Support Us

ރާއްޖެ އާއި މެލޭޝިއާއިން 6 ދާއިރާއަކުން އެއްބާރުލަނީ

މެލޭޝިއާއިން ރާއްޖެއާއެކު އިގުތިސާދީ ގުޅުންތައް އިތުރުކުރާނެ ފުރުސަތުތައް ހޯދަމުން އަންނާނެކަމަށް އެ ގައުމުގެ އިންވެސްޓްމަންޓް، ޓްރޭޑް އެންޑް އިންޑަސްޓްރީ މިނިސްޓަރު ޓެންގްކޫ ދާތުކް ސެރީ ޒަފްރުލް ޓެންގްކޫ އަބްދުލްއަޒީޒު ވިދާޅުވެއްޖެއެވެ.

މެލޭޝިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް 2025 ގައި ދެއްވި ކީނޯޓް ހިތޯބުގައި ޒަފްރުލް ވިދާޅުވީ މެލޭޝިޔާއިން ރާއްޖެ ދެކެނީ އިންޑިއާ ކަނޑުގެ ފުރުސަތުތަކަކަށް ވަދެވޭނެ މަގެއްގެ ގޮތުގައި ކަމަށެވެ.

ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރިއެރުވުމާއި ޕާޓްނާޝިޕް އުފެއްދުމާއި ދިގު މުއްދަތުގެ ވިޔަފާރީގެ ފުރުސަތުތައް ހުޅުވައިލުމަށް މުހިންމު ޕްލެޓްފޯމެއް ކަމަށްވާ މެލޭޝިއާ-މޯލްޑިވްސް ބިޒްނަސް ފޯރަމް 2025 ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އާއި މެލޭޝިއާގެ ބޮޑު ވަޒީރު ދާތުކް ސެރީ އަންވަރު އިބްރާހީމުއެވެ. އަދި މި ފޯރަމްގައި ވަޒީރުންނާއި ސިނާއަތްތަކުގެ ވެރިން ބައިވެރިވިއެވެ.

"އެމެރިކާގެ ސިޔާސަތުގެ ޔަގީންކަން ނެތް ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ އިގުތިސާދީ ގުޅުން ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއް. ސަގާފީ އެއް ގޮތް ކަންތައްތައް ބޭނުންކޮށްގެން، އިންޑިއާ ކަނޑުގެ ޖަވާހިރު ކަމަށްވާ ރާއްޖެއިން މެލޭޝިއާގެ އިންވެސްޓަރުންނަށް ފުޅާ ފުރުސަތުތަކެއް ލިބެން އެބަހުރި،" ދެ ގައުމުގެ ސަރުކާރުގެ އޮފިޝަލުންނާއި ވިޔަފާރިވެރިން ބައިވެރިވި ފޯރަމްގައި ޒަފްރުލް ވިދާޅުވި އެވެ.

މި މަންސަގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓާއި ޕްރައިވެޓް ސެކްޓަރަށް ލިބެން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން އޭނާ ވަނީ ވާހަކަދައްކަވައިފައެވެ.

މި ދިޔަ އަހަރު ރާއްޖެ ވެގެން އައީ ދެކުނު އޭޝިއާގައި މެލޭޝިއާގެ ހަވަނައަށް އެންމެ ބޮޑު ވިޔަފާރީގެ ބައިވެރިޔާއަށެވެ. އެ ގޮތުން ދެ ގައުމުގެ ވިޔަފާރި 862.7 މިލިއަން ރިންގިޓް (3.1 ބިލިއަން ރުފިޔާ)އަށް އެރިއެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 4.3 ޕަސެންޓްގެ އިތުރުވުމެކެވެ.

ޒަފްރުލް ވިދާޅުވި ގޮތުގައި މި ކުރިއެރުމަކީ ރާއްޖެ އާއި މެލޭޝިއާއާ ދެމެދު އިގުތިސާދީ ގޮތުން ވަރުގަދަ ގުޅުންތަކެއް ދައްކުވައިދޭ ކަމެކެވެ. ނަމަވެސް ހާއްސަކޮށް ފަތުރުވެރިކަމުގެ އިންފްރާސްޓްރަކްޗަރު، ހޮސްޕިޓަލިޓީ، ހަލާލު ކާބޯތަކެތި، ސިއްހީ ފަރުވާ، އިކޯ ޓޫރިޒަމް އަދި ފެހި ހަކަތަ ފަދަ ދާއިރާތަކުގައި ބޭނުން ނުކުރެވި ހުރި ބޮޑެތި ފުރުސަތުތަކެއް އެބަހުރިކަން އޭނާ ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ ސީކްރެޓް ރެސިޕީ އާއި ދަ މެންހެޓްން ފިޝް މާކެޓް އަދި ރެމްސީ ސައިމް ޑާރްބީ ހެލްތްކެއާ ފަދަ މެލޭޝިއާގެ ބްރޭންޑްތައް ރާއްޖޭގައި މިހާރު ވެސް ހުރިކަމީ އެ ގައުމުގެ ވިޔަފާރިތަކަށް ރާއްޖޭގައި ރަނގަޅު އިންވެސްޓްމަންޓްގެ މާހައުލެއް އޮތްކަމުގެ ހެކިތަކެއް ކަމަށެވެ.

ޒަފްރުލް މެލޭޝިއާގެ ވިޔަފާރިތަކަށް އިލްތިމާސް ކުރެއްވީ އިންޑިއާ ކަނޑުގައި ރާއްޖެ އޮތް މުހިއްމު ސަރަހައްދާއި ރާއްޖޭގައި އިންވެސްޓަރުންނަށް އޮތް ރައްޓެހި ސިޔާސަތުތަކުގެ ބޭނުންކޮށްގެން އެ މީހުންގެ ވިޔަފާރި ފުޅާކުރުމަށެވެ.

"ރާއްޖެއަކީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ގައުމަކަށް ވާތީ ހަލާލު ސެޓްފިކެޓް ދިނުމާއި އިސްލާމީ ފައިނޭންސް އާއި ބޭސް އުފެއްދުމާއި ހަލާލު ކާބޯތަކެތި އުފެއްދުމުގައި އެއްބާރުލުން އިތުރު ކުރަން ޖެހޭ،" އަންނަ ސެޕްޓެމްބަރު މަހު މެލޭޝިއާގެ ވެރިރަށް ކުއަލަ ލަމްޕޫރުގައި ބާއްވާ މެލޭޝިއާ އިންޓަނޭޝަނަލް ހަލާލު ޝޯކޭސްގައި ބައިވެރިވުމަށް ރާއްޖޭގެ ވިޔަފާރިތަކަށް ދައުވަތު ދެއްވަމުން ޒަފްރުލް ވިދާޅުވިއެވެ.