އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތްތަކުގެ ތެރެއިން އަމިއްލަ ގޭގައި ނުވަތަަ އެއްތަނުން އަނެއްތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަަ އެނޫންވެސް ހިދުމަތެއް ދިނުމަކީ ރަޖިސްޓްރީ ކުރަން ޖެހޭނެ ހިދުމަތެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އެއްވެސް ފަރާތަކުން ވިޔަފާރި އުސޫލުން ކާބޯތަކެތީގެ ހިދުމަތް ދޭނަމަ ހުއްދަ ނަގަން ޖެހޭނެ ކަމަށާއި ހުއްދަ ނުހޯދައި އެ ހިދުމަތް ދޭނަމަ އެ ފަރާތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ނިންމުމާ ގުޅިގެން އާއްމުންގެ ގިނަ ބަޔަކު، ވަކިން ހާއްސަކޮށް، ގޭގައި ތިބެގން ކާބޯތަކެތީގެ ހިދުމަތް ދެމުން ގެންދާ ގިނަ ބައެއް ގެންދިޔައީ ނުރުހުން ފާޅުކުރަމުންނެވެ.
އާއްމުންގެ ޝަކުވާތައް ސޯޝަލް މީޑިއާގައި ގިނަވެފައި ވަނިކޮށް، ރޭ އިކޮނޮމިކް މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ނުވަ ވަނަ މާއްދާގެ (ހ) ގެ ދަށުން ވަކި ފަރުދުން އާމްދަނީ ހޯދުމަށް ކުރާ ބައެއް ކަންކަމަކީ، އިސްތިސްނާވެގެންވާ ވިޔަފާރި ކަމުގައި ކަނޑައަޅާފައިވާ ކަމަށެވެ.
"އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތުގެ ތެރެއިން، އަމިއްލަ ގޭގައި ނުވަތަ އެއްތަނުން އަނެއް ތަނަށް ގޮސް ފަންނީ ހިދުމަތެއް ނުވަތަ އެނޫންވެސް ހިދުމަތެއް ފޯރުކޮށްދިނުމަކީ، ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަން ނުޖެހޭ ފަދަ މަސައްކަތްތަކެވެ.،" އެބަޔާނުގައިވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން އަމިއްލަ ދިރިއުޅުމަށްޓަކައި ކުރާ މަސައްކަތެއްގެ ގޮތުގައި ބެލެވެނީ އެ މަސައްކަތަކީ ވަޒީފާގައި ބަޔަކު ގެންގުޅުމަކާ ނުލައި ތިމާ އަމިއްލައަށް ކުރާ މަސައްކަތެއް ކަމުގައިވާން ޖެހޭނެ ކަމަށެވެ. އަދި ގޭގައި ތިބެގެން އާއްމުދަނީޢެއް ހޯދުމަށް މަސައްްކަތް ކުރަން ބޭނުންވާ ފަރާތްތަކަށް (ހޯމް ބޭސްޑް ވަރކާޒް ނުވަތަ ސެލްފް އެމްޕްލޮއިޑް) ވަގުތީ ގޮތުން ނުވަތަ ދާއިމީ ގޮތުން އާމްދަނީ ހޯދުމަށް ގޭގައި މަސައްކަތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެމިނިސްޓްރީން ބުންޏެވެ.
"ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރަން ލާޒިމް ވިޔަފާރިތަކަކީ އާމްދަނީޢެއް ހޯދުމުގެ ބޭނުމުގައި ހިންގާ ނުވަތަ ކުރާ މުދާ ގަނެވިއްކުމުގެ މަސައްކަތް؛ ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ އުފެއްދުންތެރިކަމުގެ މަސައްކަތް؛ ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ފޯރުކޮށްދޭ ފަންނީ ހިދުމަތް؛ ވިޔަފާރި އުސޫލުން ފައިދާއެއް ހޯދުމުގެ ނިޔަތުގައި ހިންގާ ހިދުމަތް ދިނުމުގެ މަސައްކަތް؛ މާލީ ފައިދާއެއް ހޯދުމުގެ ބޭނުމުގައި ނުއުފުލޭ މުދަލާ ގުޅޭ ގޮތުން ހައްގުތައް ދިނުން؛ މާލީ ފައިދާއެއް ހޯދުމުގައި ހިންގާ އެނޫންވެސް ހަރަކާތްތައް، މިއެވެ،" އިކޮނިމިކް މިނިސްްޓްރީގެ ބަޔާނުގައިވެ އެވެ.
އިކޮނިމިކް މިނިސްޓްރީން ބުނީ ކޮވިޑް19 އާ ގުޅިގެން ރާއްޖޭގެ އާބާދީގެ ގިނަ ބައެއްގެ އާމްދަނީއަށް ނޭދެވޭ އަސަރުކޮށްފައިވާ ކަމަށާއި ދިރިއުޅަމަށް ގޭގައި ތިބެގެން މަސައްކަތްކޮށް އާމްދަނީ ހޯދަމުން އަންނަ ފަރާތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ. އަދި ގޭގައި ތިބި އާމްދަނީ ހޯދަ ފަރާތްތަކުން ވެސް އާއްމު ސިއްހަތު ރައްކާތެރިކަމުގެ ގާނޫނުގެ ދަށުން އެޗްޕީއޭއިން ކަނޑައަޅާފައިވާ ސާފުތާހިރުކަމުގެ މިންގަނޑުތަކާ އެއްގޮތަށް އަމަލް ކުރުމަކީ މުހިންމު ކަމެއްގެ ގޮތުގައި އިކޮނޮމިކް މިނިސްޓްރީން ވަނީ ފާހަގަކޮށްފަ އެވެ.



advertisment