Support Us

ހަނިމާދޫ- ބެންގަލޫރު ދަތުރުތައް މޯލްޑިވިއަނުން އަންނަ ބުރާސްފަތި ދުވަހު ފަށަނީ

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުން އިންޑިއާގެ ބެންގަލޫރަށް ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ސީދާ ދަތުރުތައް އަންނަ ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އައިލެންޑް އެވިއޭޝަން ސާވިސަސް ލިމިޓެޑް (އައި.އޭ.އެސް.އެލް)އިން ބުނެފިއެވެ.

މިއީ ރާއްޖޭގެ އުތުރުގެ ސަރަހައްދުތައް އެހެން ސަރަހައްދުތަކާ އިތުރަށް ގުޅުވައިލަން މޯލްޑިވިއަނުން އިސްނަގައިގެންކުރާ ކަމެއްކަމަށް އައި.އޭ.އެސް.އެލްއިން އިއްޔެ ނެރުނު ބަޔާނެއްގައި ބުންޏެވެ.

މި އާ ރޫޓުގައި ދިވެހިންނަށް ރިޓާން ޓިކެޓް ވިއްކުމަށް ހަމަޖައްސައިފައިވަނީ 299 ޑޮލަރު (4،610ރ.)އަށެވެ.

މި އާ ހިދުމަތުގެ ސަބަބުން ބެންގަލޫރުގެ ދުނިޔޭގެ ފެންވަރުގެ ސިއްހީ ފަރުވާ ދޭ މަރުކަޒުތަކާއި ޝޮޕިން އަވަށްތަކާއި ވިޔަފާރި މަރުކަޒުތަކާއި ބެންގަލޫރުގެ މުއްސަނދި ސަގާފަތް ތަޖުރިބާކޮށްލަން ފަސޭހަވާނެކަމަށް އައި.އޭ.އެސް.އެލްއިން ބުންޏެވެ.

އެތައް އަހަރުތަކެއް ވަންދެން ދިވެހީން ސިއްހީ ފަރުވާއިން ފެށިގެން މަތީ ތައުލީމު ހޯދުމާ ހަމައަށް ބެންގަލޫރަށް ދަތުރުކުރަމުން އަންނަ އިރު މިހާރު ހަނިމާދޫން ސީދާ ދަތުރުތައް ހަމަޖެހުމުން މި ހިދުމަތްތައް ލިބުމަށް އިތުރަށް ފަސޭހަވާނެކަމަށް އައި.އޭ.އެސް.އެލްއިން ބުންޏެވެ.

"މި އާ މަގަކީ އުތުރުގެ ރައްޔިތުންނަށް ހާއްސަ މަގެއް. ސަބަބަކީ ކުރިން ބެންގަލޫރަށް ދިއުމަށްޓަކައި މާލެ ނުވަތަ އެހެން ޓްރާންސިޓް ޕޮއިންޓްތަކެއް މެދުވެރިކޮށް ދަތުރުކުރަން ޖެހޭތީ. މިހާރު ޑޮމެސްޓިކް ކަނެކްޝަންތަކުގެ ބޭނުން ނައްތައިލުމުން ވަގުތު ސަލާމަތްވެ، ދަތުރުފަތުރުގެ އުނދަގޫ ކުޑަވެ، އާއިލާތަކާއި ދަރިވަރުންނާއި ބަލިމީހުންނަށް ވެސް ޖުމުލަ ގޮތެއްގައި ލިބޭނެ ފުރުސަތު އިތުރުވެގެންދާނެ،" އައި.އޭ.އެސް.އެލްއިން ބުންޏެވެ.

ހަނިމާދޫ- ބެންގަލޫރު ރޫޓުގެ ޓިކެޓް މިހާރު ލިބެން އެބަހުރިކަމަށާއި ބުކް ކުރެވޭނެ ވަސީލަތްތަކުގެ ތެރޭގައި މޯލްޑިވިއަންގެ ވެބްސައިޓް (www.maldivian.aero) އާއި މޮބައިލް އެޕާއި އެއާލައިންގެ ސޭލްސް ޗެނަލްތައް ހިމެނޭކަމަށް އައި.އޭ.އެސް.އެލްއިން ބުންޏެވެ.

"(ހަނިމާދޫ- ބެންގަލޫރު ރޫޓު) ލޯންޗުކުރުމަކީ ސަރަހައްދާ މޯލްޑިވިއަންގެ ގުޅުންތައް ފުޅާކޮށް، އިތުރު ދިވެހީންނަށް އަރާމުކަމާއި އަގުހެޔޮކަމާއި އަދި ސީދާކޮށް ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެޅުނު ބޮޑު ފިޔަވަޅެއް،" އައި.އޭ.އެސް.އެލްއިން ބުންޏެވެ.