ކުރުމުގައި، އޭނާގެ ހަޔާތް ވޭތުކޮށްލާ މުޖުރިމާ ދެމީހުންގެ ތަފާތެއް ނެތެވެ. މަރުވެ ދިޔުމުން ދެމީހުންގެ ކަންތައްތައް ވެސް ނިމުނީއެވެ. ކީރިތި ޤުރުއާނުގައި ބަޔާންކުރެވިފައިވަނީ މިފަދައިން ކަންތައްވުމީ ބުއްދި ގަބޫލު ކުރާ ކަމެއް ނޫނެވެ.

ދެވަނަ ސަބަބަކަށް ބަޔާން ކުރެވިފައިވަނީ އާޚިރަތް ދުވަހެއް ނެތް ނަމަ، ހަމަހަމަ ކަމާއި އަދާލަތު ގެއްލި އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެން ދިޔުމެވެ. ކީރިތި ޤުރްއާނުގެ ސަބައު ސޫރަތުގެ 25 ވަނަ އާޔަތާއި އަދި 26 ވަނަ އާޔަތް ބައްލަވާލައްވާށެވެ. "ކަލޭގެފާނު (މުހައްމަދުގެފާނު، މައްކާގެ މުޝްރިކުންނާއި މުޚާތަބުކޮށް ވިދާޅުވާށެވެ!) ތިމަންބައި މީހުން ކުރި ކުށަކާ މެދު ކަލޭމެން މަސްއޫލުވާކަށް ނުޖެހޭނެއެވެ. އަދި ކަލޭމެން އަމަލު ކުރަމުންގެންދާ ގޮތާއި ބެހޭ ގޮތުން ތިމަންބައި މީހުން މަސްއޫލުވާކަށް ނުޖެހޭނެއެވެ. ކަލޭގެފާނު (އަދިވެސް، އެމީހުންނަށް) ވިދާޅުވާށެވެ. ތިމަންމެންގެ ސާހިބު ވަންތަ ރަސްކަލާނގެ ތިމަންމެން ހުރިހާ އެންމެން އެއްކުރައްވައި އެއްތަން ކުރައްވާ ނެތެވެ. ދެން، އެއަށްފަހު، ތިމަންމެންގެ މެދުގައި ހައްގާއި އެއްގޮތަށް (ނިޔާ އިއްވަވައި) ހުކުމް ކުރައްވާނެތެވެ. އެކަލާނގެއީ އެންމެ އަދުލުވެރިގޮތުގައި ހުކުމް ކުރައްވާ އަދި ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެ އެވެ." އާދެ، މި ދެ އާޔަތުން ދޭހަވަނީ ކޮންމެ މީހަކުވެސް، ދުނިޔޭގައި، އެމީހަކު ކުރިކަމަކާ މެދު ސުއާލު ކުރެވޭނޭ ކަމެވެ. އޭނާގެ އަމަލުތަކާއި މެދު މަސްއޫލުވާން ޖެހޭނޭ ކަމެވެ. އާޚިރަތް ދުވަހެއް ނެތް ނަމަ، އެއްވެސް މީހަކު އޭނާ ކުރިކަމަކާ ނުވަތަ ނުކޮށް ދޫކޮށްލި ކަމަކާ ދޭތެރޭ މަސްއޫލުވާކަށް ނުޖެހޭނެއެވެ.

ދުނިޔޭގައި ހިނގާ އެކި އެކި ޖަރީމާތަކަށް ނިކަން ނަޒަރު ހިންގާ ލައްވައި ވިސްނާލަ ބައްލަވާށެވެ. ބައެއް މީސްމީހުން، ދުނިޔޭގައި ގަތުލް އާންމު ފަދަ ބޮޑެތި ބޮޑެތި ޖަރީމާތައް ހިންގައެވެ. މިސާލަކަށް ހިޓްލަރު، ސްޓާލިން އަދި ޕޮލްޕޮޓް ފަދަ މީސްމީހުންނެވެ. އަދި ބައެއް މީހުން، އެމީހުންގެ މުޅި ހަޔާތް، މީހުން މެރުމުގައި އެބަ ހޭދަކޮށްލައެވެ. މިސާލަކަށް ޖަނަވާރުގެ ނަމުން މަޝްހޫރު ވެފައިވާ ކޮލަމްބިޔާގެ ލުއީސް ގަރަވީތޯ، ރަޝިޔާގެ އަންޑްރެއި ޗިކަޓިލްކޯ އެމެރިކާގެ ޓެޑް ބަންޑީ، ޗައިނާގެ ޔޭން ޒިންގްހައި އިންޑޮނީޝިޔާގެ އަހުމަދު ސުރާޖީ އަދި އެމެރިކާގެ ރިޗާޑް ކުކްކިލިންސްކީ ފަދަ ގާތިލުންނެވެ. މީގެ ތެރެއިން ބައެއް މީހުން ސަތޭކައަށް ވުރެ ގިނަ މީހުން މެރިއެވެ. މިސާލަކަށް، ރިޗާޑް ކުކްކިލިންސްކީ، 1986ގައި، އޭނާ ހައްޔަރު ކުރެވުމަށް ދާންދެން، އޭނާގެ ރަސްމީ މަސައްކަތަކީ މީހުން މެރުން ކަމުގައި ބަލައި، އޭނާގެ އަމިއްލަ އިއުތިރާފުން އެނގޭ ގޮތުގައި، ސަތޭކައަށް ވުރެ ގިނަ މީހުން މަރާފައި ވެއެވެ. (މީނާގެ ހަޔާތުގެ ވާހަކަ 'ދަ އައިސް މޭން' މިފޮތުގައި ބަޔާން ކުރެވިފައި ވެއެވެ. އަދި އޭނާއާއި ކުރެވުނު ބައެއް ބަސްދީގަތުން ޓީވީގެ ޒަރިއްޔާއިން ދެއްކުނެވެ. އަދި މި ބަސްދީގަތުމުގެ ރެކޯޑު ކުރުންތައް ޔޫޓިއުބުން މިއަދުވެސް ފެންނަން އެބައޮތެވެ. 'ދަ އައިސް މޭން ޓޭޕްސް' ބައްލަވާލައްވާށެވެ!)

މިފަދަ މީހުން، އެއްވެސް ހައްގަކާ ނުލައި މީހުން މެރިއެވެ. ތަފާތު އުމުރުގެ މީހުންނެވެ. މިފަދަ ބައެއް މީސްމީހުންނަކީ އެމީހުން ކުރި ކުށްތަކާ އެއްވަރުގެ އަދަބު ދުނިޔެމަތީގައި ލިބުނު ބައެކޭ ނުބުނެވޭނެއެވެ. އެތައް ސަތޭކަ މީހުން މެރި މީހަކު، ވިއްސަކަށް އަހަރު ޖަލުގައި ހޭދަކޮށްލުން އެއީ އަދުލު އިންސާފު ކަމުގައި ބެލެވިދާނެތޯއެވެ؟ އަދި، މީގެ އިތުރުން، އެފަދަ މީސްމީހުންގެ އަތުން މަރުވެ ދިޔަ މީހުންގެ ހައްގު ކޮބައިތޯއެވެ؟ އެމީހުންގެ މައިންބަފައިންނާއި އަނބިދަރީންނާއި ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ވަކިވާން ޖެހުމާއި، އެމީހުންނަށް ދުނިޔޭގައި ލިބެންއޮތް ހައްގުތައް ކޮބައިތޯއެވެ؟ އާޚިރަތް ދުވަސް ނެތް ނަމަ، ރިޗާރޑް ކުކްކިލިންސްކީ ފަދަ ގާތިލުން އެމީހުންގެ ޖަރީމާތަކަށް މަސްއޫލުވާންޖެހި، އެޖަރީމާތަކުގެ ހަގީގީ ޒިންމާ އުފުލާކަށް ނުޖެހޭނެއެވެ. އެމީހުންގެ އަނިޔާ ލިބުނު މީހުންގެ ހައްގުތައް ހޯދޭނޭ ގޮތެއް ވެސް ނޯންނާނެއެވެ. ކަންތައް މިހެން އޮތް ނަމަ، ދުނިޔެވީ ހަޔާތް ވެގެން ދާނީ އެމީހަކު ހިތުހުރި ގޮތަކަށް ކަންތައްތައް ކުރަން އޮތް ތަނަކަށެވެ. ދުނިޔަވީ ގާނޫނަށް ފިލެއް އޮތް ހިނދެއްގައި، ތިމާގެ އަމިއްލަ ފައިދާއަށްޓަކައި ކޮންމެ ފަދަ ޖަރީމާއެއްވެސް ކުރަން ޖެހެލުންވާންވީ ސަބަބެއް ނެތެވެ. މިއީ ކީރިތި ޤުރުއާން ދެކޭ ގޮތުގައި ބުއްދި ގަބޫލު ކުރާ ކަމެއްނޫނެވެ.

ތިންވަނަ ސަބަބަކީ ދުނިޔޭގައި އެކަންކަމުގެ ހަގީގަތް ދެނެގަންނަށް ބޭނުންވާ އެތައް އެތައް ކަމެއް ވެއެވެ. ކީރިތި ޤުރްއާނުގައި ގެނެސް ދެވިފައިވާ އެއް މިސާލު ލިޔެލާނަމެވެ. ސަލާމް ލެއްވި އީސާގެފާނުގެ ހަގީގަތާއި ބެހޭގޮތުން ތަފާތު ވާހަކަތައް މީސްތަކުން ދައްކައެވެ. އެއްބަޔަކު ދެކެނީ އީސާގެފާނަކީ އިލާހެއް ކަމެވެ. އެމީހުންގެ އިލާހީ ތަސައްވުރުގައި މާތްﷲއީ ތިންކައުވަންތަ ކަލެކެވެ. އެމީހުން ދެކޭގޮތުގައި އެކަލާނގެ ޒާތުފުޅުގައި ތިންބައި ހިމެނެއެވެ. މީގެ ތެރެއިން އެއްބައަކީ އީސާގެފާނެވެ. އެމީހުން ދެކޭ ގޮތުގައި މިބައި މާތްﷲގެ ޒާތުފުޅުން ފިސާލުވެ، ވަކިވެ، މަރިޔަމްގެފާނު މެދުވެރިކޮށް، އިންސާނީ ސިފަ ލިބިގެން ދުނިޔެއަށް އުފަންވީއެވެ. އަނެއްބަޔަކު ދެކެނީ އީސާގެފާނަކީ މަރިޔަމްގެފާނާއި ކޮންމެ ވެސް މީހަކަށް، ކައިވެނީގެ ބޭރުން، ލިބިވަޑައިގެން އާދަމީ ދަރިކަލެއްގެ ގޮތުގައެވެ. ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވަނީ އީސާގެފާނުގެ މިސާލަކީ އާދަމްގެފާނުގެ މިސާލު ކަމެވެ. މައިކަނބަލަކާއި ބަފައިކަލަކާއި ނުލައި އާދަމްގެފާނު ހެއްދެވުނު ފަދައިން، ބަފައިކަލަކާއި ނުލައި އީސާގެފާނު ހެއްދެވުނީއެވެ. މިއީ ކަމުގެ ހަގީގަތްކަން، އާޚިރަތް ދުވަހުން އެނގޭނޭކަން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައިވެއެވެ.

އަދި މީގެ އިތުރުން ވެސް، އަޅުގަނޑުމެން އެކަންކަމުގެ ޖަވާބު ލިބިގަންނަން ބޭނުންވާ އެތައްކަމެއް ވެއެވެ. އަޅުގަނޑުމެންގެ ތެރެއިން ގެއްލޭ މީހުންނާއި، މަރާލެވި، އެމީހުންގެ ގާތިލަކީ ނުވަތަ ގާތިލުންނަކީ ކޮބައިކަން ނޭނގޭ މީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ބައެއް ކަހަލަ ކަންތައްތައް ހިނގާ ގޮތުގެ ސިއްރެވެ. މިސާލަކަށް، އެއްބަޔަކު ދުނިޔެއަށް އުފަންވަނީ ސަމައްތަރު ހެޔޮ، ފުރިހަމަ ގޮތުގައެވެ. އަނެއް ބަޔަކު، ނުކުޅެދޭ ހާލުގައެވެ. އެއްބަޔަކަށް ފުރިހަމަ ސިއްހަތަކާއި ދުޅަހެޔޮކަން ލިބިފައި ވެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެން ޖެހެނީ ބަލިހާލުގައެވެ. އެއްބަޔަކު ދުނިޔޭގައި ތަނަވަސްކަންމަތީ އުޅެއެވެ. އަނެއް ބަޔަކު އުޅެން ޖެހެނީ ފަގީރުކަންމަތީ ދަތި ހާލުގައެވެ. އެއްބައިމީހުން ދުނިޔޭގައި ދިގު އުމުރެއް ވޭތު ކުރެއެވެ. އަނެއް ބަޔަކު ދުނިޔޭގައި އުޅެނީ ކުޑަ ދުވަސް ކޮޅަކު ނުވަތަ މަދު އަހަރުކޮޅަކުއެވެ. މިހެން ކަންތައްތައް ވުމަކީ ތަބީއީ ކަމެކޭ ބުނެ ނިންމާލެވިދާނެ ބާވައެވެ؟ މިކަމުގައިވެސް ސިއްރެއް ވާނޭ ކަމާއި، މިކަމުގެ ހަގީގަތް އެނގޭނޭ ދުވަހެއް އޮންނަން ޖެހޭނޭ ކަމަށް ފެނެއެވެ. ކަހަފު ސޫރަތުގައި މިފަދަ ކަންކަމުގެ ސިއްރެއް ވާނޭކަމާއި، އަދި ފަހުން އެކަންކަން އެނގޭނޭ ކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. މިވާހަކަތަކާއި ގުޅޭ އާޔަތްތަކުގެ ތަފްސީރު ލިޔެވޭއިރު، އިރާދަ ކުރެއްވިއްޔާ، މީގެ ތަފްސީލު ގެނެސް ދެވޭނެއެވެ. މިކަންކަމަށް އިޝާރަތް ކުރެވި، ޙައްޖު ސޫރަތުގެ 17 ވަނަ އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. "ހަމަ ކަށަވަރުން، އީމާންވި މީހުންނާއި (އެބަހީ، މުސްލިމުންނާއި) ޔަހޫދީންނާއި ސާބިއީންނާއި ނަސާރާއިންނާއި މަޖޫސީންނާއި މުޝްރިކުން، މިއެންމެންގެ މެދުގައި، ޤިޔާމަތް ދުވަހުން، ފައިސަލާ ކުރައްވައި، (އެމީހުންގެ މެދުގައި ޚިޔާލުތަފާތުވީ މައްސަލަތަކާއި ބެހޭ ގޮތުން ރަނގަޅުގޮތަކީ ކޮބައިކަން)  މާތްﷲ ނިޔާ ކަނޑައަޅުއްވާ ނެތެވެ. ހަމަކަށަވަރުން، ހުރިހާ ކަމަކަށް، މާތްﷲ ހެކިވެ ވޮޑިގެން ވެއެވެ."

އާދެ، މިދެންނެވި ސަބަބުތަކަށް ޓަކައި، އާޚިރަތް ދުވަހަކީ ކޮންމެހެންވެސް އަންނަން ޖެހޭނޭ ދުވަހެއްކަން، ކީރިތި ޤުރުއާނުގައި ބަޔާން ކުރެވިފައި ވެއެވެ. މީސްތަކުން ހެޔޮ މަގަށް އެޅުވުމަށް ބާރު އެޅުވުމުގެ ގޮތުންނެވެ. އަޅުގަނޑުމެންގެ ވުޖޫދު ގުޅިފައި ވަނީ ހަމައެކަނި ދުނިޔެއާއި އަދި ދުނިޔަވީ ހަޔާތާއި ނޫންކަމާއި، އާޚިރަތް ދުވަހަކާއި އަދި އުޚުރަވީ ހަޔާތެއް ވާކަމާއި، އިންސާނާގެ ދުނިޔެވީ އަމަލުތަކާ މެދު އެދުވަހުން މަސްއޫލުވާން ޖެހޭނޭކަން ހިތުގެ އަޑިން ގަބޫލު ކުރެވިއްޖެ ނަމަ، އޭނާގެ އުޅުން އިސްލާހު ކުރުމަށް ބާރު އަޅައި އެހީވެދޭނެތީ އެވެ. މިސަބަބަށްޓަކައި، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގައި އާޚިރަތުގެ ވާހަކަތައް ގެނެސް، އެދުވަސް ލޮލަށް ފެންނަ ކަހަލަ ގޮތަކަށް ސިފަކޮށްދީ ބަޔާން ކުރެވިފައިވެއެވެ. ތަޤުވާވެރި މުއުމިނުންނަކީ މިކަން، އާދެ، އާޚިރަތްދުވަސް އަންނާނޭކަން، ހިތުގެ އަޑިން ގަބޫލުކޮށް، ކަށަވަރު ކުރާ ބައެއް ކަމުގައި، އަޅުގަނޑުމެން އަލްބަޤަރާ ސޫރަތުގެ އެއާޔަތުގެ މާނައާއި މެދު ވިސްނަމުންދާ މި އާޔަތުގައި ބަޔާން ކުރެވިފައި ވެއެވެ. އާދެ، وبالآخرة هم يوقنون، އާޚިރަތް ދުވަސް (އަންނާނޭކަމާއި މެދު) ތަޤުވާވެރި މުއުމިނުން ޔަގީންކޮށް ކަށަވަރުކުރެއެވެ.

ތަޤުވާވެރި މުއުމިނުންގެ މުހިއްމު ބައެއް ސިފަތައް ބަޔާންކޮށް ދިނުމަށްފަހު، މިބައި ނިންމާލެވިފައިވަނީ، އެމީހުންނަށް، އިލާހީ ހިތްވަރާއި ބިޝާރާ ދެމުންނެވެ. ދުނިޔަވީ ހަޔާތް އެމީހުން ވޭތު ކުރަމުން ގެންދަނީ ރަނގަޅު ގޮތުގައި ކަމާއި އަދި އާޚިރަތް ދުވަހުން އެމީހުންނަށް ކާމިޔާބު ލިބޭނޭކަން ބަޔާން ކުރަމުންނެވެ. أولئك على هدى من ربهم وألئك هم المفلحون، 'އެމީހުންގެ ސާހިބުވަންތަ ރަސްކަލާނގެ ދެއްކެވި ތެދު މަގުގައި ތިބި ބަޔަކީ އެމީހުންނެވެ. އަދި ކާމިޔާބީ ލިބޭނޭ މީހުންނަކީ ވެސް ހަމަ އެމީހުންނެވެ'. މިއާޔަތުގެ ހިޔަލުގައި ހިނދުކޮޅެއް ހޭދަކޮށްލަމާތޯ އެވެ.

أولئك 'އެއީ' މިލަފްޒަކީ އަރަބި ބަހުގައި ގިނަ ބަޔަކަށް އިޝާރަތް ކުރުމަށް ބޭނުންކުރެވޭ ނަމެކެވެ. މިއާޔަތުގައި މިލަފްޒުން އިޝާރަތް ކުރަނީ ދެވަނަ އާޔަތުގައި ނަންގަނެވިފައިވާ، އަދި ދެން އޮތް ދެއާޔަތުގައި އެމީހުންގެ ސިފަތައް ބަޔާންކޮށް ދެވިފައިވާ، ތަޤުވާވެރި މުއުމިނުންނަށެވެ. މިއާޔަތުގައި ބަޔާން ކުރެވިފައިވަނީ އެމީހުން ތިބީ މާތްﷲގެ ހިދާޔަތުގެ މަގުގައި ކަމެވެ. އާދެ، އެމީހުން ތިބީ އެކަލާނގެ ދެއްކެވި ތެދުމަގުގައި ފައިތަލަ ސާބިތުކޮށްގެން ކަމެވެ. އެހެނީ، ވަކިކަހަލަ ސިފަތަކެއް ލިބިފައި ވުމެވެ. ދެވަނަ އާޔަތާއި ތިންވަނަ އާޔަތުގައި ބަޔާން ކުރެވިފައިވާ ސިފަތަކެވެ. ޣައިބަށް އީމާންވުމާއި ނަމާދު ޤާއިމު ކުރުމާއި، ލިބިފައިވާ ރިޒްގަކުން އެހެން މީހުންނަށް ހޭދަކުރުމާއި، ކީރިތި ޤުރުއާނަށާއި އަދި އެފޮތުގެ ކުރީންވެސް ބާވާލެއްވުނު ފޮތްތަކަށް އީމާންވުމާއި، އާޚިރަތް ދުވަހަށް އީމާންވުން، މިސިފަތަކެވެ. މިކަމުން، އާދެ، އެމީހުން އެތިބީ ތެދު މަގުގައިކަން ކަނޑައަޅާލެވި ފާހަގަކޮށްދެވިފައި ވުމުން، ޝައްކެއްނެތް ގޮތުގައި، އެމަގުގައި ތިބުމަށް ހިތްވަރާއި ބާރު ލިބިގެން ދެއެވެ.

މިއާޔަތުގައި މިނަންގެނުވުނު އިލާހީ ހިތްވަރު ދިނުމުގެ އިތުރުން، ތަޤުވާވެރި މުއުމިނުންނަށް ބިޝާރާއެއް ވެސް ދެވިފައިވެ އެވެ. އާދެ، އެމީހުންނަކީ 'ފަލާހު’، ކާމިޔާބު، ލިބިގެންވާ މީހުންނެވެ. ދުނިޔަވީ ހަޔާތުގެ ވަރުގަދަ އިމްތިހާނުން ފާސްވެ، އާޚިރަތް ދުވަހުން، އިނާމު ލިބޭނޭ މީހުންނަކީ އެމީހުންނެވެ. އާޚިރަތް ދުވަހުން، ދިންނެވުމުގެ އިނާމު ލިބުމުގެއެވެ. ނަރަކައިގެ ވޭނާއި އަޒާބުން މިންޖުވެ، ސަވާބައި ދަރުމަ ލިބޭނޭ މީހުންނަކީ އެމީހުންނަށް ވީތީއެވެ. އެމީހުންގެ ދުނިޔަވީ ހަޔާތް ހެޔޮގޮތުގައި ވޭތުކޮށްލުމުގެ ނަތީޖާއެވެ. އެހެންވެ، އާޚިރަތް ދުވަހު، އެމީހުން، ބިރުގަނެ، ޖެހިލުންވާންވީ ކަމެއް ނެތެވެ. މާތްﷲގެ ރުހިވޮޑިގަތުމާއި އަދި، އެކަލާނގެ ސަވާބާއި ނިއުމަތް، އައްތީނު ސޫރަތުގައި ބަޔާން ކުރެވިފައިވާ ފަދައިން، (فلهم أجر غير ممنون) މެދުކެނޑުމެއް ނެތި އެމީހުންނަށް ލިބޭނޭ ތީއެވެ.

އާދެ، މިހިސާބުން އަލްބަޤަރާ ސޫރަތުގެ ފުރަތަމަ ބައިގައި ހިމެނޭ ފަސް އާޔަތުގެ ތަފްސީރު ނިމުނީއެވެ. ނިންމާލުމުގެ ގޮތުން، މިބައިގެ ކުރު ޚުލާސާއެއްގެ މައްޗަށް އަދި އެއްފަހަރު ބަލައިލަމާތޯއެވެ. މިބައި ފެށުނީ ވަކިކުރެވިފައިވާ އަކުރަތަކުގެ ތެރެއިން ތިން އަކުރަކުންނެވެ. އަލިފް ލާމް މީމް، މިތިން އަކުރުންނެވެ. އެއަށްފަހު، ކީރިތި ޤުރްއާނުގެ މައުޟޫއަކީ އިލާހީ ހިދާޔަތުގެ މަގު ބަޔާން ކޮށް ދިނުންކަން ކަނޑައަޅާ ލެވުނެވެ. އަދި، މިކަމުން ފައިދާ ކުރާނީ ތަޤުވާވެރި މުއިނުންނަށް ކަމުގައި ބަޔާން ކުރެވުނެވެ. ދެން، މިފަދަ މުއުމިނުންގެ ބައެއް ސިފަތައް ބަޔާންކޮށްދެވުނެވެ. އޭގެ ތެރޭގައި، ޣައިބަށް، އީމާންވުމާއި، ނަމާދު ގާއިމުކުރުމާއި އެހެން މީހުންނަށް، ވީވަރަކުން، އެހީތެރިވުމާއި، ކީރިތި ޤުރުއާނާއި އަދި އެހެން އިލާހީ ފޮތްތަކަކީވެސް މާތްﷲ ބާވާލެއްވި ފޮތްތަކެއްކަމަށް އީމާންވުމާއި އާޚިރަތް ދުވަހަށް އީމާންވުން ހިމެނެއެވެ.

މިބައިގައި، އިސްލާމް ދީނުގެ އަގީދާއާ ބެހޭ ބައެއް މުހިއްމު އަސާސުތައް ބަޔާން ކުރެވި ނުވަތަ އެކަމަށް އިޝާރަތް ކުރެވިފައި ވެއެވެ. އެންމެ ފުރަތަމަ މާތްﷲ އަށާއި މަލާއިކަތް ބޭކަލުންނަށް އީމާންވުމެވެ. މިކަން، ޣައިބަށް އީމާންވުމުގެ ތެރޭގައި ހިމެނެއެވެ. ދެން ފޮތްތަކަށް އީމާން ވުމެވެ. މިކަމުގެ ތެރޭގައި ރަސޫލުބޭކަލުންނަށް އީމާންވުން ހިމެނެއެވެ. ތިންވަނައަށް، އާޚިރަތް ދުވަހަށް އީމާންވުމެވެ. އީމާންކަމުގެ ބައެއް އަސާސީ ކަންތައްތަކުގެ އިތުރުން، މިބައިގައި އިސްލާމް ދީނުގެ ދީނީ ބައެއް ރުކުންތައް ވެސް ބަޔާން ކުރެވިފައި ވެއެވެ. ނަމާދު ކުރުމާއި ޒަކާތް ދިނުމެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *