ހުއްދަ ނެތި ސުލްހަވެރިކަމާއެކު މާލޭގައި އެއްވެއުޅެވޭނެ ސަރަހައްދުތައް ސަރުކާރުން މިއަދު އިތުރުކޮށްފިއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ޞުލްޙަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން މިހާރު ކަނޑައަޅާފައި ވަނީ އެންމެ ސަރަހައްދެއް ކަމުގައި ވާތީ، މާލޭގައި ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ ފުރުސަތު އިތުރަށް ފަހިކުރުމުގެ ގޮތުން، ދިވެހި ފުލުހުންގެ ޚިދުމަތުން ލިޔުމުން ދޭ ހުއްދައަކާއެކު ފިޔަވައި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ނުވަތަ އުޅަނދުބުރެއް ބޭއްވޭނެ ސަރަހައްދުތަކުގެ ގޮތުގައި ހަތަރު ސަރަހައްދެއް ކަނޑައަޅައިފައިވާ ކަމަށެވެ.
ހުއްދަ ނެތި އެއްވެ އުޅެވޭނެ ސަރަހައްދުތައް
- ހެންވޭރު ކާނިވާ ސަރަހައްދު
- ރަސްފަންނު ސަރަހައްދު
- މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދު (އިންޑަސްޓްރިއަލް ޒޯނުގެ ގޮތުގައި ކަނޑައެޅި)
- އުސްފަސްގަނޑު ސަރަހައްދު
ހުއްދަ ނެތި ސުލްހަވެރިކަމާއެކު މާލޭގައި އެއްވެއުޅެވޭނެ ސަރަހައްދުތައް ސަރުކާރުން މި އިތުރުކުރީ، މާލޭގެ ބޮޑެތި ބައެއް މަގުތަކަށް އެއްވެ, މަގުތައް ބަންދުކޮށްގެން ތިބެ މިއުޒިކާއި ކުޅިވަރުކުޅުމުގެ ސަބަބުން، ޓްރެފިކާއި އެ ސަރަހައްދުތަކުގެ ވިޔަފާރިތަކަށް ގެއްލުންވެ، އާންމުނަށް އުނދަގޫވުމުގެ ޝަކުވާތައް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.



advertisment